އިންޑިއާގެ ކެރެލާ ސްޓޭޓުގައި އެކަނި ދިރިއުޅޭ އުމުރުން ދުވަސްވީ މީހުންގެ އެކަނިވެރިކަން ފިލުވައިދީ، އަޅައިލުން ފޯރުކޮށްދިނުމަށްޓަކައި މުޖުތަމައަށް ބިނާކޮށްފައިވާ އާ ސަޕޯޓް ނެޓްވޯކެއް މިއަދު އިފުތިތާހުކޮށްފިއެވެ.

"ސައްލާޕަމް" ގެ ނަމުގައި ފެށި މި ޕްރޮގްރާމަކީ ކެރެލާގެ އާ 'ޑިޕާޓްމަންޓް އޮފް އެލްޑަރލީ ވެލްފެއަރ' ގެ ދަށުން ކުރިއަށްގެންދާ ހަރަކާތެކެވެ. މި ޑިޕާޓްމަންޓް ހިންގުމަށް ސަރުކާރުން ވަނީ 10 ކްރޯޑު ރުޕީސްގެ ބަޖެޓެއް ކަނޑައަޅާފައެވެ.

މި ޕްރޮގްރާމްގެ ދަށުން، އެހީތެރިކަން ބޭނުންވާ މީހުން ދެނެގަންނާނީ ކެރެލާގެ 'އެލްޑަރލައިން' މެދުވެރިކޮށެވެ. އެއަށްފަހު، ސޯޝަލް ވޯކް ކިޔަވާ ދަރިވަރުންނާއި ތަމްރީނު ލިބިފައިވާ މީހުން، އުމުރުން ދުވަސްވީ މީހުންނާ ގުޅައި، ވާހަކަދައްކައި ހިތްވަރުދޭނެއެވެ. އަދި ބޭނުންޖެހިފައިވާ މީހުންނަށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކައުންސެލަރުން މެދުވެރިކޮށް އިތުރު ފަރުވާ ވެސް ހަމަޖައްސައިދޭނެ ކަމަށް ހަބަރުތައް ބުނެއެވެ.

ކެރެލާގެ ސޯޝަލް ޖަސްޓިސް ޑިޕާޓްމަންޓުގެ ޑިރެކްޓަރު އަރޫން އެސް ނައިރު ވިދާޅުވި ގޮތުގައި، ހެލްޕްލައިނަށް ދުވާލެއްގެ މައްޗަށް 500 އެއްހާ ކޯލު އަންނައިރު، އޭގެ ތެރެއިން ގިނަ މީހުންނަކީ ހަމައެކަނި އެކަނިވެރިކަން ފިލުވައިލުމަށް މީހަކާ ވާހަކަދައްކާލަން ބޭނުންވެގެން ގުޅާ މީހުންނެވެ. އަދި މި ޕްރޮގްރާމްގެ ސަބަބުން ދަރިވަރުންނާއި އުމުރުން ދުވަސްވީ މީހުންނަށް ވެސް ފައިދާކުރާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ސިއްހީ ތަޖުރިބާކާރުންނާއި އިޖުތިމާއީ ސިޔާސަތު އެކުލަވައިލާ ފަރާތްތަކުން ބުނާ ގޮތުގައި، ޒުވާނުން ވަޒީފާތަކަށް އެހެން ގައުމުތަކަށް ހިޖުރަކުރުމުގެ ސަބަބުން، އުމުރުން ދުވަސްވީ މީހުން އެކަނިވުމާއި ނަފްސާނީ މައްސަލަތައް ކުރިމަތިވުމަކީ ކެރެލާގައި މިހާރު އޮތް އެންމެ ބޮޑު އެއް ސިއްހީ މައްސަލައެވެ. ކެރެލާގެ އާބާދީގެ 20 އިންސައްތައަށް ވުރެ ގިނަ މީހުންނަކީ އުމުރުން 60 އަހަރުން މަތީގެ މީހުންނެވެ.

ފާއިތުވި 15 އަހަރު އެކަނި ދިރިއުޅެމުން އަންނަ އުމުރުން 75 އަހަރުގެ ކަމަލައްމާ ބުނި ގޮތުގައި، އޭނާގެ ދަރިން ބޭރު ގައުމެއްގައި އުޅޭތީ ގިނަ ވަގުތު ހޭދަކުރަން ޖެހެނީ އެކަނިވެރިކަމުގައެވެ. ނަމަވެސް މި އާ ޕްރޮގްރާމްގެ ސަބަބުން މީހުންނާ ގުޅުން ބަދަހިކުރުމުގެ އުންމީދު އާވެއްޖެ ކަމަށް އޭނާ ބުންޏެވެ.

މި ޕްރޮގްރާމް އިތުރަށް ފުޅާކުރުމުގެ ގޮތުން، އުމުރުން ދުވަސްވީ މީހުންނަށް އަޅައިލާނެ މީހުން ތަމްރީނުކުރުމަށް ހަ މަސް ދުވަހުގެ ސެޓްފިކެޓް ކޯހެއް ފެށުމަށް ވެސް ކެރެލާ ސަރުކާރުން ވަނީ ނިންމާފައެވެ.