ބްރެޒިލުން ގްރޫޕްގެ އެއްވަނަ ހޯދައި، ގަދަ 32 ގެ ބުރަށް ދަތުރުކުރި ނަމަވެސް އަދި ސަޕޯޓަރުން ވީހާވެސް ބޮޑަށް ހަމަޖެހިލައިގެން ތިބެން ކޯޗު ކާލޯ އެންޗެލޮޓީ ބުނެފިއެވެ.

ބްރެޒިލް ސަޕޯޓަރުންނަށް ރޭ ވެގެން ދިޔައީ ހާއްސަ ރެޔަކަށެވެ. އެޓީމަށް ރެކޯޑު ގޯލް ޖެހުންތެރިޔާ ނޭމާ، 2023 ވަނަ އަހަރު ފަހުކޮޅަށްފަހު އެނބުރި ގައުމީ ޓީމުގެ ޖާޒީގައި މެޗަކަށް ނުކުމެފައިވާ އިރު، މުބާރާތުގައި އެންމެ ފޯމު ރަނގަޅުކޮށް ފެނިގެންދާ ވިނީޝިއަސް ޖޫނިއާގެ އިތުރު ގޯލްތަކެެއް ވަނީ ފެނިގެން ގޮސްފައެވެ. 3-0 ގެ ނަތީޖާއަކުން ރޭ ބްރެޒިލުން ސްކޮޓްލޭންޑް ބަލިކުރި އިރު، މެޗުގައި ވިނީޝިއަސްގެ ދެ ގޯލް ފެނުނެވެ.

"އަހަރެމެން މިހާރު މިކުޅެނީ ޓީމެއްގެ ކުޅުން. އެއީ އަހަރެން ބޭނުންވި ކަންތައް. އެކަމަކުވެސް މިއީ ފުރިހަމަ ޓީމެއް ނޫން. އަހަރެމެން އެބަހުރި ރަނގަޅުކުރަން ޖެހޭ ކަންތައްތަކެއް. ހާއްސަކޮށް ބޯޅަ އޮންނަ ވަގުތު އަވަސް ވާން ޖެހޭ. އަދި މިހާރަށްވުރެ ސޮލިޑްވުން މުހިއްމު. އެއީ ދެން އޮތީ ނޮކްއައުޓް ކަމަށްވުމާއެކު،" އެންޗެލޮޓީ ރޭގެ މެޗަށްފަހު ބުންޏެވެ.

އެންޗެލޮޓީ ބުނީ އުމުރުން 34 އަހަރުގެ ނޭމާ އެނބުރި އައީ، އެކަން ހައްގުވާތީ ކަމަށާއި އެކަމަށް ނޭމާ ކުރި މަސައްކަތުން ކަމަށެވެ. އަދި ރޭގެ މެޗުގައި މަދު ވަގުތުކޮޅަކު ކުޅުނު ނަމަވެސް ކުރިއަށް އޮތްތަނުގައި ބްރެޒިލަށް އޭނާ ބޭނުން ހިފޭނެ ކަމަށް ބުނެ އެންޗެލޮޓީ ބުނީ، ވިނީޝިއަސްގެ ފޯމާ މެދު ވެސް ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށެވެ. އެހެން ނަމަވެސް އެ ފޯމް ވިނީޝިއަސްގެ ފަރާތުން ފެންނާނެކަން މާކުރިންވެސް އެނގޭ ކަމަށްވެސް އެންޗެލޮޓީ ބުނެފައިވެއެވެ.

އެ ހުރިހާ ރަނގަޅު ކަންތައްތަކެއް އެހެން ހުރުމާއެކު ސަޕޯޓަރުން އުންމީދުކުރަންވީ ކިހާ ހިސާބަކަށްތޯ އެހުމުން އެންޗެލޮޓޯ ބުނީ ހަމަޖެހިލުމަށެވެ.

"ސަޕޯޓަރުންވީ ހަމަޖެހިލަން. އަހަރެން ކަނޑައެއް ނާޅަން ވަކި ޓާގެޓެއް. ވަކި ހިސާބަކަށް ދާކަށް. މެޗުތައް ރަނގަޅު ކުޅެ، މެޗަކަށްފަހު މެޗަކަށް ވިސްނަނީ،" އެންޗެލޮޓީ ބުންޏެވެ.