އިންޑިއާގެ މަޝްހޫރު ޕަބްލިކް ޕްރޮސެކިއުޓަރު އުޖްވަލް ނިކަމްގެ ހަޔާތުގެ މައްޗަށް އުފައްދާ ބަޔޮގްރަފިކަލް ފިލްމު "ޕްރަހާރް: ދަ އުޖްވަލް ނިކަމް ސްޓޯރީ" ގެ ޓީޒާ މިއަދު އާންމުކޮށްފިއެވެ. މެޑޮކް ފިލްމްސްއިން ނެރުނު މި ޓީޒާގައި، އުޖްވަލް ނިކަމްގެ ރޯލުން ފެނިގެންދަނީ ކުޅަދާނަ އެކްޓަރު ރާޖްކުމާރް ރާއޯއެވެ.
އަވީނާޝް އަރުން ޑައިރެކްޓުކޮށްފައިވާ މި ފިލްމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލައިފައިވަނީ 2008 ވަނަ އަހަރު މުމްބާއީއަށް ދިން ޓެރަރިސްޓު ހަމަލާ (26/11) ގައި ހިމެނޭ އަޖްމަލް ކަސާބަށް މަރުގެ އަދަބު ދިނުމަށް އުޖްވަލް ނިކަމް ކުރި ގާނޫނީ މަސައްކަތްތަކަށެވެ.
ޓީޒާއިން ފެންނަ ގޮތުގައި، ކަސާބު މަރާލުމަށްވުރެ އޭނާ ފޮނުވި ބަޔަކު ހޯދައި ސާބިތުކޮށްދިނުމަކީ ބޮޑު ހަނގުރާމައެއްގެ ގޮތުގައި ފިލްމުގައި ދައްކުވައިދޭނެއެވެ. އުޖްވަލް ނިކަމްއަކީ އިންޑިއާގެ ތާރީހުގައި ހިނގި ގިނަ ޓެރަރިސްޓު ހަމަލާތަކެއްގެ ޝަރީއަތްތަކުގައި ދައުލަތް ތަމްސީލުކުރި ފަރާތެވެ.
މި ރޯލަށް ތައްޔާރުވުމުގެ ގޮތުން ރާޖްކުމާރް ރާއޯ ވަނީ އޭނާގެ ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އޭނާ ބުނި ގޮތުގައި، މި ރޯލަށް ފިޓުވުމަށްޓަކައި 9 ކިލޯއާއި 10 ކިލޯއާ ދެމެދުގެ ބަރުދަނެއް އިތުރުކޮށް، މަރާޓީ ބަހުން ވާހަކަދައްކަން ފަރިތަކޮށްފައިވެއެވެ. ރާޖްކުމާރްގެ އިތުރުން މި ފިލްމުގެ މުހިންމު ރޯލުތަކުން ވާމިގާ ގައްބީ، ޖައިދީޕް އަހްލާވަތު އަދި ސިކަންދަރު ހޭރް ފެނިގެންދާނެއެވެ.
ދިނޭޝް ވިޖަން ޕްރޮޑިއުސްކޮށްފައިވާ މި ފިލްމަކީ ރާޖްކުމާރް ރާއޯ ގާނޫނީ ވަކީލެއްގެ ރޯލުން ފެންނާނެ ދެވަނަ ފިލްމެވެ. މީގެ ކުރިން އޭނާ ވަނީ "ޝާހިދު" ގައި ވެސް ވަކީލެއްގެ ރޯލު ކުޅެފައެވެ. "ޕްރަހާރް" ސިނަމާތަކުގައި އެޅުވުމަށް ހަމަޖެހިފައިވަނީ އަންނަ އޮގަސްޓު މަހުގެ 7 ވަނަ ދުވަހުއެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ކޮމެންޓް