ސަރުކާރުން އަލަށް ހުޅުވާލި ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ފްލެޓާއި ގޯއްޗަށް އެދި ހުށަހަޅާފައިވާ ފޯމުތައް ބަލައި ޗެކްކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، އެއްވެސް މީހަކަށް ނާޖައިޒު ފައިދާއެއް ހޯދައިދިނުމުގެ ފުރުސަތު ނުދެއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްއިން މިރޭ ގެނެސްދިން "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މީގެ ކުރިން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންގޮސްފައިވާ ގޮތުން ރައްޔިތުންގެ މެދުގައި ބޮޑެތި ޝަކުވާތަކާއި ތުހުމަތުތަކެއް ހުރިކަން ގަބޫލުކުރައްވާ ކަމަށެވެ. ނުފޫޒުގަދަ ފަރާތްތަކުން ބޭނުންވާ ބަޔަކަށް ފްލެޓާއި ގޯތި ބަހާލާކަމުގެ ވާހަކަތަކަށް ނިމުމެއް ގެނައުމަކީ މި ސަރުކާރުގެ ބޮޑު އަމާޒެއްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"އެއީ އަޅުގަނޑު ގަބޫލު ކުރަނީ ބޯހިޔާވަހިކަމަކީ އެންމެ ޒަރޫރީ އެންމެ މުހިންމު ކަންތައް. ހުރިހާ ކަމެއްގެ ތެރެއިންވެސް އެންމެ މުހިންމީ އެމީހަކަށް ރަނގަޅު ދިރިއުޅެވޭނެ ގެދޮރެއް ލިބިފައި އޮތުން. އެހެންމަ އެވަރުގެ ބޮޑު ކަމެއްގެ ތެރޭގަ އެއްވެސް ވަރެއްގެ ނާޖައިޒުކަމެއް އަދި އެއްވެސް ކަމެއްގަ، ކުޑަކަމެއްގަވެސް ހިނގައިގެން ނުވާނެކަމަށް ގަބޫލު ކުރަނީ" ރައީސް ވިދާޅުވިއެވެ.
މިހާރު ކުރިއަށްދާ ފޯމުތައް ވެރިފައިކުރުމުގެ މަރުހަލާގައި، އެއްވެސް ތަފާތުކުރުމެއް ނެތި އެންމެ ހައްގުވެރި ފަރާތްތަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދެއްވާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި އެ މަސައްކަތް ހިނގަމުންދާ ގޮތް ސަރުކާރުން ވަރަށް ގާތުން ބަލަމުންދާނެކަމަށް ރައީސް ވިދާޅުވިއެވެ.
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ބޯހިޔާވަހިކަމަށް އެދުމަށް ހުޅުވާލި ފުރުސަތުގައި ރެކޯޑު އަދަދަކަށް ފޯމު ހުށަހަޅާފައިވެއެވެ. އެގޮތުން ފްލެޓަށް އެދި 35,930 ފޯމު އަދި ގޯއްޗަށް އެދި 22,575 ފޯމު ހުށަހަޅާފައިވާއިރު، ޖުމްލަ 58,505 ފޯމު މިހާރު ދަނީ ޗެކްކުރަމުންނެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް