ޕެންޝަން އޮފީހުގެ ސީއެސްއާރު ގްރާންޓަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

ޕެންޝަން އޮފީހުން މިއަދު ބުނީ އެ ޕްރޮގްރާމަކީ މުޖުތަމައަށް ފައިދާހުރި ކަންކަން ކުރުމަށް އަމިއްލަ ޖަމިއްޔާތަކަށާއި އެކި މުއައްސަސާތަކަށް ހިތްވަރު ދިނުމުގެ ގޮތުން ޕެންޝަން އޮފީހުން ކުރިއަށްގެންދާ މާލީ އެހީގެ ޕްރޮގްރާމެއް ކަމަށެވެ.

މި އަހަރުގެ ގްރާންޓްގެ ދަށުން ކޮންމެ މަޝްރޫއަކަށް ދެ ލައްކަ ރުފިޔާއާ ހަމައަށް ފައިސާގެ އެހީ ދިނުމަށް ވަނީ ހަމަޖެހިފައިކަމަށް ޕެންޝަން އޮފީހުން ބުންޏެވެ.

އެ އެހީއަށް އެދި ހުށަހެޅުމުގެ ފުރުސަތު އޮތީ އަމިއްލަ ޖަމިއްޔާތަކަށާއި، ތައުލީމާއި ތަމްރީނު ދޭ މަރުކަޒުތަކަށްކަމަށް ޕެންޝަން އޮފީހުން ބުންޏެވެ. މީގެ އިތުރުން މާލީ ކަންކަމަށް މީހުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކަށްވެސް މި ފުރުސަތުގެ ދަށުން އިސްކަންދޭނެކަމަށް ޕެންޝަން އޮފީހުން ބުންޏެވެ.

އެ ގްރާންޓަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ ޖުލައި 23 ވަނަ ދުވަހުގެ 16:00 އަށްކަމަށް ޕެންޝަން އޮފީހުން ބުންޏެވެ.