ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގައި މެކްސިކޯއިން ކުޅުނު ތިންވަނަ މެޗުގައި ޗެކް ރިޕަބްލިކްވެސް ބަލިކޮށް، މެކްސިކޯއިން ފުރިހަމަ ރެކޯޑަކާއެކު ގްރޫޕް ސްޓޭޖު ނިންމާލައިފިއެވެ.
މެކްސިކޯ ސިޓީ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުން މެކްސިކޯ މޮޅުވީ 0-0 އިންނެވެ. އެއާއެކު މެކްސިކޯއަށް ތިން މެޗުން ނުވަ ޕޮއިންޓް ލިބުނު އިރު، އެޓީމު ކޮޅަށް ގްރޫޕް ސްޓޭޖުގައި ގޯލެއްވެސް ވަދެފައެއް ނުވެއެވެ.
ގްރޫޕް އޭގެ ދެވަނައިގައި ނިންމާލީ ދެކުނު އެފްރިކާއެވެ. އެއީ މިރޭ ދެކުނު ކޮރެއާ ކައިރިން 1-0 އިން މޮޅުވެގެންނެވެ. ދެކުނު ކޮރެއާ ތިން މެޗުން ތިން ޕޮއިންޓް، -1 ގޯލާއެކު ތިންވަނައިގައި އޮތީ ކުޑަ އުންމީދެއްގައި ނަމަވެސް ތިން މެޗުން އެއް ޕޮއިންޓާއެކު ޗެކް ވަނީ މުބާރާތުން ކަޓައިފައެވެ.
މެޗަށް ނުކުތްއިރުވެސް މެކްސިކޯ އޮތީ ގްރޫޕްގެ އެއްވަނަ ޔަގީން ކޮށްފައެވެ. އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅެމުންދާ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖު ފުރިހަމަކޮށް ނިންމާލުމަށް އެޓީމަށް މޮޅެއް މުހިއްމުވެފައި އޮތް އިރު، އަނެއްކޮޅުން ޗެކް ރިޕަބްލިކަށް އޮތީ މިރޭ މޮޅެއް މަޖުބޫރެވެ.
ޗެކުން ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުގައި ދެކުނު ކޮރެއާ ކައިިރިން 2-1 އިން ބަލިވި އިރު، ދެން ކުޅުނު މެޗުގައި ދެކުނު އެފްރިކާ ކައިރިން އެއްވަރުވީ 1-1 އިންނެވެ. މެކްސިކޯއިން ކުޅުނު ދެމެޗުންވެސް މޮޅުވެފައި އޮތް އިރު، އެޓީމުން ވަނީ ފުރަތަމަ މެޗުގައި ދެކުނު އެފްރިކާ ކައިރިން 2-0 އަދި ދެވަނަ މެޗުގައި ދެކުނު ކޮރެއާ ކައިރިން 1-0 އިން މޮޅުވެފައެވެ.
މެކްސިކޯއަކީ އަމިއްލަ ގައުމުގެ ވޯލްޑް ކަޕްތަކުގައި މީގެ ކުރިންވެސް ތަފާތު ދެއްކި އިރު، އެޓީމަށް މިފަހަރުވެސް އޮތީ އެ ޒިންމާއެވެ. މެކްސިކޯ އިން ވޯލްޑް ކަޕުގެ އެންމެ ރަނގަޅު ނަތީޖާއެއް ނެރުނީ 1970 އަދި 1986ގެ ވޯލްޑް ކަޕުގައެވެ. އަމިއްލަ ގައުމުގައި ކުޅުނު އެ ދެ މުބާރާތުގައި ވެސް މެކްސިކޯ ވަނީ ކުއާޓާ ފައިނަލާ ހަމައަށް ދަތުރުކޮށްފައެވެ.
މިރޭގެ މެޗަށް މެކްސިކޯ ނުކުތީވެސް ފުރަތަމަ 11 އަށް ބަދަލުތަކަކާއެކުގައެވެ. ރައުލް ހިމަނޭޒް ފުރަތަމަ 11 ގައި ހިމެނިފައި ނުވާ އިރު، ގިލާމޯ މާޓިނޭޒް، ސޭޒާ މޮންޓޭޒް، މަޓެއޯ ޗާވޭޒް އަދި ގިލްބާޓޯ މޯރާއަށްވެސް ކޯޗު ވަނީ ފުރަތަމަ 11 އިން ފުރުސަތު ދީފައެވެ. އޭގެ ތެރެއިން މޯރާއަކީ 17 އަހަރުގެ ކުޅުންތެރިއެކެވެ.
ފުރަތަމަ ހަމަލާ ކުރީކޮޅުގައި ފެނުނީ ޗެކްގެ ފަރާތުންނެވެ. ޕަވެލް ސަލްކް، އަރިމަތިން ގޮސް ނަގައިދިން ބޯޅަ، ޑެނިސް ވިސިންސްކީ ބޮލުން ފޮނުވާލި ނަމަވެސް ގޯލާ އަމާޒުނުވެ ދިޔަ އިރު، އޭނާގެ އިތުރު ހަމަލާއެއް 15 ވަނަ މިނެޓުގައިވެސް ފެނުނެވެ. އެ ބޯޅަވެސް ގޯލާ އަމާޒުކޮށްލެވޭ ގޮތެއް ނުވިއެވެ.
