މި މަހު ނެރުނު ހިންދީ ފިލްމު "ކޮކްޓެއިލް 2" ގައި ކްރިތީ ސެނަން އަދާކުރާ ރޯލާއި، 2012 ވަނަ އަހަރު ނުކުތް "ކޮކްޓެއިލް" ގައި ދީޕިކާ ޕަދުކޯން އަދާކުރި ވެރޯނިކާގެ ރޯލާ ދެމެދު ބެލުންތެރިން ކުރަމުން އަންނަ އަޅައިކިޔުންތަކަށް ކްރިތީ ރައްދުދީފިއެވެ. އޭނާ ބުނި ގޮތުގައި މި ދެ ކެރެކްޓާއަކީ މުޅިން ތަފާތު ދެ ކެރެކްޓާއެކެވެ.
ފިލްމު ޕްރޮމޯޓުކުރުމުގެ ތެރެއިން މީޑިއާތަކަށް ދިން އިންޓަވިއުތަކެއްގައި ކްރިތީ ބުނީ، މިއީ އެއް ފްރެންޗައިޒެއްގެ ފިލްމަކަށް ވުމުން މިފަދަ އަޅައިކިޔުންތަކެއް އަންނާނެކަން ކުރިން ވެސް އެނގޭ ކަމަށެވެ. ނަމަވެސް އޭނާ ކުޅޭ "އެލީ" ގެ ކެރެކްޓާއަކީ ވެރޯނިކާ ނޫން ކަމަށާއި، ދީޕިކާ ކުޅެފައިވާ ރޯލެއް ހަމަ އެގޮތަށް ކުޅުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް އޭނާ ފާހަގަކުރިއެވެ. ދެ ކެރެކްޓާގެ ކިބައިގައި ވެސް މިނިވަންކަމާއެކު އުޅުމުގެ ސިފަތަކެއް ހުރި ނަމަވެސް، އެލީގެ އަމިއްލަ ވަކި ޝަހުސިއްޔަތެއް ހުންނާނެ ކަމަށް އޭނާ ބުންޏެވެ. އަދި މި ފިލްމުގެ ވާހަކައާއި އޭގައި ދިމާވާ މައްސަލަތައް ވެސް މުޅިން ތަފާތުވާނެ ކަމަށް ކްރިތީ ބުންޏެވެ.
މި އަޅައިކިޔުންތައް ސޯޝަލް މީޑިއާގައި އާންމުވީ ފިލްމުގެ ޓްރެއިލާ ނުކުތް ހިސާބުންނެވެ. ގިނަ ބަޔަކު ވަނީ ވެރޯނިކާގެ ޖާދޫ ކްރިތީއަށް ދެއްކިދާނެތޯ ސުވާލު އުފައްދައިފައެވެ. މިކަމާ ގުޅިގެން ކްރިތީ ބުނީ، އޭނާ މި ފިލްމު ކުޅެން ޝައުގުވެރިވި މައިގަނޑު ސަބަބަކީ ވެސް މިއީ ކުރީގެ ފިލްމުގެ ރިމޭކަކަށް ނުވެފައި، މުޅިން އާ ވާހަކައަކަށް ވުން ކަމަށެވެ.
ހޯމީ އަދަޖާނިއާ ޑައިރެކްޓުކޮށް، ޝާހިދު ކަޕޫރާއި ރަޝްމިކާ މަންދަންނާ ވެސް މުހިންމު ރޯލުތަކެއް ކުޅެފައިވާ "ކޮކްޓެއިލް 2" ސިނަމާތަކަށް ނެރެފައިވަނީ މި މަހުގެ 19 ވަނަ ދުވަހުއެވެ. ކްރިތީ މިކަން ސާފުކޮށްދީފައިވަނީ، މިއީ 2012 ގެ ފިލްމުގެ ސީދާ ދެވަނަ ބައި ކަމަށް ހީކޮށްގެން ތިބި ސަޕޯޓަރުންގެ އުންމީދުތަކާ ފިލްމާ ނުބައްދަލުވެދާނެތީ، ފިލްމުގެ މިސްރާބު ހުރީ މުޅިން އެހެން ދިމާއަކަށްކަން އަންގައިދިނުމުގެ ގޮތުންނެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ކޮމެންޓް