މޫސުން ގޯސްވާ ދުވަސްވަރު މަސްވެރިންނަށް ކުރިމަތިވާ އެންވެރިކަމުގެ ދަތިކަމަށް ހައްލެއް ހޯދުމަށްޓަކައި، ރާއްޖޭގައި އެން އާލާކުރުމުގެ މަސައްކަތް ސަރުކާރުގެ އިސްނެގުމުގެ މަތިން މިހާރު ވަނީ ފަށާފައިކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މުއްތަލިބް ވިދާޅުވީ އެ މަސައްކަތް ކާމިޔާބުކަމާއެކު ކުރިއަށް ގޮސް 2028 ވަނަ އަހަރުގެ ތެރޭގައި މަސްވެރިންނަށް ބޭނުންވާ އެން ފޯރުކޮށްދޭން ފަށާނެ ކަމަށެވެ.
މުއްތަލިބް ވިދާޅުވީ، މީގެ ކުރިން ރާއްޖޭގައި މެރިކަލްޗާގެ މަސައްކަތްތައް ކުރެވުނީ އާދައިގެ ފަންތިއެއްގައި ނަމަވެސް، މިހާރު ސަރުކާރުގެ ވިސްނުމަކީ މިއީ ވަކި ސިނާއަތެއްގެ ގޮތުގައި ކުރިއެރުވުން ކަމަށެވެ. އެގޮތުން މާލެ ސަރަހައްދުން ކ. މަނިޔަފުއްޓާއި އެ ރަށް ކައިރީގައި އޮތް ފަޅެއްގެ އިތުރުން ގދ. އަތޮޅުގެ ފަޅެއް މި މަސައްކަތަށް މިހާރު ވަނީ ދޫކޮށްފައިކަމަށް އޭނާ ވިދާޅުވިއެވެ.
ގދ. އަތޮޅުގައި މެރިކަލްޗާގެ މަސައްކަތްކުރާ ކުންފުންޏަކާ އެކު މިހާރު އެއްބަސްވުމަކަށް އާދެވި، އެ ތަންތަނުގައި އެން އާލާކުރުމުގެ އަމަލީ މަސައްކަތްތައް ކުރިއަށްދާކަމަށް މުއްތަލިބު ވިދާޅުވިއެވެ.
އެ މަޝްރޫއުގެ މައިގަނޑު ބޭނުމަކީ މަސްވެރިން އެން ހޯދުމަށް ކުރާ ހޭދަ ކުޑަކޮށް، މޫސުން ގޯސްވާ ދުވަސްވަރުވެސް މެދުކެނޑުމެއް ނެތި މަސްވެރިކަން ކުރެވޭނެ މަގު ފަހިކޮށްދިނުންކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގައި މިހާރުވެސް ޑިނގާއާއި، ހުއިފިލަނޑާ އަދި ފާނަ ފަދަ ބާވަތްތައް އާލާކުރަމުންދާއިރު، މިފަހުން ވަނީ މޫދުވިނަ އާލާކޮށްގެން ރާއްޖެއިން ބޭރަށް އެކްސްޕޯޓު ކުރަންވެސް ފަށާފައެވެ.
މުހައްމަދު އިޝާން
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ކޮމެންޓް