ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް އީގެ ފަހު މެޗުތަކާ ކުރިމަތިލާ އިރު، މި ގްރޫޕްގެ ނަތީޖާތައް ނުކުންނާނެ ގޮތަކާ މެދު ވަނީ ބޮޑު ސުވާލުމާކެއް އުފެދިފައެވެ. ދުނިޔޭގެ ޗެމްޕިއަންކަން ހަތަރު ފަހަރު ހޯދާފައިވާ ޖަރުމަނުން މިހާރު ވެސް މުބާރާތުގެ ގަދަ 32 ގެ ޖާގައެއް ކަށަވަރުކޮށްފައިވީ ނަމަވެސް، ދެން އޮތް ޖާގައަށް ވާދަކުރާ ތިން ޓީމުގެ މެދުގައި އޮތީ ފޯރިގަދަ ހަނގުރާމައެކެވެ.
އެއް ވަގުތެއްގައި ކުޅޭ ފަހު ދެ މެޗުގައި ޖަރުމަނުން އެކުއެޑޯއާ ދެކޮޅަށް ނުކުންނަ އިރު، އަނެއް މެޗުގައި ބައްދަލުކުރާނީ އައިވަރީ ކޯސްޓާއި ކިއުރަސާއޯއެވެ. މި ދެ މެޗުގެ ނަތީޖާއިން، މުބާރާތުގައި ކުރިއަށްދާނެ ޓީމުތަކާއި އެނބުރި ގައުމަށް ދާންޖެހޭނެ ޓީމުތައް ކަށަވަރުވެގެންދާނެއެވެ. ފުޓުބޯޅައިގެ ގިނަ ތަޖުރިބާކާރުން ބުނާ ގޮތުގައި މިއީ މިފަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ފެނިގެންދާނެ އެންމެ ވާދަވެރި އެއް ރެއަށް ވާނެއެވެ.
ޖަރުމަނުގެ އަމާޒަކީ ސައްތައިން ސައްތަ ރެކޯޑެއް
މިހާތަނަށް މުބާރާތުގައި ޖަރުމަނުން ދައްކާފައިވަނީ އެ ޓީމުން އުންމީދުކުރި ފަދަ މޮޅު ކުޅުމެކެވެ. ކޯޗު ޖޫލިއަން ނާގަލްސްމަންގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ޖަރުމަނުން މުބާރާތް ފެށީ ކިއުރަސާއޯއާ ދެކޮޅަށް ކުޅުނު މެޗު 7-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ. އޭގެ ފަހުން، ގްރޫޕް ސްޓޭޖުގައި ފެނިގެންދިޔަ އެންމެ ފޯރިގަދަ އެއް މެޗުގައި އައިވަރީ ކޯސްޓުގެ މައްޗަށް ޖަރުމަނުން ކުރި ހޯދީ 2-1 އިންނެވެ. ފީފާގެ ގަވައިދުތައް އޮންނަ ގޮތުން، ހެޑް-ޓު-ހެޑް ނަތީޖާއަށް ބަލާއިރު ޖަރުމަނަށް މިހާރު ވަނީ ގްރޫޕްގެ އެއްވަނަ ކަށަވަރުވެފައެވެ. އެހެންކަމުން، އެކުއެޑޯއާ ދެކޮޅަށް ކުޅޭ މެޗާ އެ ޓީމުން ކުރިމަތިލާނީ އެއްވެސް ޕްރެޝަރެއް ނެތިއެވެ.
ނަމަވެސް، ނާގަލްސްމަން ބުނެފައިވަނީ ޓީމުގެ މޮމެންޓަމް ގެއްލުވާލަން ބޭނުންނުވާ ކަމަށާއި، މެޗުން މޮޅުވުމަށް މަސައްކަތްކުރާނެ ކަމަށެވެ. ބައެއް ކުޅުންތެރިންނަށް އަރާމުކުރުމުގެ ފުރުސަތު ދިން ނަމަވެސް، ޖަމާލް މުސިއާލާ، ފްލޯރިއަން ވާޓްޒް އަދި ކައި ހަވާޓްޒް ފަދަ ކުޅުންތެރިންނާއެކު ޖަރުމަނުގެ އެޓޭކިން ލައިން އޮތީ ވަރަށް ވަރުގަދަކޮށެވެ. މީގެ އިތުރުން، އަނިޔާއިން ރަނގަޅުވެ އެނބުރި އައި ވަރުގަދަ ޑިފެންޑަރު އެންޓޯނިއޯ ރުޑިގާ ވެސް މި މެޗުގައި ފެނުމުގެ ފުރުސަތު ބޮޑެވެ. ޖަރުމަނުގެ އަމާޒަކީ ގްރޫޕް ސްޓޭޖުގެ ތިން މެޗުން ވެސް މޮޅުވެ، ސައްތައިން ސައްތަ ރެކޯޑަކާއެކު ނޮކްއައުޓް ބުރާ ކުރިމަތިލުމެވެ.
އައިވަރީ ކޯސްޓަށް އަމިއްލަ ބާރު، ކިއުރަސާއޯއަށް އާ އުންމީދެއް
ޖަރުމަނުގެ ފަހަތުން ދެވަނަ ބުރަށް ދިއުމުގެ އެންމެ ބޮޑު ފުރުސަތެއް މިހާރު އޮތީ އައިވަރީ ކޯސްޓަށެވެ. އައިވަރީ ކޯސްޓުން ވަނީ ފުރަތަމަ މެޗުގައި 1-0 އިން އެކުއެޑޯ ބަލިކޮށްފައެވެ. އަދި ޖަރުމަނާ ދެކޮޅަށް ކުޅުނު މެޗުން 2-1 އިން ބަލިވި ނަމަވެސް، އެ ޓީމުން ދެއްކި ކުޅުމަށް ގިނަ ބައެއްގެ ތައުރީފު ލިބުނެވެ. އައިވަރީ ކޯސްޓުގެ ކޯޗު އެމާސް ފާއޭ ބުނި ގޮތުގައި، އެ ގައުމުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރަށް ދިއުމުގެ ހައްގު އެ ޓީމަށް އެބައޮތެވެ. އޭނާ ފާހަގަކުރި ގޮތުގައި ކުޅުންތެރިން ތިބީ މި ތާރީހީ ކާމިޔާބީ ހޯދުމަށް ވަރަށް ބޮޑަށް ތައްޔާރުވެގެންނެވެ.
އައިވަރީ ކޯސްޓާ ދެކޮޅަށް ނުކުންނަ ކިއުރަސާއޯއަށް މި ވޯލްޑް ކަޕަކީ އެގައުމުގެ ފުރަތަމަ ވޯލްޑް ކަޕް ތަޖުރިބާއެވެ. ކަރުދާހުގައި އައިވަރީ ކޯސްޓް ވަރުގަދަ ނަމަވެސް، ފާއޭ ވަނީ ކިއުރަސާއޯއާ މެދު ފަރުވާކުޑަނުކުރުމަށް އޭނާގެ ކުޅުންތެރިންނަށް އިރުޝާދުދީފައެވެ. ސަބަބަކީ، ފުރަތަމަ މެޗުގައި ޖަރުމަނު އަތުން ބޮޑު ތަފާތަކުން ބަލިވި ނަމަވެސް، ދެވަނަ މެޗުގައި އެކުއެޑޯއާ 0-0 އިން އެއްވަރުކޮށް ކިއުރަސާއޯއިން ހިތްވަރު ދައްކާފައިވުމެވެ. އައިވަރީ ކޯސްޓަށް މޮޅުވެގެން ދެވަނަ ބުރު ޔަގީންވާ އިރު، ޕޮއިންޓެއް ގެއްލިއްޖެނަމަ އެކުއެޑޯއަށް ފުރުސަތު ހުޅުވޭނެއެވެ.
އެކުއެޑޯއަށް އޮތީ އުނދަގޫ އިމްތިހާނެއް
މުބާރާތުގައި ކުރިއަށްދިއުމަށް އެކުއެޑޯއަށް އޮތީ ވަރަށް އުނދަގޫ މަސައްކަތެކެވެ. ފުރަތަމަ މެޗުގައި އައިވަރީ ކޯސްޓް އަތުން ބަލިވެ، ދެވަނަ މެޗުގައި ކިއުރަސާއޯއާ އެއްވަރުވުމުން، އެކުއެޑޯއަށް ދެވަނަ ބުރަށް ދިއުމުގެ އުންމީދު ދެމެހެއްޓޭނީ ޖަރުމަނާ ދެކޮޅަށް ކުޅޭ މެޗުން ރަނގަޅު ނަތީޖާއެއް ނެރެވިގެންނެވެ. ދެކުނު އެމެރިކާ ބައްރަށް ނިސްބަތްވާ މި ޓީމަށް މިހާތަނަށް މުބާރާތުގައި ގޯލެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ.
މުބާރާތުގައި އެކުއެޑޯގެ ޑިފެންސް ވަރުގަދަކޮށް ފެނުނު ނަމަވެސް، ގޯލު ޖެހުމުގައި އެ ޓީމަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެފައެވެ. މުބާރާތުގެ އެންމެ ވަރުގަދަ އެއް އެޓޭކިން ލައިން އޮތް ޖަރުމަނާ ދެކޮޅަށް ކުޅޭ އިރު، އެކުއެޑޯއިން ޑިފެންސް ކުރުމުގެ އިތުރުން ގޯލު ޖެހުމަށް ވެސް ސަމާލުކަން ދޭންޖެހޭނެއެވެ. އެމެރިކާގެ ފިލަޑެލްފިއާގައި ކުޅޭ މި މެޗުން އެކުއެޑޯ މޮޅުވެއްޖެނަމަ ދެވަނަ ބުރުގެ ފުރުސަތު ބޮޑުވާނެއެވެ. ނަމަވެސް އެއްވަރުވެއްޖެނަމަ، އެ ޓީމަށް މުބާރާތް ނިމުނީއެވެ އެކުއެޑޯގެ ކުޅުންތެރިންނަށް މި މެޗުގައި އެންމެ މުހިންމު ވާނީ ޖަރުމަނުގެ ހަލުވި އެޓޭކުތައް ހުއްޓުވައި، ކައުންޓާ އެޓޭކުގައި ގޯލު ޖަހާނެ ފުރުސަތުތައް ތަނަވަސްކުރުމެވެ.
ކިއުރަސާއޯގެ ތާރީހީ އުންމީދުތައް
ފުރަތަމަ މެޗުގައި ޖަރުމަނު އަތުން 7-1 އިން ބަލިވި ނަމަވެސް، ކިއުރަސާއޯއިން ވަނީ އެ ޓީމުގެ ހިތްވަރު ދައްކައިފައެވެ. އެކުއެޑޯއާ ދެކޮޅަށް ކުޅުނު މެޗުގައި ކިއުރަސާއޯއިން ދެއްކި މޮޅު ޑިފެންސިވް ކުޅުމުގެ ފަހަތުގައި ހުރީ އެ ޓީމުގެ ގޯލްކީޕަރު އެލޯއީ ރޫމްއެވެ. އެ މެޗުގައި އޭނާ ވަނީ 15 ސޭވް ކޮށްފައެވެ. މިއީ އިތުރު ވަގުތާ ނުލައި ވޯލްޑް ކަޕް މެޗެއްގައި ކީޕަރަކު މިހާ ގިނަ ސޭވް ކުރި ފުރަތަމަ ފަހަރެވެ. މި ރެކޯޑާއެކު އޭނާއަށް ވަނީ ދުނިޔޭގެ މީޑިއާތަކުގެ ބޮޑު ސަމާލުކަމެއް ލިބިފައެވެ.
މި ނަތީޖާއާއެކު، މުބާރާތުގައި އަލަށް ވާދަކުރާ ކިއުރަސާއޯއަށް އަދިވެސް ދެވަނަ ބުރަށް ދިއުމުގެ ހިސާބުތަކެއް އެބަހުއްޓެވެ. ކިއުރަސާއޯގެ ކޯޗު ޑިކް އެޑްވޮކާޓް ބުނި ގޮތުގައި، ކޮންމެ ފެންވަރެއްގެ ޓީމަކަށް ވެސް ނުރައްކާކުރެވިދާނެކަން އޭނާގެ ކުޅުންތެރިން ވަނީ ސާބިތުކޮށްދީފައެވެ. އަދި އައިވަރީ ކޯސްޓާ ދެކޮޅަށް ނުކުންނައިރު ކުޅުންތެރިން ތިބީ ވަރަށް ބޮޑު އިތުބާރަކާއެކު ކަމަށް ވެސް އޭނާ ބުންޏެވެ. މި މެޗުން މޮޅުވެއްޖެނަމަ، އެއީ ކިއުރަސާއޯގެ ފުޓުބޯޅަ ތާރީހުގައި ލިޔެވިގެންދާނެ އެންމެ ކާމިޔާބު އެއް ސަފުހާއަށް ވާނެއެވެ.
ފަހު ވަގުތުގެ ނިންމުން
ޖަރުމަނުން މިހާރު ވެސް ނޮކްއައުޓް ބުރަށް ތައްޔާރުވަމުން ދިޔަ ނަމަވެސް، އެ ޓީމުގެ ފަހަތުން ދެވަނަ ޖާގަ ހޯދާނެ ޓީމެއް އަދިވެސް ކަށަވަރެއް ނުވެއެވެ. އެކުއެޑޯ ބަލިކޮށްފައި އޮތުމުން އައިވަރީ ކޯސްޓަށް ކުޑަ އެޑްވާންޓޭޖެއް އޮތް ނަމަވެސް، ފަހު 90 މިނެޓުގެ ތެރޭގައި ގްރޫޕްގެ ތާވަލަށް ބޮޑެތި ބަދަލުތަކެއް އައުމަކީ އެކަށީގެންވާ ކަމެކެވެ. އެކުއެޑޯއަށް މަޖުބޫރުވެފައިވަނީ ޖަރުމަނާ ދެކޮޅަށް ތާރީހީ ނަތީޖާއެއް ނެރުމަށެވެ. އަދި ފުރަތަމަ މެޗުގެ ބޮޑު ބައްޔަށްފަހު، ކިއުރަސާއޯއިން ދަނީ އެ ޓީމުގެ އުންމީދުތައް ހަގީގަތަކަށް ހެދުމަށް މަސައްކަތްކުރަމުންނެވެ. ގްރޫޕް އީގެ ފަހު ދެ މެޗު ފެށޭނީ ރާއްޖެ ގަޑިން މިރޭ 12:00 ގައެވެ.
އަލީ ރިފްޝާން
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް