ރާއްޖޭގެ ބޭންކިން ނިޒާމަށް ކުރިމަތިވެފައިވާ ބޭރު ފައިސާގެ ދަތިކަން ހައްލުކުރުމަށްޓަކައި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭންކުތަކަށް ހަފުތާއަކު ދޫކުރާ ޑޮލަރުގެ މިންވަރު 25 ޕަސަންޓަށް އިތުރުކުރަން ނިންމައިފިއެވެ.

އެމްއެމްއޭއިން މިއަދު ބުނީ، އަންނަ އާދިއްތަ ދުވަހުން ފެށިގެން ކުރިއަށް އޮތް ތިން މަސްދުވަހުގެ މުއްދަތަަށް ބޭންކުތަކައް 25 ޕަސަންޓް އިތުރަށް ޑޮލަރު ދޫކުރާނެ ކަމަށެވެ.

އެގޮތަށް ނިންމީ ފަތުރުވެރިކަމުގެ އޮފް ސީޒަނާ ދިމާކޮށް ރާއްޖެއަށް ވަންނަ ބޭރު ފައިސާ މަދުވި ނަމަވެސް، ރާއްޖޭން ބޭރަށް ފޮނުވަންޖެހޭ ފައިސާގެ ޑިމާންޑު އެއްވަރެއްގައި ހިފެހެއްޓިފައި ހުރުމުން ދިމާވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުންކަމަށް އެމްއެމްއޭއިން ބުންޏެވެ.

އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ އަހަރުގެ ފުރަތަމަ ފަސް މަހާ އަޅާބަލާއިރު މިއަހަރުގެ އެ މުއްދަތުގައި ބޭންކުތައް މެދުވެރިކޮށް ވިއްކި ޑޮލަރުގެ އަދަދު ވަނީ 72 ޕަސަންޓް އިތުރުވެފައެވެ.

ހާއްސަކޮށް، ބޭސްފަރުވާއާއި ތައުލީމީ ބޭނުންތަކަށް ޑޮލަރު ބޭނުންވާ މިންވަރު 78 ޕަސަންޓަށް މަތިވެފައިވާކަމަށް ތަފާސްހިސާބުން ދައްކައެވެ.