ރާއްޖެއިން ބޭރުގައި މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް ވިސާ ފީ ދެއްކުމަށް ބޭނުންވާ ބޭރު ފައިސާ ހޯދުމަށް ދަތިތަކެއް ކުރިމަތިވެފައިވަނިކޮށް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އެހީތެރިކަމާއެކު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެކަމަށް ހާއްސަ ލުއިތަކެއް މިއަދު ތައާރަފުކޮށްފިއެވެ.
ވިސާ ފީ ދެއްކުމުގެ އުސޫލަށް ގެނައި ބަދަލުމީގެ ކުރިން ބީއެމްއެލްއިން ދަރިވަރުންގެ ވިސާ ފީއަށް ބޭނުންވާ ބޭރު ފައިސާ ހަމަޖައްސައިދެމުން އައީ ކޭސްބައި ކޭސް އުސޫލުން ބެލުމަށްފަހު ވަކިވަކި ދަރިވަރުންނަށެވެ.
ބީއެލްއެލްގެ ސްޕޯކްސް ޕާސަން މުހައްމަދު ސައީދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަދުން ފެށިގެން އެ އުސޫލަށް ބަދަލުތަކެއް ގެނެސް، ރާއްޖެއިން ބޭރުގައި ކިޔަވާ ހުރިހާ ދަރިވަރުންނަށް ވެސް އެ ފުރުސަތު ފަހިކޮށްދިނުމަށް ބޭންކުން ނިންމާފައިވާ ކަމަށެވެ.
"މި ބޭނުމަށް ދަރިވަރުންނަށް ބޭރުފައިސާ ހަމަޖައްސައި ދިނުމަށް އެމްއެމްއޭގެ އެހީތެރިކަމާއެކު ބޭންކުން މިވަނީ މިއަދުން ފެށިގެން ހުރިހާ ދަރިވަރުންނަށްވެސް، ވިސާ އަށް ފައިސާ ދެއްކުމަށް ބޭންކަށް އެދި ހުށަހެޅުމުން ކާޑަށް ލިމިޓް ދިނުމަށް ނިންމާފައެވެ،" ސައީދު ވިދާޅުވިއެވެ.
ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ބޭނުންވާ ޓިއުޝަން ފީ އާއި ދިރިއުޅުމުގެ ހަރަދުތަކަށް ބޭނުންވާ ބޭރު ފައިސާ ފަސޭހަކަމާ އެކު ހަމަޖެއްސޭނެ އިންތިޒާމުތަކެއް ބީއެމްއެލުން ވަނީ ހަމަޖައްސަފައެވެ. އޭގެ ތެރޭގައި، ބޭރު ފައިސާއިން މުއާމަލާތް ކުރުމަށް ރުފިޔާ ކާޑަށް ދަރިވަރުންނަށް މަހަކަށް 1،200 ޑޮލަރުގެ ލިމިޓެއް ވަނީ ކަނޑައަޅައިފައެވެ.
މީގެ އިތުރުން ދަރިވަރުންގެ ނުވަތަ ބެލެނިވެރިޔާގެ ރުފިޔާ އެކައުންޓުން ޓިއުޝަން ފީ އާއި ތައުލީމާ ގުޅުންހުރި އެހެން ހަރަދުތަކަށް ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) މެދުވެރިކޮށް ފައިސާ ފޮނުވުމުގެ ފުރުސަތު ބީއެމްއެލުން ވަނީ ފަހިކޮށްދީފައެވެ.
އަލީ ޔާމިން
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ކޮމެންޓް