ނުތަނަވަސްކަމާއެކު ޒަރާރްއަށް ހިނިތުންވެވުނެވެ. ދައްޔާންގެ ސުވާލަށް ޖަވާބު ދޭން އޭނަ އަވަސްވެގަތީ ހިމޭނުން ހުންނަން ވެއްޖެނަމަ މައްސަލަގަނޑެއް ހިލިދާނެތީއެވެ. ތަނާލް ހީކޮށްފާނެ އެއްޗަކާ މެދު އޭނަ ކަންބޮޑު ވިއެވެ. ހާއްސަކޮށް ދައްޔާންގެ ކުރިމަތީގައެވެ.
''ނޫނޭ، ތަނުއަކީ ދޮންބެގެ ފްރެންޑެއް...'' ޒަރާރް ބުންޏެވެ. އެފަދަ ތަޢާރަފެއް ދޭން ވުމުން ޒަރާރްއަށް އުނދަގޫ ވިއެވެ. ތަނާލްއާ މެދު ދެކެވެމުންދާ ނަޒަރިއްޔާތުގެ ސަބަބުންނެވެ. ތަނާލްގެ ހަޔާތުން އިތުރު ޖާގައެއް ލިބުމަށް އެދެވޭތީއެވެ. ނަމަވެސް އެއީ އެކަމަށް އެންމެ އެކަށީގެންވާ ވަގުތު ނޫންކަން ޒަރާރްއަށް އެނގެއެވެ. ވަގުތާއި ނުބައްދަލު ދަނޑިވަޅެއްގައި ހިތުގެ ހާލު ބަޔާންކުރާކަށް ޒަރާރް ބޭނުމެއް ނުވިއެވެ. އޭނަ ގަސްދުކޮށްގެން ހުރީ މިރޭގެ ހަފްލާއަށް ފަހު ވަކިން ތަނާލްއާއި ވާހަކަދައްކާލާށެވެ. ހަމަހިމޭން މާހައުލެއްގައެވެ.
''އޯހ، ނޭނގޭނެއެއްނު...'' އޭނަގެ މަޤުސަދު ދައްޔާން ހާސިލްކޮށްފިއެވެ. ތަނާލްއާއި ޒަރާރްގެ ދެމެދުގައި ނުތަނަވަސްކަން އުފައްދާލެވިއްޖެއެވެ. ކުރިން ދެޒުވާނުންގެ މޫނުން ފެނުނު އުފާވެރިކަމުގެ ނޫރު ފަނޑުކޮށްލެވިއްޖެއެވެ. އެކަމާ ދައްޔާން އުފާވިއެވެ.
''ހައު ޑިޑް ޔޫ ބޯތް މީޓް؟...'' ދައްޔާން ސުވާލުކޮށްލިއެވެ. ނުބައި ހަސީލަތެއް އެސުވާލުގެ ފަހަތުގައި ފޮރުވިފައި އޮތެވެ.
''ހޮޓެލް ޕްރޮޖެކްޓް ތެރެއިން ތަނޫއާ ދިމާވީ...'' މާބޮޑު ތަފުސީލަކާ ނުލާ ޒަރާރް ބުނެދިނެވެ.
''އެހެންތަ؟...'' ތަނާލްއަށް ބަލައިލި ދައްޔާންގެ ހިނިތުންވުން ފުންވިއެވެ.
ތަނާލްއަކީ ހަމައެކަނި އެކުވެރިޔެކޭ ބުންޏަސް ދައްޔާން ޤަބޫލެއް ނުކުރިއެވެ. ޒަރާރްގެ ޖުމްލައާއެކު ފަޅި ސިކުންތުކޮޅަކަށް ވިޔަސް ތަނާލްގެ ދެލޮލުން ފާޅުވި މާޔޫސްކަމުގެ އަސަރުތައް އޭނައަށް ފާހަގަ ކުރެވުނެވެ. އެކަމުން ދައްޔާން ހޯދަން ބޭނުންވި ޖަވާބު އޭނައަށް ލިބުނެވެ. ހަޤީޤަތް ލޯކުރިމަތިން ފެނުނަސް ފާޅުގައި އެކަމާއި އޭނަ ދެކޮޅު ހެދިއެވެ. އޭނައަށް ތަނާލް ކަމުގޮސްފިއެވެ. ޒަރާރްއާއި ތަނާލްގެ ދެމެދުގައި ކޮންމެ ފަދަ ގުޅުމެއް އޮތްކަމުގައި ވިޔަސް އޭނަގެ މުހުތާދު ހާސިލް ކުރަން ދައްޔާން އަޒުމު ކަނޑައެޅިއެވެ. އެއާއެކު އޭނަގެ ތުންފަތަށް ވެރިވީ މަކަރުވެރިކަމުގެ ހިނިތުންވުމެކެވެ. އެލަނޑުދަނޑި ހާސިލްކުރެވޭނެ މަގު އޭނައަށް ފަހިވެގެން ހިނގައްޖެއެވެ.
އަމިއްލަ ނަފުސާއި މަޝްވަރާކުރަމުން ދަނިކޮށް ދައްޔާނަށް ފޯނު ކޯލެއް އައެވެ. ފަޓުލޫނުގެ ޖީބުގައި އޮތް ފޯނު ނަގަމުން ސްކްރީނަށް ބަލައިލިއެވެ. ގުޅަނީ ރައިހާން އެވެ. މިރޭގެ އިންތިޒާމުތައް ހަމަޖެހުނުތޯ ބަލަން އިރުކޮޅެއް ކުރިން ފޮނުވި މެސެޖަށް ޖަވާބުދޭށެވެ. ދައްޔާން ހުރީ ދެ ޚިޔާލެއްގެ މަތީގައެވެ. އެކުވެރިންނާއެކު ސަފާރީއަށް ގޮސްފިނަމަ ތަނާލްއާއި ވާހަކަދައްކާލުމުގެ ފުރުސަތު ގެއްލިގެންދާނެއެވެ. ދައްޔާން ދުށް ގޮތުގައި ތަނާލްގެ ސަމާލުކަން އޭނައަށް ހޯދި ދާނެއެވެ. ހުރިހާ ގޮތަކުން ބެލި ކަމުގައި ވިޔަސް ޒަރާރްއަށް ވުރެން އޭނަ މޮޅުވާނެއެވެ. ތަޖުރިބާ ވެސް ހުންނާނެއެވެ.
ދެވަނަ ފަހަރަށް ވެސް ރައިހާން ގުޅިއެވެ. ހަމަ ކަނޑާއިރަށް ގުޅައެވެ. އެކަމާ ދައްޔާން ރުޅި އަންނަން ފެށިއެވެ.
''ފޯނު ނުނަގާނަންތަ؟...'' ދައްޔާންގެ ފޯނަށް އިޝާރާތްކޮށްލަމުން ޒަރާރް އެހިއެވެ. ''މުހިންމު ކޯލެއްހެން ހީވަނީ...''
''އެބަ އަންނަން...'' ޖަވާބު ނުދެނީސް ރައިހާން ހުއްޓާނުލާނެތީ ފޯނު ކަންފަތުގައި ޖަހަމުން، ދައްޔާން ދުރަށް ހިނގައިގަތެވެ.
*****
''ދާން ވަރަށް މޮޅުވާނެ ސަމާސާކޮށްލަން...'' ދައްޔާން ދިޔަ ދިމާއަށް ބަލަން ހުރެފައި ޒަރާރް ބުނެލިއެވެ. އޭނަ ބޭނުންވީ ދައްޔާންގެ ސުވާލުން އެފެދުނު ނުތަނަވަސްކަން ކަނޑުވާލާށެވެ.
ތަނާލް ހިނިތުންވެލިއެވެ. ހަޤީޤަތުގައި ޒަރާރްގެ ޖުމްލައިން އޭނަގެ ހިތަށް އުނދަގޫ ވެއްޖެއެވެ. އެކަމަށް ހައްލެއް ލިބެން އޮތީ އިސްނަގައިގެންނެވެ. ކުރިއަށް ފުރަތަމަ ފިޔަވަޅު އަޅާނީ ކާކު ހެއްޔެވެ؟
''ސީ، އައި ޓޯލްޑް ޔޫ، ދާންއަށް ވަގުތު ދިނީމަ ހުރިހާ ކަމެއް ރަނގަޅުވެއްޖެއެއްނު...'' ތަނާލް ފެށީ މުޅިން އެހެން މައުޟޫޢުއެކެވެ.
''ތެދެއް ތިބުނީ... ތަނޫ އަހަންނަށް ގޯސް ނަސޭހަތެއް ނުދޭނެކަން ޤަބޫލުކުރަމޭ...'' ޒަރާރްގެ އަޑުގައި ވަނީ އުފާވެރިކަމެވެ. ދިރިއުޅުމުގެ ހުރިހާކަމެއް މަޑުމަޑުން ހަމައަކަށް އެޅެން ފަށައިފިއެވެ. މިރެއަށް ފަހު ދުނިޔެމަތިން އެންމެ ނަސީބު ގަދަ މީހާއަށް ވާނެކަމަށް ކުރެވެމުންދާ އުއްމީދަށް ދިރުން ލިބިގެން ހިނގައްޖެއެވެ.
*****
''ކިހިނެއްތަވީ؟...'' ހޯލުން ނިކުމެވުމާއެކު ދަޔާން ސުވާލުކޮށްލީ ނުރުހުމާއެކުގައެވެ.
''މިހާރު ކޮންކަމާ ރުޅި އައިސްގެން ތިއުޅެނީ؟...'' ރައިހާން ވެސް ކުރީ ސުވާލެކެވެ.
''ރަނގަޅަށް އެނގޭނެ މަ މިހިރީ ފެމިލީ އިވެންޓެއްގަކަން، ސަތޭކަ ފަހަރު ނުގުޅިޔަސް ވެދާނެދޯ، ތީ މަގޭ ބިޓެއް ނޫން ވިއްޔާ...''
''ހޯހޯހޯ... ދާންއެއްނު ތި އިވެންޓުން ސަލާމަތް ވާނެ ގޮތެއް ނޭނގިގެން އުޅުނީ... އަހަރުމެން މިތިބީ ރެޑީގަ، އިރުކޮޅަކުން މި ގާތް ކުރަނީ...'' ރައިހާން ބުނެލިއެވެ.
''މިހާރަކު ނޫން، އަހަރެން ރެޑީ ވީމަ ގުޅާނަން...'' ދައްޔާން ބުނެލިއެވެ.
''އޭތް!، ފަނި ހަދަން ނޫޅޭތި، ކަލޭ ބުނެގެން މިހުރިހާކަމެއް މިރޭވީ...'' ރައިހާންގެ ރާގު ބަދަލުވިއެވެ.
''ނުދާނަމެކޭ ނުބުނަމެއްނު... ގުޅީމަ ބަލާ އާދޭ، ވަރަށް ރީތި މަންޖެއެއް ފެނިގެން މިއުޅެނީ، ވަރަށް ފަސޭހައިން ސެޓުވެދާނެ...'' ފޮނިކަނޑާލަމުން ދައްޔާން ބުނެލިއެވެ.
''އެހެންދޯ، ތި މަންޖެއެއް އަހަރުމެނަށް ދައްކާލަން ގެންނަންވާނެ...'' ރައިހާން ބުނެލިއެވެ. އެއަށް ރައްދު ދިނުމެއް ނެތި ދައްޔާން ފޯނު ކަނޑާލީއެވެ. ފަޓުލޫނުގެ ޖީބަށް ފޯނު ލަމުން އަބުރާ އިވެންޓް ހޯލަށް ވަންނަން ހިނގައިގަތެވެ. އެތެރެއަށް ވަދެވުމާއެކު ހޯދާލީ ތަނާލް ފެނޭތޯ އެވެ.
މާމަމެން އިށީނދެގެން ތިބި މޭޒާއި ޖެހިގެން ހުރި މޭޒު ދޮށުގައި އިން ތަނާލް ދައްޔާނަށް ފެނުނެވެ. ތަނާލްގެ ގާތުގައި ހެވިފައި އިނީ ޒަރާރް އެވެ. ޒަރާރްއާއި ތަނާލްގެ ވަގުތުކޮޅު ހަރާބުކޮށްލަން ދައްޔާންގެ ހިތަށް އެރިއެވެ. އޭނަގެ އެރޭވުމަށް ހުރަކަށްވީ ޢާއިލާއެވެ. ހާއްސަކޮށް މަންމައާއި ކުރިމަތިލާން ދައްޔާން ބޭނުމެއް ނޫނެވެ. ޒަރާރްއާއި ބައްޕަގެ ގުޅުން ހީނަރުކުރުމުގެ މަޝްވަރާތަކަށް އަމަލީ ސިފައެއް ނުގެނެވޭތީ މަންމަ ހުންނަނީ ރުންކުރުވެފައެވެ. ބޮލުގެ އިސްތަށީގައި ކޮށަމުން ދުވާ ކަހަލައެވެ. މަންމަ ދެކެ އޭނަ އަންނަނީ އަމަށަކު ރުޅިއެއް ނޫނެވެ.
ހަފްލާ ފަށަން އޮތް ޖަލްސާއަށް ސްޓޭޖް ތައްޔާރުކޮށް ނިމިއްޖެއެވެ. ދަޢުވަތު ދެވުނު ގިނަ މެހެމާނުން ވެސް ގޮނޑިތަކުގައި އިށީނދެއްޖެއެވެ. ކުރިއަށް ދިއުމުގެ ވިސްނުން ދޫކޮށްލަމުން ނިކުންނަންވެގެން ދައްޔާން މިސްރާބު ޖެހިއެވެ. އޭގެ ކުރިން ފޯނުން ތަނާލްގެ ފޮޓޯ ނެގިއެވެ. ގިނައީ ޒޫމްކޮށްގެން އެކިއެކި އޭންގްލްތަކުން ތަނާލްގެ ހަށިގަނޑުގެ ވަނާތައް ފެންނާނެހެން ނެގި ފޮޓޯތަކެވެ. މިރެއަށް އެވަރުން ފުއްދާލީ ފަހުން ތަނާލްއާއި ބައްދަލުކުރުމުގެ އަޒުމުގައެވެ.
ދައްޔާން އޭނަގެ ރައްޓެހިންނަށް ގުޅިތާ ގިނަ އިރެއް ނުވަނީސް ރަތްކުލައިގެ ސްޕޯޓްސް ކާރެއް އަތުވެއްޖެއެވެ. އޭގެ އިންޖީނުގެ އަޑު މުޅި މާހައުލުގައި އޮތީ ގުގުމާލާފައެވެ. ފަހަތު ސީޓު ދޮރުފަތް ހުޅުވާލަމުން، ފަހަތަށް އަރައި ހަމަޖެހިލުމަށްފަހު ކާރުގައި ތިބި އޭނަގެ އެކުވެރިންނަށް ދައްޔާން ބަލައިލިއެވެ. ޑްރައިވަރު ސީޓުގައި އިނީ ރައިހާން އެވެ. އޭނައާއި ޖެހިގެން ކުރީ ސީޓުގައި ޖައިލަމެވެ. ދެޒުވާނުން ވެސް ފަހަތަށް އެނބުރި ބަލަން ތިބީ ދައްޔާނަށެވެ. ދައްޔާން އެކަނި އައުމުންނެވެ.
''ކޮބާ ގެންނާނަމޭ ބުނި މަންޖެ؟...'' ޖައިލަމް ޝައުޤުވެރިކަން ފާޅުކޮށްލިއެވެ.
''މިރެއަކު ނޫން...'' ސީޓަށް ހަށިގަނޑު ދޫކޮށްލަމުން، ލެނގޭބައިގައި ކަނދުރާއަޅުވާލުމަށްފަހު ދައްޔާން ބުނެލިއެވެ.
'އޭތް!، ތީތި ކަޑައޭ ބްރޯ...'' ޖައިލަމް ޗޮކެއް ކަނޑާލިއެވެ.
''ނޯ ގޭމް ބްރޯ...'' ރައިހާން އިނީ ފާޑަކަށް ހެވިފައެވެ.
''އަދި ނުވެފައެއް ނެތެއްނު، މަ ބުނި ކަމެއްކޮށްފަ ނޫނީ ދުލެއް ނުކުރާނަން...'' ދައްޔާން ދެލޯ ހަނިކޮށްލިއެވެ.
''އޮފީހުން ދިމާވި މަންޖެ ގޮތަށް؟...'' ރައިހާން ދިމާކޮށްލިއެވެ.
''ތިހެން ބުނީމަ މި ހަނދާންވީ، ކިހިނެއް އެކަންތައް ދިޔައީ؟...'' ޖައިލަމް އެއްބުމައަރުވާލިއެވެ.
''އޭނަ ކަޑަ، މިހާރު އެއަށްވުރެން ރީތި ބިޓެއް ފެނިއްޖެ، ހާދަ ހޮޓޭ، ބްލެކް ބިއުޓީއެއް... މިހެން ބުންޏަސް ކެއެމެންނަކަށް ގެޓެއް ނުވާނެ، މަޑުކޮށްބަލަ، ފޮޓޯ ދައްކާނަން...'' ކުރިއަށް ޖެހިލަމުން ފަޓުލޫނުގެ ޖީބުން ދައްޔާން ފޯނު ނެގިއެވެ. ގެލެރީ ހުޅުވަމުން ތަނާލްގެ ފޮޓޯތައް ރައްޓެހިންނަށް ދައްކަން ފެށިއެވެ.
ދައްޔާންގެ އަތުން ފޯނު އަތުލަމުން ޖައިލަމު ފޮޓޯތައް ބެލިއެވެ. ޒޫމްކޮށްކޮށްފައި ތުނބުން ފުމެލިއެވެ. ރައިހާން ވެސް ބޯދިއްކޮށްލަމުން ޖައިލަމުގެ އަތުގައި އޮތް ފޯނަށް ނަޒަރެއް ދިނެވެ.
''މިކަން ވާނެތަ؟...'' ރައިހާން ބަލައިލީ ދައްޔާނަށެވެ. އޭނަގެ އަޑުން ދައްޔާނަށް ޗެލެންޖު ކުރާ ކަހަލައެވެ.
''ވާނެ!...'' ޔަޤީންކަމާއެކު ދައްޔާނު ބުނެލިއެވެ.
''އެހެންބުނި އެއްޗެއް ނޫނޭ، ދާންއަށް އާންމުކޮށް ކަމުދާ ކުދިންނާ ތަފާތު ގޮތެއް ހުރީމަ ހަމަ އަހާލެވުނީ...... މިބުނީ ދީންވެރި ގޮތެއް ހުރީމަ...'' ދައްޔާން ރުޅިއައީއޭ ހިތާ ރައިހާން ބުނެލިއެވެ. އޭރު ވެސް ޖައިލަމުގެ ސަމާލުކަން ދެވިފައިވަނީ ތަނާލްގެ ފޮޓޯތަކަށެވެ. އެކަން ފާހަގަވުމާއެކު ދައްޔާން ފޯނު ޖަހައިގަތެވެ. ޖައިލަމު ޖަހާލީ ހިނިގަނޑެކެވެ.
''އެއީ ހަމައެކަނި ފެޝަނޭ، އެކަހަލަ ކިތައް އަންހެންކުދިންނެއް އަހަރެން ގާތަށް ގެނެސްފިން، ހަނދާންކޮށްދޭންވީތަ؟...'' ދައްޔާންގެ އަޑުގައިވަނީ ބޮޑާކަމެވެ.
''ކަމެއް ކުރެވުނު ކަމަކަށް ވާނީ އަހަރުމެންނާ ހަމައަށް ގެނައިމަ...'' ޖައިލަމު ބުންޏެވެ.
''ގެނެސްފަ ދައްކާނަން!...'' ޖައިލަމާއި ދިމާއަށް ޝަހާދަތްއިނގިލި ދިއްކޮށްލަމުން ދައްޔާން ބުނެލިއެވެ.
*****
އިވެންޓް ނިމުމާ ގާތަށް ދިޔައީ އެގާރަ ޖަހާ ބޮޑުވިފަހުންނެވެ. މެހެމާނުންތައް ވެސް މަދުވެ މާހައުލަށް ފަޅުކަން ވެރިވާނެ ފަށައިފިއެވެ. ތަނާލް ގެއަށްލައިދާން ދިއުމުގެ ކުރިން މާމަމެން ގާތު އެވާހަކަ ބުނަން ޒަރާރް އައެވެ. އެވަގުތު މޭޒު ދޮށުގައި ތިބީ ހަމައެކަނި ޖާބިރާއި ސަރުވާ އެވެ. މަސްރޫރާއި އަޒީލާ ތިބީ އަޒީލާގެ އެކުވެރިޔަކާ ބައްދަލުވުމުން ވަކިން ހުރި މޭޒެއްގައެވެ.
''ތަނޫ ގެއަށް ގެންގޮސްދޭން އަޅުގަނޑު ގޮސްލިޔަސް އެންމެ ރަނގުޅުތޯ؟...'' މާމަ ގާތަށް ކުރުފައިމައްޗަށް ތިރިވެލަމުން ޒަރާރް އަހާލިއެވެ.
''އަވަހަށް ދޭ، ތަނޫ ހުންނާނީ ވަރުބަލިވެފަ...'' ޒަރާރްގެ ކޯތާފަތުގައި އަތްތިލަ ޖައްސާލަމުން ސަރުވާ ބުންޏެވެ. ''މާމަ ބުނި ކަންތަކާ ވިސްނާލައްޗޭ...''
''މާމާ...'' މާމަގެ އަތުގައި ހިފާލަމުން ޒަރާރް ބުންޏެވެ. އޭނަގެ ނަޒަރު ކާފައަށް ހުއްޓުނެވެ.
''ކާފައަށް މާ ކުރިން އެނގިއްޖެޔޭ، ދަރިފުޅު ހަފްލާއަށް ތަނޫ ގެނައި ހިސާބުން ކާފައަށް ޝައްކުވެއްޖެ، މީގެ ކުރިން ދުވަހަކު ދަރިފުޅު އަންހެންކުއްޖަކަށް ދަޢުވަތު ނުދޭ ވިއްޔާ...'' ހިނިތުންވުމަކާއެކު ސަރުވާ ބުނެލިއެވެ.
''ތެދެއް، ކާފަ އަދި އެހާ މުސްކުޅިއެއް ނޫނޭ...'' ޖާބިރު ސަމާސާކޮށްލިއެވެ.
''ކާފާއަށް ތަނޫ ކަމުދޭތަ...'' ކާފައަށް ގޮވާލަމުން ކާފަގެ ގާތަށް ޒަރާރް ޖެހިލިއެވެ. ތަނާލްއާ މެދު ކާފަގެ ޚިޔާލު ހުރި ގޮތެއް ބަލައިލަން ބޭނުން ވީއެވެ. ޢާއިލާގެ ރުހުން އޭނައަށް ވަރަށް މުހިންމެވެ.
''އާނ ވަރަށް ބޮޑަށް ކަމުގޮސްފި، ދަރިފުޅާ ވަރަށް ގުޅޭ...'' ޒަރާރްގެ ކޮނޑުގައި އަތްތިލަ ބާއްވަމުން ޖާބިރު ބުނެލިއެވެ. ޖާބިރާއި ސަރުވާ އެކަނިވި ދަނޑިވަޅެއް ބަލާފައި ސަރުވާ ވަނީ ހުރިހާ ވާހަކައެއް ކިޔައިދީފައެވެ. ޒަރާރްގެ ހިތުން ތަނާލްއަށް ދެވިފައިވި މަޤާމެވެ. ޒަރާރްގެ ކަންބޮޑުވުންތަކާއި ގުޅިފައިވި ސަބަބެވެ. ތަނާލްއަށް ދިމާވި ހިތާމަވެރި ހާދިސާއަށް ފަހުގައި ވެސް ދުނިޔެއާއި ކުރިމަތިލަމުންދާ ހިތްވަރު ފެނި ޖާބިރުގެ ހިތުން ތަނާލްއަށް ދެވުނު ޤަދަރު އުފުލުނެވެ.
ކާފަގެ ޖުމްލައިން ޒަރާރްގެ ތުންފަތަށް ވެރިވީ ފުޅާ ހިނިތުންވުމެކެވެ. އެހިނިތުންވުން އޭނަގެ ލޮލުން ފާޅުކޮށްދިނެވެ. ކުޑަކޮށް ޖަޒުބާތީވާ ގޮތް ވެސް ވެއްޖެއެވެ.
''ދެން ދޭ އަވަހަށް، އިންތިޒާރުގަ ތަނޫ ބެހެއްޓުން ރަނގަޅެއް ނުވޭނެ...'' ސަރުވާ ބުނެލިއެވެ. ބޯޖަހާލަމުން ޒަރާރް ކޮޅަށް ތެދުވިއެވެ. ވަކި ހިސާބަކޮށް ގޮސްފައި އަނބުރާލާފައި އައިސް މާމަގެ ގައިގައި ބައްދާލިއެވެ. އެއަށްފަހު ކާފަގެ ގައިގައި ވެސް ބައްދާލިއެވެ. މާމައާއި ކާފަގެ ހެޔޮ ދުޢާތައް ލިބުމުން ޒަރާރް މެޔަށް ފިނިކަމެއް ގެނެސްދިނެވެ. ދާން ވީ ރާސްތާ އިހުނަށް ވުރެން ފަސޭހަވިހެން ހީވި އެވެ.
''ތެންކިއު...'' ޝުކުރު ބަންޑުންކޮށްލަމުން ޒަރާރް ބުންޏެވެ. ދެން އޭނަ ހިނގައިގަތީ ތަނާލްގެ ގާތަށެވެ. އޭރު ތަނާލް ހުރީ ސަރައްކާލީގައި މަޑުކޮށްގެންނެވެ. ޒަރާރް ފެންނައިރަށް ހިނިތުންވެލައިފިއެވެ. ޒަރާރް ވެސް ހިނިތުންވުމަކާއެކު ތަނާލްގެ ގާތަށް ހުއްޓުނެވެ.
*****
''ގެއަށްތަ ދާނީ؟...'' ކާރަށް އަރަމުން ޒަރާރް ސުވާލުކޮށްލިއެވެ. އެއާއެކު ތަނާލްގެ ނަޒަރު ޒަރާރްއަށް ހުއްޓުނެވެ.
''އާމްމްމް....'' ތަނާލްއަށް ވިސްނާލެވުނެވެ. އެކުގައި ހޭދަކުރެވެމުންދާ ވަގުތުކޮޅަށް އެހާ އަވަހަށް ނިމުން އަންނަން ތަނާލްގެ ޒަމީރު ދެކޮޅުހަދައިފިއެވެ.
ކާރުގެ ހުންގާނުގައި އިނގިލިތަކުގެ ކުރިން މަޑުމަޑުން ތަޅަމުން، ޒަރާރް އިންތިޒާރުކުރަމުން ދިޔައީ ތަނާލްގެ ޖަވާބަކަށެވެ. ހިތާހިތުން ދުޢާ ކުރެވުނީ ނޫނޭކޭ ބުނުމަށެވެ.
''ދުއްވާލަން ދަމާ...'' ތަނާލް ބުންޏެވެ. އެއީ ޒަރާރް ބޭނުންވި ޖަވާބެވެ. ކާރު ދުއްވާލީ އުފާވެރިކަމުގެ ޖޯޝާއެކުގައެވެ.
ވަކި މަންޒިލެއް ނެތި ހުޅުމާލޭގައި ޒަރާރް ކާރު ދުއްވިއެވެ. ހުއްޓުމެއް ނެތި ދެޒުވާނުންގެ ދެމެދުގައި ވާހަކަދެކެވުނެވެ. ވަކި ހިސާބުން ފިނި ބުނިމަކަށް އިންސާފުކޮށްލަން ޖޫގޯ ޕޮއިންޓެއްގެ ކައިރިއަށް ކާރު މަޑުކޮށްލިއެވެ. ތަނާލް ގާތު ކާރުގައި މަޑުކޮށްލުމަށް އެދެމެދުން، ކުޑަކޮށް ދޮވެލާފައި ގޮސް ޖޫގޯ ޕޮއިންޓަށް ޒަރާރް ވަނެވެ. އޭނަ ކަރުން ފޭބީ ތަނާލްގެ އޯޑަރު ހޯދައިގެންނެވެ.
ދިޔަތާ ކުޑަ އިރުކޮޅެއް ފަހުން ޓޭކްއަވޭއި ގޮތުގައި ބުއިންތައް ހިފައިގެން ޒަރާރް އަތުވެއްޖެއެވެ. އަތުގައި އޮތް ބުއިން ތަނާލްއަށް ދިއްކޮށްލުމުގެ ކުރިން، ބުއިމަށް ހޮޅި ވެސް ލައިދިނީ ޒަރާރް އެވެ. ކިތަންމެ ކުޑަކަމެއް ވިޔަސް ތަނާލްއަށްޓަކައި ކޮށްދެވުމުން ޒަރާރް އުފާ ވެއެވެ.
''ތެންކިއު މިސްޓަރ ޖެންޓްލްމޭން...'' ތަނާލް ލުއި ހުނުމަކާއެކު ބުންޏެވެ. އެހިތްގައިމު އަޑުގެ ތެރެއަށް ގެއްލިފައި ޒަރާރްއަށް އިނދެވުނެވެ. ތަނާލްގެ ނަޒަރު ވެސް ޒަރާރްގެ މޫނަށް ހުއްޓުނީ އެދަޑިވަޅުގައެވެ. ލޮލާލޯ ސީދާ ވުމާއެކު ވަގުތު މަދުޖެހިލިކަމުގެ އިހުސާސް ކުރެވުނެވެ. އޭރު ކާރުގެ ސްޓީރިއޯ އިން އިވެމުން ދިޔައީ އިނގިރޭސި ލަވައެވެ. ހެރީ ސްޓައިލްސްގެ ''އެޑޯރ ޔޫ'' އެވެ.
ޒަރާރްގެ ނަޒަރުގައިވި ތޫނުކަމުން ތަނާލްގެ ހިތް އަވަސް ކުރުވިއެވެ. އެދެލޮލުން ފާޅުވަމުންދާ ޖަޒުބާތުތައް ދޭހަކުރެވޭތޯ އޭނަ ބެލިއެވެ. ގައިން ހީބިހި ވެސް ނަގައިފިއެވެ. ފުން ކަނޑެއް ފަދަ އެދެލޮލުގެ ތެރެއަށް މުޅި ޖާން ދޫކޮށްލެވުނެވެ. ހޭވެރިކަންވީ ފަހަތުން އިވުނު ބަރުގޮނުގެ އަޑާއެކުގައެވެ. ހުވަފެނީ އާލަމުން ދެޒުވާނުންނަށް ނިކުމެވުނީ އެކުއެކީގައެވެ. ހިނދުކޮޅު ފާއިތުވުމާއެކު ޒަރާރް ކާރު ދުއްވާލީ ބީޗަށް ދިއުމަށެވެ. ތަނާލްގެ އެދުމަށެވެ.
*****
ޝާއްބަކަމާއެކު ސާދަ ވިލޭރޭގެ ފުރިހަމަ ހަނދު މެދު އުޑުގައި ރަނިކަން ކުރަމުން ދިޔައެވެ. ހަނދުގެ އިސްތިޤުބާލުގައި ތިބި ތަރިތަކުގެ ވިދުން މިރޭ ފަނޑު ނަމަވެސް އުދަރެހުން ފާޅުވާ ތަރިތަކުގެ ޗާލުކަން ވަކި ކުޑައެއް ނޫނެވެ. އަރައިގެން ހުރި އުސްކަށީގެ ފައިވާން ފަޔާ ވަކިކޮށްލަމުން ދޮންވެލިގަނޑު މަތީގައި ތަނާލް ބެހެއްޓިއެވެ. އެއަމަލު ނަކަލުކޮށް ޒަރާރް ވެސް ބޫޓު ބޭލިއެވެ. ތަނާލްގެ މިސްރާބު ނަގައިގަނެވުމުން ފަޓުލޫނުގެ ފައިކުރި އޮޅާލިއެވެ. ލައިގެން ހުރި ސޫޓުގެ ޖެކެޓު ވެސް ފައިވާނާއި ބޫޓި ކައިރީގައި ބޭއްވިއެވެ. ތަނާލްގެ ގާތަށް ދިއުމަށް ޒަރާރް މިސްރާބު ޖެހީ ގަމީހުގެ އަތުކުރި އުޅަނބޮށްޓާ ހަމައަށް އޮޅަމުންނެވެ.
ތަނާލް ހުރީ ރާޅުފަށްކައިރީގައެވެ. ހެދުމުގެ ފަސްބައި ހިއްލައިގެން ފައިތިލައިގައި ބޮސްދެމުންދާ ރާޅުތަކަށް ބަލަހައްޓައިގެންނެވެ. ޒަރާރްގެ ހިލަންވުމުން ތަނާލް ބަލައިލިއެވެ. ފަނޑު އަލިކަމުގެ ތެރެއިން ޒަރާރް ފެނުމުން، ތަނާލްގެ ހިތް ބާރުބާރަށް ތެޅެން ފެށިއެވެ.
ހިމޭންކަމުގެ ތެރެއިން، ފިޔަވަޅުގެ ނިޝާންތައް ރާޅުތަކާ ހަވާލުކުރަމުން ދެޒުވާނުން ހިނގަމުން ދިޔައެވެ. ކުރީގައި ހުރީ ތަނާލްއެވެ. ތަނާލްގެ ފަހަތުން ޒަރާރް ހިނގަމުން ދިޔައީ ފަޓުލޫނުގެ ޖީބަށް އަތްޖަހައިގެންނެވެ. ދޭތެރެއަކުން ޒަރާރްއަށް ބަލައިލަމުން ތަނާލް ހިނިތުންވެލާނެއެވެ. އެހިނިތުންވުންތަކުން ޒަރާރްއަށް އިހުސާސްކުރެވުނީ އުފާވެރިކަމެވެ.
''ވެއިޓް އިނގޭ... އެބަ އަންނަން...'' ކުއްލިޔަކަށް ޒަރާރް ބުނެލިއެވެ. ހައިރާންކަމާއެކު ޒަރާރްއަށް ބަލަހައްޓައިގެން ތަނާލްއަށް ހުރެވުނެވެ.
ޒަރާރް ހިނގައިގަތީ ކާރާ ދިމާއަށެވެ. މިރެއަށް ހާއްސަކޮށް ތަނާލްއަށް ދޭން ތައްޔާރުކުރި ހަދިޔާ ބަލައެވެ. ލޯބި ހުށަހަޅާނެ ތަފާތު ގޮތްތަކާ މެދު އޭނަ ފުންކޮށް ވިސްނިއެވެ. ތިބޭނެ މަންޒިލެވެ. ބުނާނެ ލަފުޒުތަކެވެ. ނަމަވެސް ވަގުތު ނުތަންވަޅުވުމުން ކުޑަކޮށް ޖެހިލުންވާން ފެށިއެވެ. މޭގެ ތެރޭގައި ހިތް ބާރުބާރަށް ތެޅެމުން ދިޔަ އެވެ. ކާރުގެ އަންޑަ ސީޓް ސްޓޯރޭޖް ވަތްގަނޑު ހުޅުވާލަމުން ޒަރާރް ނެގީ މާބޮޑިއެކެވެ. އޭގައި ހުރީ ހުދާއި ފިޔާތޮށީގެ ކުލަތައް މަސްހުނިވެފައިވި ޕިއޮނީޒް ތަކެކެވެ. މަލަށް ބަލައިލުމުން ޒަރާރްގެ ހަނދާނަށް އައީ ތަނާލް އޭނަ ގާތު ބުނި ވާހަކައެކެވެ. ޕިއޮނީޒް ރަމްޒުކޮށްދެނީ އައު ފެށުމެއް ކަމެވެ. އެހަދިޔާ އޭނަ ތައްޔާރުކުރީ އެޚިޔާލުގައި ހުރެފައެވެ. ތަނާލްއަށް ވިސްނޭނެކަމުގެ އުއްމީދުގައި ވެސް މެއެވެ.
ތަނާލްގެ ގާތަށް ޒަރާރް ދިޔައީ މާބޮޑީގައި ހިފަހައްޓައިގެން ހުރި އަތްތިލަ ފަހަތަށް ގެންގޮސް ސިއްރުކޮށްގެންނެވެ. ޝައުޤުވެރިކަމާއެކު ޒަރާރްއަށް ބަލަން ތަނާލްއަށް ހުރެވުނީ ހިނިތުންވުމަކާއެކުގައެވެ. ޒަރާރް ހުއްޓުނީ ތަނާލްގެ ކުރިމައްޗަށެވެ.
''އަހަރެން ބޭނުން ވާހަކައެއް ބުނަން...'' ޒަރާރް ބުންޏެވެ. ޒަރާރްއާއި ނަޒަރުވަކިކޮށްލުމެއް ނެތި ތަނާލް ބަލަން ހުއްޓެވެ.
''ފަހަރެއްގައި އަހަންނަށް މިބުނެވޭ އެއްޗަކުން އެކުވެރިކަމަށް ބަދަލެއް އަތުވެދާނެ، އެކަމަކު ނުބުނެ ހުންނަން ވެއްޖެނަމަ އަހަންނަށް ދެން އިތުރަށް ކެތްކުރެވޭނެހެނެއް ހިޔެއް ނުވޭ... ތަނޫ... އަހަންނަށް ތަނޫ ވަރަށް ބޮޑަށް ކަމުދޭ...'' ފުން ނޭވާއެއް ދޫކޮށްލަމުން ޒަރާރް ބުންޏެވެ. އެއަށްފަހު އަތުގައި އޮތް މާބޮޑި ކަޝްފުކޮށް ތަނާލްއަށް ދައްކާލިއެވެ. ލޯތްބަށް ވެވުނު އިޤުރާރާއެކު އޭނައަށް ނޭވާ ހިފަހައްޓާލެވުނެވެ. ތަނާލްގެ ޖަވާބަކަށް ކުރެވުނު އިންތިޒާރެއްގެ ސަބަބުންނެވެ.
ކަޅިޖަހާލުމެއް ނެތި ޒަރާރްގެ އަތުގައި އޮތް މާބޮޑިއަށް ތަނާލް ބެލިއެވެ. ހާއްސަކޮށް އޭގައި ހުރި ޕިއޮނީޒް އަށެވެ. އެއިން ރަމްޒުކޮށްދިން މާނަ ވެސް ދޭހަކުރެވުނެވެ. އެކަމަށް ބާރު ދިނީ ޒަރާރްގެ ޖުމްލައެވެ. ތަނާލްއަށް ހުރެވުނީ އާގަމަ އަރާފައެވެ. އަޑުއަހަން ބޭޤަރާރުވެފައިވި ލަފުޒުތައް އަޑު އިވުމާއެކު މީހާ ފިނިވެއްޖެއެވެ. މަޑު ތުރުތުރުލުމެއް އުފެދުނު ދެއަތުން މާބޮނޑީގައި ތަނާލް ހިފީ އޭނަގެ ޖަވާބު ޒަރާރްއަށް ފަހުމުރެވޭނެ ކަމަށެވެ. ޒަރާރްގެ ލަފުޒުތަކުން އެހިތަށް ދިރުން ގެނެސްދީފިއެވެ. ޒަހަމްތަކަށް ދާއިމީ ޝިފާއެއް ލިބިދާނެކަމުގެ އުއްމީދު އާލާކޮށްދިނެވެ.
''އަހަންނަކަށް ނޭނގޭ ތަނޫ ދެކެ އަހަންނަށް ލޯބި ވެވުނީ ކިހިނެއް ކޮން އިރަކު ކަމެއް، އެނގޭހާ ވެސް އެއްޗަކީ މި އިހުސާސްތައް ދެން ސިއްރެއް ނުކުރެވޭނެކަން، އަބަދު އަހަންނަށް ފެންނަ ހިސާބުގައި ތަނޫ ހުންނަން ބޭނުންވޭ، ލޯތްބަކީ މިހާ ބާރުގަ ޖަޒުބާތަކަށް ވެދާނެކަން މިއެނގުނީ ފުރަތަމަ ފަހަރަށް، ތަނޫ ދެކެ ލޯބި ވުން އެއީ ނޭވާލުންހާ ފަސޭހަކަމެއް... ހުރިހާ ތަނަކުން ފެންނަން އެދޭ ސޫރައަކީ ތީ....... ތަނޫ... އަހަންނަށް ތިހުން ޖާގައެއް ދޭނަންތަ؟، އަހަރެން މިއެދޭ ފުރުސަތު ދޭނަންތަ؟... އަހަންނަށް އެނގޭ ހިދާން ދެކެ ތަނޫ ވާ ލޯތްބަށް ބަދަލެއް ނާންނާނެކަން، އެކަމަކު ތިހިތުން ކުޑަކުޑަ ޖާގައެއް އަހަންނަށް ދިނަސް އެކަމާ އަހަރެން ރުހި ޤަބޫލުވާނަން، ހިދާންގެ މަޤާމަށް ދުވަހަކު އަންނަން މަސައްކަތެއް ނުކުރާނަން...'' އަސަރާއެކު ޒަރާރް ބުންޏެވެ. ތަނާލްގެ ލޯތްބަށްޓަކައި ހިދާންއާއި ދުވަހަކު ވާދަނުކުރާނެކަން ބުނެދޭން ޒަރާރް ބޭނުން ވިއެވެ. އެއީ ތަނާލްގެ ދިރިއުޅުމުގެ ބަޔެއްކަމުގައި ވާތީ އެވެ. އެހަނދާންތަކަށް އޭނަ ޤަދަރުކުރާނެއެވެ.
ޖަޒުބާތުގައި ބެހުމާއެކު ތަނާލްގެ ދެލޮލުން ކަރުނަ ނީރާލައިފިއެވެ. ތުންފަތުގައި މަޑު ތުރުތުރުލުމެއް ވެސް އުފެދުނެވެ. ހިތުގެ ހާލު ބަޔާންކޮށްދޭން ތަނާލް ބޭނުން ވިއެވެ. ޒަރާރްއަށް ފުރުސަތެއް ދޭން ތައްޔާރަށް ހުރި ވާހަކަ ހާމަކުރަން ވެސް މެއެވެ. އެހަނަސް އުތުރިއަރަން ފެށި އިހުސާސްތަކުގެ ތޫފާނާއެކު ކަރުނަތައް ކޮންޓްރޯލެއް ނުކުރެވުނެވެ. ހިދާންއަށް ފަހު އިތުރު މީހަކު ދެކެ ލޯބި ވެވިދާނެ ކަމަށް އޭނަ ދުވަހަކު ހިޔެއް ނުކުރެއެވެ. އެފަދަ ޚިޔާލެއް ވެސް ނުގެންގުޅެއެވެ. ނަމަވެސް އޭނަގެ ހިތުން ޒަރާރް މަޤާމެއް ކަށަވަރުކޮށްފިއެވެ. ފަނޑުވެގެން ނުދާނެ ފަދައިން އެނަން މޭގައި ފެވިއްޖެއެވެ. އެއީ އޭނައަށް ދޮގު ނުކުރެވުނު ހަޤީޤަތެވެ.
''ތަނޫ...'' ތަނާލްގެ ކޯތާފަތުން ރޮނގު ދަމާލި ކަރުނަ ފެނުމާއެކު ޒަރާރްގެ މެޔަށް ނުބައި ގޮތެއް ވިއެވެ. ކުރިއަށް ޖެހިލައި ކަރުނަތައް ފޮހެލަދިނީ ލޯތްބާއެކުގައެވެ.
''ފަހަރެއްގައި ވެސް ލޯބިވާކަން ހާމަކުރީ ތަނޫ ރޮއްވާލާކަށް ނޫން، ތި ދެލޮލުން ކަރުނަ ފައިބާ މަންޒަރު ދެކެން އަހަންނަށް ވަރަށް އުނދަގޫ... ތަނޫ...'' ދެއަތުން ތަނާލްގެ ކޯތާފަތުގައި ހިފަހައްޓަމުން ޒަރާރް ބުންޏެވެ.
''މިވަގުތު އަހަންނަށް ޖަވާބެއް ނުދިނަސް އެންމެ ރަނގަޅޭ، އަހަންނަށް އިނގޭ ތަނޫއަށް ވަގުތު ބޭނުންވާނެކަން...'' ޒަރާރް ބުންޏެވެ.
ޒަރާރްގެ ޖުމްލައާއެކު ތަނާލްއަށް ކުރިއަށް ޖެހިލެވުނެވެ. ޒަރާރްގެ ނިތްކުރީގައި އޭނަގެ ނިތް ޖައްސާލަމުން ފުން ނޭވާއެއް ދޫކޮށްލިއެވެ. އެތައް ދުވަހެއް ވަންދެން ބަރުދާސްތުކުރަމުންދާ އުދާސްތައް ބޭރުކޮށްލި ކަހަލައެވެ. ޒަރާރްއާއި ބައްދަލުވި ރެއިން ފެށިގެން އޭނަގެ ދިރިއުޅުމަށް އިންޤިލާބެއް އަތުވެއްޖެއެވެ. ހަނަފަސްކަމުން ދިރުން ގެއްލިފައި ހަޔާތަށް ބަހާރުގެ ކުލަތައް ގެނެސްދިން މިތުރަކީ ޒަރާރް އެވެ. އޭނައަށް ޒަރާރް ދެކެ ލޯބި ވެވިއްޖެއެވެ.
''އަހަރެން.................... އަހަންނަށް ވެސް ޒަރާރް ކަމުދޭ...'' ވައި އަޑަކުން ތަނާލް ބުންޏެވެ. އެއާއެކު ޒަރާރްގެ ތުންފަތަށް ވެރިވީ ފުޅާ ހިނިތުންވުމެކެވެ.
''ކޭން އައި ހަގް ޔޫ؟...'' ޒަރާރް އެދުނެވެ.
ކަރުނައިގެ ތެރެއިން ހިނިތުންވެލަމުން ޒަރާރްގެ މޭގައި ތަނާލް މޫނު ފޮރުވާލިއެވެ. އެޖިސްމުގެ ހޫނުކަމާއި، ލުއި ފިރިހެންވަންތަ ވަސް ނޭފަތުގައި ޖެހުމާއެކު ތަނާލްއަށް އެއްކަމެއް ޔަޤީން ވެއްޖެއެވެ. ހިތާމަތައް ލުއިކޮށްދެއްވުމަށް އެދި މާތްﷲއަށް ދެންނެވި ދުޢާތައް އެކަލާނގެ އިޖާބަކޮށްދެއްވައިފިއެވެ. ކެތްތެރިކަމަކީ އޭގައި ފޮނި ރިހުމެއް އެކުލެވިގެންވާ އެއްޗެކެވެ. މިއަދު އޭނަގެ ވޭނީ ސިލްސިލާއެއް ނިމުން ގެނެސްދިނީ މީގެ މަސްތަކެއް ކުރިން އިއްތިފާގަކުން ބައްދަލުވި ޒުވާނާއެވެ. އެރޭ އޭނަގެ ހިތުން ޒަރާރް ޖާގައެއް ހޯދަފާނެކަމަށް މީހަކު ބުނިނަމަ ތަނާލް ޤަބޫލެއް ނުކުރީހެވެ. އެހެނަސް ޒަރާރް ވަގުތާ ހާލަތު ބަދަލުކޮށްލައިފިއެވެ. އަލުން ލޯބިވާން އޭނައަށް ދަސްކޮށްދީފިއެވެ.
(ނުނިމޭ)
ފުރުސަތު މި އެދޭ
ކޮމެންޓް