ފުލުހުންގެ އެގްޒެކެޓިވް މެނޭޖްމަންޓް ބޯޑާ، ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރައްވައިފިއެވެ.
ފުލުހުންގެ މައި މަރުކަޒު، ޝަހީދު ހުސައިން އާދަމް ބިލްޑިންގައި އިއްޔެ އޮތް އެ ބައްދަލުކުރެއްވުމުގައި ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޮލޮޖީގެ މިނިސްޓަރު އަލީ އިހްސާނާއި ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު މުހައްމަދާއި ފުލުހުންގެ ހިދުމަތުގެ އެގްޒެކެޓިވް ބޯޑުގެ މެންބަރުން ބައިވެރިވެވަޑައިގަތެވެ.
ފުލުހުން ބުނީ އެ ބައްދަލުވުމުގައި މަޝްވަރާކުރީ އެ މުވައްސަސާގެ ހިދުމަތުގެ ފެންވަރު މަތިކޮށް ފުލުހުންގެ ހިންގުން ހަރުދަނާ ކުރުމުގެ އިތުރުން، ސްޓްރެޓީޖިކް ލަނޑުދަނޑިތައް ހާސިލުކުރުމާ ގުޅޭގޮތުންނެވެ.
އެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ރައްޔިތުންގެ ބޭނުންތަކާއި އިހުސާސްތަކަށް އިސްކަންދީގެން ހިދުމަތް ފޯރުކޮށްދޭ ނަމޫނާ މުއައްސަސާއެއްގެ ގޮތުގައި ފުލުހުންގެ ހިދުމަތް ދެމެހެއްޓުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
އޭގެއިތުރުން، މުޅި ރާއްޖެއަށް ފުލުހުންގެ ހިދުމަތް ފުޅާކޮށް، ހިދުމަތް ދޭން މިހާރު ފެށިފައިވާ އިރު، އެ މުއައްސަސާގެ އިދާރީ ހިންގުން ހަރުދަނާ ކުރުމުގައި އެގްޒެކެޓިވް ބޯޑުން އަދާކުރާ މުހިންމު ދައުރުގެ މައްޗަށް ރައީސް ބައްލަވައިލެއްވިއެވެ.
އެ ބައްދަލުވުމުުގައި ކޮމިޝަނާ އޮފް ޕޮލިސް އާއި އެގްޒެކެޓިވް މެނޭޖްމަންޓް ބޯޑުގެ މެންބަރުން ވަނީ ފުލުހުންގެ ސްޓްރެޓީޖިކް މަގުސަދުތައް ހާސިލުކުރުމަށާއި ރައްޔިތުންގެ އިތުބާރު ހޯދުމުގެ އިތުރުން، ރާއްޖޭގެ އަމަންއަމާންކަމާއި ރައްކާތެރިކަން ގާއިމުކުރުމުގައި ސާބިތުކަމާ އެކު ދެމިތިއްބަވާނެކަމުގެ ފުރިހަމަ ޔަގީންކަން ރައީސް ޑރ. މުއިއްޒުއަށް އަރުވައިފައެވެ.
ފާތިމަތު ލިއުޝާ
ޕޮލިސް
ޕޮލިސް
ޕޮލިސް
ކޮމެންޓް