މިއަދު ހެނދުނު ޖަޕާނުގެ އުތުރުގެ ސަރަޙައްދުތަކަށް 6.9 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އައިސްފިއެވެ.
ބިންހެލުން އައުމާ އެކު ޖަޕާނުގެ ބޮޑުވަޒީރު ސަނައޭ ޓަކައިޗީ ވަނީ މި ހާދިސާއާ ގުޅިގެން ވަގުތުން ހާއްސަ ޓާސްކް ފޯހެއް އެކުލަވާލައްވައިފައެވެ.
ޖަޕާނުގެ މީޓިއޮރޮލޮޖިކަލް އޭޖެންސީއިން ހާމަކޮށްފައިވާ ގޮތުގައި، މި ބިންހެލުން އައިސްފައިވަނީ އިވާޓޭ ޕްރިފެކްޗާގެ އައްސޭރިފަށުން ކަނޑުގެ 50 ކިލޯމީޓަރު އަޑިއަށެވެ. މި ބިންހެލުމުގެ ސަބަބުން ސުނާމީއެއް އުފެދިދާނެކަމުގެ އިންޒާރެއް ކަމާބެހޭ އިދާރާތަކުން ދީފައެއް ނުވެއެވެ.
ނަމަވެސް، އައޮމޯރީ ޕްރިފެކްޗާގެ ހަޝިކާމީ ސަރަހައްދަށް ވަނީ ޖަޕާނުގެ ސިސްމިކް އިންޓެންސިޓީ ސްކޭލު 7 ގެ ތެރެއިން މަތީ 6 ގެ ގުޑުމެއް އިހުސާސްކުރެވިފައެވެ. މިއީ މީހުންނަށް ކޮޅަށް ތިބުމަށް ދަތިވާ މިންވަރުގެ ގަދަ ގުޑުމެކެވެ. މީގެ އިތުރުން ވެރިރަށް ޓޯކިޔޯއަށް ވެސް މި ބިންހެލުމުގެ އަސަރު ކޮންމެވެސް ވަރަކަށް ކޮށްފައިވެއެވެ.
މި ހާދިސާއާ ގުޅިގެން ޖަޕާނުގެ ބޮޑުވަޒީރު ސަނައޭ ޓަކައިޗީ ވަނީ ބޮޑުވަޒީރުގެ އޮފީހުގައި ހާއްސަ ޓާސްކް ފޯހެއް އެކުލަވާލައްވައި، ކަމާބެހޭ ހުރިހާ ވުޒާރާތަކަކުން ގުޅިގެން މަސައްކަތްކުރުމަށް އަންގަވައިފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މިފަދަ ބާރުގަދަ އިތުރު ބިންހެލުންތަކެއް އައުމުގެ ފުރުސަތު އޮތުމާއެކު، ރައްޔިތުން ސަމާލުވެ ތިބުމަށް އެކަމަނާ ވަނީ އިލްތިމާސްކުރައްވައިފައެވެ.
ޖަޕާނުގެ ޗީފް ކެބިނެޓް ސެކްރެޓަރީ މިނޯރު ކިހާރާ ވިދާޅުވި ގޮތުގައި، މިހާތަނަށް މީހެއްގެ ފުރާނައަށް ނުރައްކާވިކަމުގެ އެއްވެސް ރިޕޯޓެއް ލިބިފައެއް ނުވެއެވެ. އަދި ދިފާއީ ވަޒީރު ޝިންޖިރޯ ކޮއިޒުމީ ވަނީ ސެލްފް ޑިފެންސް ފޯސް މެދުވެރިކޮށް ވައިގެ މަގުން ސަރަހައްދުގެ ހާލަތު ބެލުމުގެ މަސައްކަތް ފައްޓަވައިފައެވެ.
މި ބިންހެލުމުގެ ސަބަބުން ބޮޑެތި އުމްރާނީ ގެއްލުންތަކެއް ލިބިފައިވާ ކަމަށް އަދި ރިޕޯޓު ކުރެވިފައެއް ނުވެއެވެ. އެހެންނަމަވެސް، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޓޮހޯކޫ ޝިންކަންސެން ބުލެޓް ޓްރެއިންގެ ހިދުމަތްތައް ހުއްޓާލައި، ބައެއް ހައިވޭތައް ވަނީ ބަންދުކޮށްފައެވެ.
ސަރަހައްދުގައި ހުރި ނިއުކްލިއާ އިންޖީނުގެތަކަށް ވެސް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށް ނިއުކްލިއާ ރެގިއުލޭޝަން އޮތޯރިޓީން ވަނީ ކަށަވަރުކޮށްދީފައެވެ.
ޖަޕާނަކީ ދުނިޔޭގެ ނިސްބަތުން ބަލާއިރު ބިންހެލުންތައް ގިނައިން އަންނަ ގައުމަކަށްވާ އިރު، މިއީ އެ ގައުމުގެ ރައްޔިތުން އަބަދުވެސް ތައްޔާރުވެ ތިބޭފަދަ ގުދުރަތީ ކާރިސާއެކެވެ.
ޖަޕާން
ޖަޕާން
ޖަޕާން
ޖަޕާން
ކޮމެންޓް