ވޯލްޑް ކަޕް 2026 ގެ މެޗުތަކުގެ ތެރެއިން ދޭ ހައިޑްރޭޝަން ބްރޭކަކީ ފީފާއަށް އެކަމުން މާލީ މަންފާއެއް އިތުރުކުރަން ކުރާ ކަމެއް ނޫން ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެއެވެ.

މިފަހަރު ވޯލްޑް ކަޕް ކުޅެމުންދަނީ އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައެވެ. އެ ތިން ގައުމަކީވެސް މި ދުވަސްވަރު ނިސްބަތުން ހޫނު ގަދަ ތިން ގައުމު ކަމަށްވުމާއެކު ބައެއް ސިއްހީ މާހިރުންގެ ލަފައާއެކު، ފީފާއިން ވަނީ މެޗުގެ ތެރެއިން ކޮންމެ ހާފެއްގައި ތިން މިނެޓްގެ ހައިޑްރޭޝަން ބްރޭކެއް ދޭން ނިންމައިފައެވެ. އެއީ މެޗު ކުޅެމުންދާ ފިނިހޫނު މިނަކަށް ބެލުމެއް ނެތިއެވެ.

ހައިޑްރޭޝަން ބްރޭކާ ދޭތެރޭ ކޯޗުންނާއި ކުޅުންތެރިންވެސް ނުރުހުން ފާޅުކޮށްފައިވާ އިރު، ބައެއް ސަޕޯޓަރުންގެ ނުރުހުން އެކަމަށް އަދި މާބޮޑެވެ. އެއީ އެ ވަގުތު ޓީވީ ބްރޯޑްކާސްޓަރުން އިޝްތިހާރު ދައްކަން ފެށުމާއެކުގައެވެ.

އެގޮތުން ފީފާއިން ވަނީ ބްރޭކް ނަގާތާ، 20 ސިކުންތުފަހުން އިޝްތިހާރެއް ދެއްކޭނެ ކަމަށް ބުނެފައެވެ. އެ އުސޫލުގައި ބުނީ މެޗު އަލުން ފަށަން 30 ސިކުންތައް ވާތަނުން އަނބުރާ މެޗަށް ލާން ޖެހޭނެ ކަމަށެވެ.

"މިއީ ފައިސާއާ ގުޅުންހުރި ކަމެއް ނޫން. އެއީ ހަމަ އަސްލުވެސް ކުޅިވަރާ ގުޅުންހުރި ކަމެއް. އެކަމުން ފީފާއަށް އިތުރު އެންމެ ފައިސާއެއްވެސް ނުވަންނާނެ. ފީފާއިން ހައިޑްރޭޝަން ބްރޭކް ގެންނަން ނިންމުމުގެ ކުރިން ހުރިހާ އެގްރިމެންޓެއްގައި ސޮއިކޮށްފި،" ހައިޑްރޭޝަން ބްރޭކާ ގުޅިގެން އިންފަންޓީނޯ ވިދާޅުވިއެވެ.

އިންފަންޓީނޯ ވިދާޅުވީ ހައިޑްރޭޝަން ބްރޭކް ނަގަން ޖެހެނީ ހޫނުގެ ސަބަބުން ކަމަށެވެ. އަދި ވޯލްޑް ކަޕް މިފަހަރު 39 ދުވަހަށް ދެމިގެންދާ އިރު، ވަރުގަދަ އަސް މެޗު ކޮންމެ ޓީމަކުން ކުޅޭ އިރު، މެޗެއްގެ ތެރެއިން ކުޅުންތެރިންނަށް އެ ލިބޭ ރެސްޓް މުހިއްމު ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

އިންފަންޓީނޯ ފާހަގަކުރީ ހުރިހާ މެޗެއްގައި ހައިޑްރޭޝަން ބްރޭކް ދޭން ނިންމާފައި ވަނީ އިންސާފުވެރިކޮށް އެކަން ކުރުމަށް ކަމަށެވެ. އެގޮތުން ބައެއް މެޗުތަކުގެ ތެރެއިން ކޯޗުންނަށް އެވަގުތު ޓީމާ ބައްދަލުކޮށްލަން ލިބިފައި، އަނެއް މެޗުތަކުގައި އެ ފުރުސަތު ނުދެވުން އެއީ ގޯހަކަށް ވާނެ ކަމަށް އޭނާ ފާހަގަކުރިއެވެ.

ހޫނުމިން ދަށްކޮށް ކުޅޭ ބައެއް މެޗުތަކުގައި ހައިޑްރޭޝަން ބްރޭކް ދޭތީ އެކަމަށްވެސް ބައެއް ކޯޗުންނާއި ކުޅުންތެރިން ފާޑުކިޔާފައިވާ އިރު، އިންފަންޓީނޯ ބުނީ ފީފާ ވިސްނާނީ ހަމަހަމަކޮށް ކަން ކުރުމަށް ކަމަށެވެ.

ފީފާއިން ހައިޑްރޭޝަން ބްރޭކުން ފައިސާ ނުނެގި ނަމަވެސް ބްރޯޑްކާސްޓަރުން ދަނީ އެ ބްރޭކްގެ ބޭނުން ހިފަމުންނެވެ. އެގޮތުން ބައެއް ނޫސްތަކުން ބުނީ އެވަގުތު ބައެއް ބްރޯޑްކާސްޓަރުން ދައްކާ 30 ސިކުންތުގެ އިޝްތިހާރުގެ އަގު، 200،000 ޑޮލަރާއި 750،000 ޑޮލަރާ ދެމެދަށް އަރާ ކަމަށެވެ. އެހެންކަމުން އެމެރިކާއަށް ދައްކާ ބްރޯޑްކާސްޓަރަކަށް އެކަނިވެސް އެ ބްރޭކްގެ އިޝްތިހާރުން 250 މިލިއަން ޑޮލަރު ވެއްދޭނެ ކަމަށް އަންދާޒާތައް ބުނެއެވެ.