އެމެރިކާ މެދުވެރިވެގެން ވޮޝިންޓަންގައި ކުރިއަށްދާ މަޝްވަރާތަކުގެ ތެރެއިން، ދެކުނު ލުބުނާނުން އިސްރާއީލު ސިފައިން ފައިބާނީ ހިޒްބުﷲގެ ހަތިޔާރުތައް އެއްކޮށް ނެގުމުން ކަމަށް އިސްރާއީލުން ބުނެފިއެވެ.
އިސްރާއީލު ސަރުކާރުގެ ތަރުޖަމާނު ޑޭވިޑް މެންސަރ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި، ހިޒްބުﷲ އަކީ އިސްރާއީލަށް އޮތް ނުރައްކަލަކަށް ވާހިނދު، އެ ޖަމާއަތުގެ ހަތިޔާރު ނަގައި އަދި އަސްކަރީ ބާރު ކަނޑުވައިނުލާހާ ހިނދަކު ދެކުނު ލުބުނާނުން އިސްރާއީލު ސިފައިން ނުފައިބާނެއެވެ. އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިހާރު ކުރިއަށްދާ މަޝްވަރާތަކުގެ މައިގަނޑު އަމާޒަކީ ހިޒްބުﷲގެ ހަތިޔާރުތައް ނައްތާލުމާއި ލުބުނާނާއެކު ސުލްހައިގެ އެއްބަސްވުމަކަށް އައުމެވެ.
ލުބުނާނާއި އިސްރާއީލާ ދެމެދު އެމެރިކާ މެދުވެރިވެގެން ބާއްވާ ސީދާ މަޝްވަރާތަކުގެ ފަސްވަނަ ބުރު ވޮޝިންޓަންގައި މިހާރު ކުރިއަށް އެބަދެއެވެ. ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި މަޝްވަރާތަކުގައި ލުބުނާނުން އެންމެ ބޮޑަށް ބާރުއަޅަނީ އިސްރާއީލު ސިފައިން އެ ގައުމުން ފޭބުމަށް ވަކި ތާވަލެއް އެކުލަވައިލުމަށެވެ. ނަމަވެސް، އިސްރާއީލުން ބުނަމުންދަނީ އެ ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ދެކުނު ލުބުނާނުގައި އަސްކަރީ ހަރަކާތްތައް ހިންގަން ޖެހޭ ކަމަށެވެ.
ލުބުނާނުގެ އިސް އޮފިޝަލަކާ ހަވާލާދީ ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ދެ ފަރާތުގެ ދެމެދުގައި އިތުބާރުގެ ބޮޑު މައްސަލައެއް އޮތުމުން މި މަޝްވަރާތަކުން އެދެވޭ ނަތީޖާއެއް ނުކުންނާނެކަމާމެދު ވަނީ ސުވާލު އުފެދިފައެވެ. އޭނާ ވިދާޅުވި ގޮތުގައި އިސްރާއީލުގެ ޑިމާންޑުތައް ލުބުނާނަށް ފުރިހަމަކޮށްނުދެވޭއިރު، ލުބުނާނުގެ ހުށަހެޅުންތަކަށް އިސްރާއީލުން ވެސް ދަނީ ދެކޮޅުހަދަމުންނެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި، 2025 ވަނަ އަހަރުން ފެށިގެން ލުބުނާނު ސަރުކާރުން ދަނީ ދާހިލީ ހަނގުރާމައެއް ފެށިދާނެކަމުގެ ބިރަށްޓަކައި، ސީދާ ކުރިމަތިލުމަކަށް ނުގޮސް ހިޒްބުﷲގެ ހަތިޔާރުތައް ނެގުމަށް މަސައްކަތްކުރަމުންނެވެ. އެހެންނަމަވެސް، ހިޒްބުﷲ އިން ވަނީ އެ ޖަމާއަތުގެ ހަތިޔާރުތައް އެއްކޮށް ދޫކޮށްލުމަށް ދެކޮޅުހަދައިފައެވެ.
މި މަޝްވަރާތައް ކުރިއަށްދާއިރު، ދެކުނު ލުބުނާނުގައި އަދިވެސް ދޭތެރެ ދޭތެރެއިން ހަމަލާބަދަލުކުރުންތައް ދަނީ ހިނގަމުންނެވެ. އަދި ހިޒްބުﷲ އިން ވަނީ އިސްރާއީލާއެކު ކުރިއަށްގެންދާ ސީދާ މަޝްވަރާތަކުން ވަކިވުމަށް ލުބުނާނު ސަރުކާރަށް ގޮވާލާފައެވެ.
އިޒުރެއިލު
އިޒުރެއިލު
އިޒުރެއިލު
އިޒުރެއިލު
ކޮމެންޓް