ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގައި މެކްސިކޯއިން ކުޅުނު ތިންވަނަ މެޗުގައި ޗެކް ރިޕަބްލިކްވެސް ބަލިކޮށް، މެކްސިކޯއިން ފުރިހަމަ ރެކޯޑަކާއެކު ގްރޫޕް ސްޓޭޖު ނިންމާލީ ކޮޅަށް ގޯލެއްވެސް ނުވައްދައެވެ. މެކްސިކޯއަކީ އަމިއްލަ ގައުމުގެ ވޯލްޑް ކަޕްތަކުގައި މީގެ ކުރިންވެސް ތަފާތު ދެއްކިއިރު، އެޓީމަށް މިފަހަރުވެސް އޮތީ އެ ޒިންމާއެވެ. މެކްސިކޯ އިން ވޯލްޑް ކަޕުގެ އެންމެ ރަނގަޅު ނަތީޖާއެއް ނެރުނީ 1970 އަދި 1986ގެ ވޯލްޑް ކަޕުގައެވެ. އަމިއްލަ ގައުމުގައި ކުޅުނު އެ ދެ މުބާރާތުގައި ވެސް މެކްސިކޯ ވަނީ ކުއާޓާ ފައިނަލާ ހަމައަށް ދަތުރުކޮށްފައެވެ.

މިފަހަރުގެ ހާލަތުވެސް އަދި އޮތީ އެހެންނެވެ. ކޮޅަށް ގޯލެއްވެސް ވައްދައި ނުލައި މެކްސިކޯއިން ގްރޫޕް ސްޓޭޖު ނިންމާލި އިރު، ރޭގެ މެޗު ހާއްސަވީ ވެޓެރަން ކީޕަރު، އުމުރުން 40 އަހަރުގެ ގިލާމޯ އޮޗޮއާ އަށެވެ. މެޗުގައި ބާކީ 13 ވަރަކަށް މިނެޓަށް ވެފައި ވަނިކޮށް، މެކްސިކޯއިން ވަނީ އެގައުމުގެ ލެޖެންޑަރީ ގޯލްކީޕަރު އޮޗޮއާ ދަނޑުމައްޗަށް ނެރެފައެވެ. އެއީ ކީޕަރު ރައުލް ރަންހޭލްގެ ބަދަލުގައެވެ. އޮޗޮއާ ވެގެން ގޮސްފައި ވަނީ ލިއޮނަލް މެސީއާއި ކްރިސްޓިއާނޯ ރޮނާލްޑޯގެ އިތުރުން ހަ ވޯލްޑް ކަޕެއްގައި ކުޅުނު ފުރަތަމަ ކުޅުންތެރިޔާއަށެވެ.

ރޭގެ މެޗުން އޮޗޮއާއަށް ކޯޗު ފުރުސަތު ދިނީވެސް ރެކޯޑަށްޓަކައެވެ. އޭގެ އިތުރުން މިފަހަރުގެ ވޯލްޑް ކަޕަކީ އޮޗޮއާގެ ފުޓުބޯޅަ ކެރިއަރުގެވެސް އެންމެ ފަހު މުބާރާތެވެ. މިހާރު މެކްސިކޯގެ ފުރަތަމަ ކީޕަރަކީ ރަންހޭލް ކަމަށްވުމާއެކު، އޮޗޮއާއަށް ބެލެވުނީ ރޭގެ މެޗަކީ އޭނާގެ ކެރިއަރުގެ ފަހު މެޗުގެ ގޮތުގައެވެ.

އެ ނިމުން އޮޗޮއާއަށް ހާއްސަވި ސްޓޭޑިއަމްގެ ގޮތުންނެވެ. ރޭގެ މެޗު ކުޅުނީ މެކްސިކޯ ސިޓީގެ އެންމެ ޝަރަފުވެރި އަޒްޓެކާގައެވެ. އެއީ 2004 ވަނަ އަހަރު އޮޗޮއާ ކެރިއަރު ފެށި ސްޓޭޑިއަމެވެ. އޭނާގެ ސީނިއާ ކެރިއަރު ފެށީ މެކްސިކޯގެ ކްލަބު އެމެރިކާއިންނެވެ. އަޒްޓެކާއަކީ ކްލަބު އެމެރިކާގެ ހޯމްއެވެ.

"އަހަރެންގެ ފުރަތަމަ މެޗާއި ފަހު މެޗުވެސް މި ލިބުނީ އަޒްޓެކާގައި. މިއީ އަހަރެންގެ ކެރިއަށް ލިބުނު ފުރިހަމަ، ރީތި ނިމުމެއް. މިއީ އުފާވެރި ޗެޕްޓަރެއް،" އޮޗޮއާ ކަރުނައާއެކު ބުންޏެވެ.

މެކްސިކޯގެ ކީޕަރު އޮޗޮއާ ގޯލަށްފަހު އުފާފާޅުކުރަނީ --- ފޮޓޯ/ ގެޓީ

މެޗު ނިމުމާއެކު މެކްސިކޯ ކުޅުންތެރިން އޮޗޮއާ ވައިގެ ތެރެއަށް އެއްލާ އުފާފާޅުކޮށްފައިވާ އިރު، އެ އުފާފާޅުކުރުމުގައި އޭނާގެ އާއިލާވެސް ބައިވެރިވެފައިވެއެވެ. އަދި ހުރިހާ ސަޕޯޓަރުން ވަނީ އޮޗޮއާގެ ނަމުން މުޅި ދަނޑު ގުގުމާލައިފައެވެ. އޮޗޮއާ ގައުމީ ޓީމަށްޓަކައި މިދިޔަ އަހަރުތަކުގައި ދެއްކި ހިތްވަރުގެ ތަފާތުކަން ސަޕޯޓަރުން ހަނދާން ނައްތައެއް ނުލައެވެ. ވޯލްޑް ކަޕްތަކަށް ހާއްސަ ކީޕަރު އޮޗޮއާއަކީ އޭނާ ކުޅުނު ކޮންމެ ވޯލްޑް ކަޕެއްގައިވެސް ވިދާލި، ކުޅަދާނަ ހުނަރުވެރިއެކެވެ.

"އެއީ އަހަރެމެން ހުރިހާ ކުޅުންތެރިންނަށް އައިޑަލްއެއް. އަދިވެސް އެއީ އެންމެ ފުރަތަމަ ޖިމަށް ދާ، އެންމެ ލަހުން ޖިމުން ނުކުންނަ ކުޅުންތެރިޔާ. މި ޓީމު ކުރިއަށް ނެރުމުގައި އެއީ މުހިއްމު މޭސްތެރިއެއް،" މެކްސިކޯގެ މަޓެއޯ ޗާވޭޒް ރޭގެ މެޗަށްފަހު ބުންޏެވެ.