ރައްޔިތުންގެ ސީދާ ބަހެއް ނެތި ވެރިކަމުގެ ނިޒާމު ބަދަލުކޮށް، ގައުމުގެ ބަދަހިކަމާއި އެއްބައިވަންތަކަން ގެއްލިގެންދާނެ ފަދަ އެއްވެސް ބަދަލެއް ގެނައުމަށް ދިވެހި ރައްޔިތުން ބޭނުންނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްއިން ރޭ ގެނެސްދިން "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމާ މެދު ދިވެހި ރައްޔިތުން ވަނީ މީގެ ކުރިން ވަރަށް ސާފު އަދި ސަރީހަ ނިންމުމެއް ނިންމާފައި ކަމަށެވެ. އެގޮތުން ރާއްޖެއަކީ ވަކިވަކި ރަށްތަކެއްގެ މައްޗަށް އެކުލެވޭ، ކުޑަ އާބާދީއެއް އޮތް ގައުމަކަށް ވުމާއެކު، ދިވެހިން އަބަދުވެސް އެދެނީ ޔުނިޓަރީ ނުވަތަ އެއްބައިވަންތަ ދައުލަތެއްގެ ސިފަތައް ހިމެނޭ ރިޔާސީ ނިޒާމަކަށްކަމަށް ރައީސް ވިދާޅުވިއެވެ.
"ދިވެހިން އެދެނީ އެ ހާއްސަ ސިފަތައް ދަމަހައްޓަން. އެހެން ނިޒާމެއް ގެނެސްގެން އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަން ގެއްލެން ދިވެހިން ބޭނުންވާނެކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން. މަދު ބަޔަކު އެގޮތަށް ތާއީދުކޮށްފާނެ. އެ ޕާޓީއެއްގެ ލީޑަރުން އެގޮތަށް ނިންމީމަ" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދިވެހިންނަކީ އެއް ބަހަކުން ވާހަކަދައްކާ، އެއް ނަސްލަކަށް ނިސްބަތްވާ، އެއް އުސޫލުތަކެއް ގަބޫލުކުރާ ބަޔަކަށް ވާއިރު، ވެރިކަމުގެ ނިޒާމަކީ އެ ހާއްސަ ސިފަތައް ދަމަހައްޓައިދޭނެ ނިޒާމަކަށް ވާންޖެހޭ ކަމަށެވެ.
ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުގައި ބަރުލަމާނީ ނިޒާމު އޮތުމުގެ ސަބަބުން، ކައިކައިރީގައި ބޮޑުވަޒީރުން ބަދަލުވެ، ސިޔާސީ ހަމަޖެހުން ގެއްލޭކަމަށް ރައީސް ވިދާޅުވިއެވެ.
އިދިކޮޅު ފަރާތްތަކުން ނިޒާމު ބަދަލުކުރަން މަސައްކަތް ކުރަނީ މަގާމުތަކުގެ ދަހިވެތިކަމުގައި ކަމަށް ރައީސް ވިދާޅުވިއެވެ.
"އެ މީހުންގެ ތެރޭގައި ގިނައީ ވެރިކަން ކުރާހިތްވާލެއް މީހުން. އެހެންވީމަ އެންމެންނަށް އެބަ ޖެހޭ ބޮޑެތި މަގާމުތައް ދޭން ދެއްތޯ. ރައީސްކަމާއި، ބޮޑުވަޒީރުކަމާއި މިހެން ދެން ކޮންމެވެސް އެހެން ނަމެއް ކިޔާފައިވެސް ދީފާނެ. އޮތިއްޔާ ރަސްގެފާނުވެސް އެ މީހުން ގެންނަން ބޭނުންވާނެ،" ރައީސް ވިދާޅުވިއެވެ.
ގާނޫނުއަސާސީ އެކުލަވާލެވިފައި އޮތީ ރިޔާސީ ނިޒާމުގެ ގިނަ ސިފަތަކެއް ހިމެނޭ ގޮތަށްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ރިޔާސީ ނިޒާމެއްގައި ދައުލަތާއި ސަރުކާރުގެ ވެރިޔަކީ ރައްޔިތުންގެ ސީދާ ވޯޓުން އިންތިހާބުކުރާ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ.
ނަމަވެސް ބަރުލަމާނީ ނިޒާމެއްގައި ސަރުކާރުގެ ބާރުތައް އޮންނަނީ މަޖިލީހުގެ ތެރެއިން ހޮވޭ ބޮޑުވަޒީރެއްގެ އަތްމަތީގައި ކަމަށްވާތީ، އެއީ ދިވެހިންނަށް އެންމެ ފައިދާހުރި ގޮތް ނޫންކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް