ޖަރުމަނުން ގްރޫޕް ސްޓޭޖުގެ މިދިޔަ ދެ މެޗުގައި ވެސް މައިގަނޑުކޮށް ބޭނުންކުރި ސެންޓަ ބެކް، ނިކޯ ޝްލޮޓަބެކަށް އަނިޔާވުމާ އެކު، އެ މަގާމު ފޫބައްދަން އެންޓޯނިއޯ ރުޑިގާއަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ކޯޗު ޔޫލިއަން ނާގެލްސްމަން ބުނެފިއެވެ.
ޖަރުމަނުން މިފަހަރު ވޯލްޑް ކަޕްގެ ގްރޫޕް އީގައި ކުޅުނު ދެ މެޗުން ވެސް އޮތީ މޮޅުވެފައެވެ. އެއީ ފުރަތަމަ މެޗުގައި ކިއުރަސާއޯ ކައިރިން 7-1 ގެ ނަތީޖާއަކުން އަދި ދެވަނަ މެޗުގައި އައިވޮރީ ކޯސްޓް ކައިރިން 2-1 ގެ ނަތީޖާއަކުންނެވެ. މިހާރުވެސް ގަދަ 32 ގެ ބުރު ޖަރުމަނުން ޔަގީން ކޮށްފައިވާ އިރު، އެޓީމުން މިރޭ ގްރޫޕްގެ ފަހު މެޗުގައި ނުކުންނާނީ އެކުއެޑޯއާ ދެކޮޅަށެވެ.
އެ މެޗުން ވެސް މޮޅުވާން ކޯޗު ނާގެލްސްމަން ޓާގެޓް ކޮށްފައިވާ އިރު، އޭނާ ފުރަތަމަ 11 ގައި ބޭނުންކުރަމުން ދިޔަ ޝްލޮޓަބެކް ނެތުމަކީ މާޔޫސްކަމެކެވެ. ޝްލޮޓަބެކްގެ ކުޑަ ހުޅަށް ލިބުނު އަނިޔާގެ ސަބަބުން އޭނާއަށް މުބާރާތް ނިމިފައިވާ އިރު، ނާގެލްސްމަންއަށް ވަނީ އެ މަގާމު ފޫބައްދަން ރުޑިގާއަށް އިތުބާރު އެބައޮތް ކަމަށް ބުނެފައެވެ.
"ރުޑިގާ އަހަރެން ކުރި ކުރި އޮޕަރޭޝަންގެ ސަބަބުން އެ ކުރިމަތިވި ކަކުލުގެ ތަދެއް މިހާރަކު ނެތް. އޭނާ އަންނަނީ ރަނގަޅަށް ކުޅެމުން. އައިވޮރީ ކޯސްޓް މެޗުގައި ބަދަލަކަށް ނުކުމެ ވެސް ރުޑިގާ ވަނީ ރަނގަޅު ކުޅުމެއް ދައްކާފައި. އަހަރެން އުންމީދު ކުރަން އޭނާއަށް ގިނަ ވަގުތު ދޭން. އަދި ޔަގީންކަން އެބައޮތް ޒިންމާ އަދާކުރާނެކަމުގެ،" ނާގެލްސްމަން، ރެއާލް މެޑްރިޑްގެ ޑިފެންޑަރު ރުޑިގާއާ ގުޅޭ ގޮތުން ބުންޏެވެ.
ނާގެލްސްމަން ބުނީ ކޮލިފައިވެފައި އޮތަސް ފުރަތަމަ 11 އަށް މާބޮޑު ބަދަލެއް ގެންނަން ނުވިސްނާ ކަމަށާއި މިހާރު ކުޅެމުންދާ ސިސްޓަމަށް އެއްވެސް ބުރައެއް އެރިޔަ ނުދޭން މަސައްކަތް ކުރާނެ ކަމަށެވެ.
އެކުއެޑޯއާ ދެކޮޅަށް ޖަރުމަނު ކުޅޭ މެޗު އޮންނާނީ މިރޭ މެންދަމު 1:00 ގައެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް