ބޮލީވުޑްގެ ކާމިޔާބު ފިލްމު ފްރެންޗައިޒް "މުންނާ ބާއީ" ގެ ތިންވަނަ ފިލްމެއް އުފެއްދުމުގެ މަސައްކަތް ކުރިއަށްދާކަން ޑައިރެކްޓަރު ރާޖްކުމާރު ހިރާނީ އާއި އެކްޓަރު އަރުޝަދު ވާރްސީ ކަށަވަރުކޮށްދީފިއެވެ.

ފަހުގެ އިންޓަވިއުތަކެއްގައި މި ދެ ފަންނާނުން ބުނި ގޮތުގައި، ފިލްމުގެ ތިން ސްކްރިޕްޓެއް މިހާރު ވަނީ ޑްރާފްޓްކޮށްފައެވެ. މި ފްރެންޗައިޒްގެ އިތުރު ފަސް ފިލްމެއް އުފެއްދޭ ވަރަށް ވާހަކަ އެބަހުރި ކަމަށް ވެސް އެ ފަރާތްތަކުން ފާހަގަކުރިއެވެ. މިކަން ހާމަކުރުމާއެކު، މުންނާ ބާއީ 3 ގެ މަސައްކަތް ހުއްޓާލާފައިވާ ކަމަށް އިންޑަސްޓްރީގައި ފެތުރިފައިވާ އަޑުތަކަށް ވަނީ ނިމުމެއް އައިސްފައެވެ.

އިންޑިއާގެ ނޫސްތަކަށް ދިން އިންޓަވިއުއެއްގައި އަރުޝަދު ވާރްސީ ބުނި ގޮތުގައި، ކުރިން މި ފިލްމު ނުއުފައްދާނެ ކަމަށް ބެލެވުނު ނަމަވެސް، މިހާރު ޑައިރެކްޓަރު ހިރާނީ އަންނަނީ ފިލްމުގެ މަސައްކަތް ވަރަށް ސީރިއަސްކޮށް ކުރަމުންނެވެ. ހިރާނީ ފާހަގަކުރި ގޮތުގައި، ފިލްމުގެ ފުރަތަމަ ދެ ބަޔަށް ވުރެ ތިންވަނަ ބައި ފުރިހަމަ ކުރުމަކީ އޭނާއަށް އޮތް އެންމެ ބޮޑު ގޮންޖެހުމެވެ. އެހެންކަމުން، ފިލްމުގެ ސްކްރިޕްޓާ މެދު މުޅިން ހިތްހަމަޖެހުމުން ނޫނީ ޝޫޓިން ނުފަށާނެ ކަމަށް އޭނާ ބުންޏެވެ.

ސަންޖޭ ދަތު އާއި އަރުޝަދު ވާރްސީ ލީޑު ރޯލުން ފެނިގެންދިޔަ މި ފްރެންޗައިޒްގެ ފުރަތަމަ ފިލްމު "މުންނާ ބާއީ އެމްބީބީއެސް" ނެރެފައިވަނީ 2003 ވަނަ އަހަރުއެވެ. އޭގެ ފަހުން 2006 ވަނަ އަހަރު "ލަގޭ ރަހޯ މުންނާ ބާއީ" ނެރުނެވެ. މި ދެ ފިލްމަށް ވެސް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިފައިވާއިރު، ފިލްމުގެ މައިގަނޑު ދެ ކެރެކްޓަރު ކަމަށްވާ މުންނާ އާއި ސާކިޓްގެ ރޯލަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނެވެ.

މި ފްރެންޗައިޒްގެ ތިންވަނަ ފިލްމަކަށް ބެލުންތެރިން އިންތިޒާރުކުރާތާ ވިހި އަހަރާ ގާތްވެފައިވާއިރު، ފިލްމުގެ މަސައްކަތް ލަސްވެފައިވަނީ ރަނގަޅު ވާހަކައެއް ނުލިބުމުގެ ސަބަބުން ކަމަށް ހިރާނީ ވަނީ މީގެ ކުރިން ވެސް ބުނެފައެވެ. އޭނާ ބުނި ގޮތުގައި، ފިލްމުގެ ފުރަތަމަ ދެބައިގެ ފެންވަރަށް ވުރެ ދަށް ފިލްމެއް އުފައްދާކަށް އޭނާ ބޭނުމެއް ނުވެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މިހާރު ފިލްމު އުފައްދާ ފަރާތްތަކުން އަންނަނީ ޕްރޮޑަކްޝަންގެ ކުރިއަށް އޮތް މަރުހަލާތައް ވަޒަންކުރަމުންނެވެ. އަދި ފިލްމުގެ ސްކްރިޕްޓް ފައިނަލް ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރިއަށެވެ.