އެޕަލް ކުންފުނިން އަލަށް އުފައްދާ ފަތްޖަހާލެވޭ އައިފޯނު (އައިފޯން އަލްޓްރާ) މިއަހަރުގެ ސެޕްޓެންބަރު މަހު ނެރެން ތައްޔާރުވަމުން އަންނަ ކަމަށް ސަޕްލައި ޗެއިން ރިޕޯޓުތަކުން ބުނެފިއެވެ.

މީގެ ކުރިން މި ފޯނު ނެރުން 2027 ވަނަ އަހަރަށް ލަސްވެދާނެ ކަމަށް ބެލެވުނު ނަމަވެސް، ޗައިނާ ސެކިއުރިޓީޒް ޖާނަލް އަދި ޑިޖިޓައިމްސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ފޯނު އުފެއްދުމަށް ބޭނުންވާ ބައިތައް މިހާރު ވަނީ ކުދި ބެޗުތަކެއްގެ ގޮތުގައި ސަޕްލައިކުރަން ފަށައިފައެވެ. އަދި އައިފޯން 18 ޕްރޯ މޮޑެލްތަކާއެކު މި ފޯނު ސެޕްޓެންބަރުގައި ދައްކާލުމަށް އަމާޒު ހިފާފައިވާ ކަމަށް އެ ރިޕޯޓުތަކުގައި ބުނެފައިވެއެވެ. މިއާއެކު، ފޯނު ނެރުން ލަސްވެދާނެ ކަމަށް ކުރިން އޮތް ކަންބޮޑުވުންތަކަށް ވަނީ ނިމުމެއް އައިސްފައެވެ.

މި ފޯނު އުފައްދަނީ އެޕަލްގެ ޒަމާންވީ ޕާޓްނަރު ފޮކްސްކޮން އިންނެވެ. އަދި ފޯނުގެ 7.8 އިންޗީގެ އެތެރޭ ޑިސްޕްލޭ ފޯރުކޮށްދެނީ ސެމްސަންގް ޑިސްޕްލޭ އިން ކަމަށް ކޮރެއާގެ ދަ އިލެކް ނޫހުން ރިޕޯޓުކޮށްފައިވެއެވެ. ފޯނުގެ ހިންޖަށް (ފަތްޖެހޭ ބަޔަށް) ދިމާވި މައްސަލަތައް މިހާރު ހައްލުކުރެވިފައިވާ ކަމަށާއި، ޖުލައި މަހުގެ ފަހުކޮޅު މާސް ޕްރޮޑަކްޝަން ފަށާނެ ކަމަށްވެސް އެ ނޫހުން ބުނެފައިވެއެވެ.

މަޝްހޫރު އެނަލިސްޓް މިންގް-ޗީ ކުއޯ ބުނި ގޮތުގައި، ފުރަތަމަ ފަހަރަށް ނެރޭ ފަތްޖަހާލެވޭ އައިފޯނު އުފެއްދުމުގައި ހުރި ގޮންޖެހުންތަކާ ހުރެ، މި އަހަރު ބާޒާރަށް ނެރެވޭނީ 3 މިލިއަނާއި 5 މިލިއަނާ ދެމެދުގެ އަދަދެއްގެ ފޯނެވެ. އަދި ޑިމާންޑާ އެއްވަރަށް ފޯނު ސަޕްލައިކުރުމުގައި ދަތިތަކެއް ކުރިމަތިވުން އެކަށީގެންވާ ކަމަށް އޭނާ ފާހަގަކުރިއެވެ. މީގެ އިތުރުން، މި ފޯނުގައި ފޭސް އައިޑީގެ ބަދަލުގައި ޓަޗް އައިޑީ ހިމެނުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް ކުއޯ ބުނިއެވެ.

މި ފޯނުގެ އަގު 2،000 ޑޮލަރަށް ވުރެ މަތިވާނެ ކަމަށް ލަފާކުރެވޭއިރު، މިއީ އެންޑްރޮއިޑް ފޯނުތަކާ ވާދަކުރުމަށް އެޕަލް އިން އަޅާ މުހިންމު ފިޔަވަޅެއް ކަމަށް ރިޕޯޓުތަކުގައި ބުނެފައިވެއެވެ. ފޯނު ނެރުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ކުރިއަށްދާއިރު، ފޮކްސްކޮން އިން އަންނަ ޖުލައި މަހުގެ ފަހުކޮޅު ފޯނު އުފައްދަން ފެށުމަށް ވަނީ ތާވަލުކޮށްފައި ކަމަށް ހަބަރުތައް ބުނެއެވެ.