އޭގެފަހުން މެޗުގެ ފުރަތަމަ ހާފުގައި ހަމަލާތައް މަދުކޮށް ފެނުނު އިރު، ދެޓީމުންވެސް ކުޅެމުން ދިޔައީ މާބޮޑު ރިސްކެއް ނުނަގައެވެ. ހާއްސަކޮށް މެކްސިކޯއިން ބެލީ ގޭމް މެނޭޖް ކުރެވޭތޯއެވެ. ހާފު ނިމެން ދަނިކޮށް މެކްސިކޯގެ ހޫލިއަން ކިންނޯނެސް އަށް ފުރުސަތެއް ލިބުނު ނަމަވެސް، އެ ފުރުސަތުގެ ބޭނުން ރަނގަޅަށް ހިފޭނެ ގޮތެއް ނުވިއެވެ.
ދެވަނަ ހާފު އެއާ ތަފާތެވެ. މެކްސިކޯއިން ދެވަނަ ހާފު ފެށީ މާބޮޑަށްވެސް ވަރުގަދަކޮށެވެ. އަމިއްލަ ސަޕޯޓަރުންގެ މާޔޫސްކަން ފިލުވާލުމަށެވެ. އެ ތަފާތާއެކު ރަނގަޅަށް ބޯޅަ ހިފަހައްޓައި، ކުޅުންގަނޑު އަވަސް ކޮށްލިއެވެ. ނަތީޖާއެއްގެ ގޮތުން 55 ވަނަ މިނެޓުގައި އެޓީމުން ލީޑު ނެގިއެވެ.
މެދުތެރެއިން ޒުވާން ތަރި ލުއިސް ރޯމޯ ކުރި މަސައްކަތުގައި ކުރިއަށް ދުއްވާލި ބޯޅައިގައި މެކްސިކޯއަށް ލީޑު ނަގައިދިނީ މަޓެއޯ ޗާވޭޒްއެވެ. އޭރިއާ ތެރެއިން އޭނާ ފޮނުވާލި ބޯޅަ އަމާޒުކޮށްލީ ސީދާ ކަނަށެވެ.
އެހިސާބުން މެކްސިކޯގެ ފޯމު އަލުން ފެންނަން ފެށިއެވެ. ސަޕޯޓަރުންގެ އުފާވެރިކަމާއެކު މުޅި ދަނޑު ގުގުމަމުން ދިޔައެވެ. މާގިނައިރެއް ނުވެ، މެކްސިކޯއިން ދެވަނަ ގޯލެއްވެސް ޖެހިއެވެ. މިފަހަރު ކިންނޯނެސްއެވެ.
އެ ގޯލްގައި މޯރާގެ ހުނަރުވެރިކަން ފުރިހަމައަށް ފެނުނެވެ. އޭނާ މެދުން ރަނގަޅު ރަން އެއް ނަގައި ދުއްވާލި ބޯޅައިގައި ސަންޗޭޒް ފޮނުވާލަން މަސައްކަތް ކުރި ބޯޅައަށް ކީޕަރު ހުރަސް އެޅި ނަމަވެސް، ދެވަނަ ފަހަރަށް ޗެކްގެ ޑިފެންސުން ސާފުކޮށްލަން ޖެހި ބޯޅަ އަމާޒުވީ ވެއްޓިފައި އޮތް ސަންޗޭޒްގެ ގަޔަށެވެ. އެއާއެކު ރިބައުންސަށް ނުކުތް ބޯޅައިގައި ކިންނޯނެސް ވަނީ ބޯޅަ ގޯލަށް ވައްދާލައިފައެވެ.
މެޗުގެ ހައިޑްރޭޝަން ބްރޭކަށްފަހު ޗެކުން ކުރިއަށް ކުޅުންތެރިން ނެރެގެން ކުޅެން މަސައްކަތް ކުރި ނަމަވެސް، ގިނަ ހަމަލާތަކެއް އުފައްދަން ވަނީ އުނދަގޫވެފައެވެ.
މެޗުގައި ބާކީ 13 ވަރަކަށް މިނެޓަށް ވެފައި ވަނިކޮށް، މެކްސިކޯއިން ވަނީ އެގައުމުގެ ލެޖެންޑަރީ ގޯލްކީޕަރު ގިލާމޯ އޮޗޮއާ ދަނޑު މައްޗަށް ނެރެފައެވެ. އެއީ ކީޕަރު ރައުލް ރަންހޭލްގެ ބަދަލުގައެވެ. އޮޗޮއާ ވެގެން ގޮސްފައި ވަނީ ލިއޮނަލް މެސީއާއި ކްރިސްޓިއާނޯ ރޮނާލްޑޯގެ އިތުރުން ހަ ވޯލްޑް ކަޕެއްގައި ކުޅުނު ފުރަތަމަ ކުޅުންތެރިޔާއަށެވެ.
މެޗުގެ ފަހުކޮޅުގައި މެކްސިކޯއިން މެޗު ކޮންޓްރޯލްކޮށް ކުޅުނު އިރު، އެޓީމުން ވަނީ ތިންވަނަ ގޯލެއްވެސް ޖަހައި މުޅި ދަނޑު ކައްކުވާލައިފައެވެ. އޭރިއާ ތެރެއިން ރޮބާޓޯ އަލްވަރާޑޯ ފޮނުވާލި ހަމަލާ ޗެކް ކީޕަރު ދިފާއުކުރުން ލިބުނު ފުރުސަތުގައި ބޯޅަ ގޯލަށް ވައްދާލީ އަލްވާރޯ ފިޑަލްގޯއެވެ. އެއާއެކު ޗެކަށް މާބޮޑު ނުރައްކަލެއް ނުކުރެވި، އެޓީމުން ކަޓައިގެން ދިޔައީއެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް