އިދިކޮޅު ފަރާތްތަކުން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ މަސައްކަތް ކުރަނީ ވެރިކަމުގެ މަގާމުތަކައް އައުމުގެ ބޭނުމުގައިކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްއިން މިރޭ ގެނެސްދިން "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ގާނޫނުއަސާސީ އެކުލަވާލެވިފައި އޮތީ ރިޔާސީ ނިޒާމުގެ ގިނަ ސިފަތަކެއް ހިމެނޭ ގޮތަށް ކަމަށެވެ. ރައީސް ވިދާޅުވީ، ރިޔާސީ ނިޒާމެއްގައި ދައުލަތާއި ސަރުކާރުގެ ވެރިޔަކީ ރައްޔިތުންގެ ސީދާ ވޯޓުން އިންތިހާބުކުރާ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ.
ރައީސް ވިދާޅުވީ، ވެރިކަމުގެ ނިޒާމާ މެދު ދިވެހި ރައްޔިތުން ވަނީ މީގެ ކުރިން ވަރަށް ސާފު އަދި ސަރީހަ ނިންމުމެއް ނިންމާފައި ކަމަށެވެ. އެގޮތުން ރާއްޖެއަކީ ވަކިވަކި ރަށްތަކެއްގެ މައްޗަށް އެކުލެވޭ، ކުޑަ އާބާދީއެއް އޮތް ގައުމަކަށް ވުމާއެކު، ދިވެހިން އަބަދުވެސް އެދެނީ ޔުނިޓަރީ ނުވަތަ އެއްބައިވަންތަ ދައުލަތެއްގެ ސިފަތައް ހިމެނޭ ރިޔާސީ ނިޒާމަކަށްކަމަށް ރައީސް ވިދާޅުވިއެވެ.
ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުގައި ބަރުލަމާނީ ނިޒާމު އޮތުމުގެ ސަބަބުން، ކައިކައިރީގައި ބޮޑުވަޒީރުން ބަދަލުވެ، ސިޔާސީ ހަމަޖެހުން ގެއްލޭކަމަށް ރައީސް ވިދާޅުވިއެވެ. ރާއްޖޭގެ އިދިކޮޅު ފަރާތްތަކުން ނިޒާމު ބަދަލުކުރަން މަސައްކަތް ކުރަނީ މަގާމުތަކުގެ ދަހިވެތިކަމުގައިކަމަށް ރައީސް ވިދާޅުވިއެވެ.
"އެ މީހުންގެ ތެރޭގައި ވެރިކަން ކުރާހިތްވާލެއް ގިނައީ މީހުން. އެހެންވީމަ އެންމެންނަށް އެބަ ޖެހޭ ބޮޑެތި މަގާމުތައް ދޭން ދެއްތޯ. ރައީސްކަމާއި، ބޮޑުވަޒީރުކަމާއި މިހެން ދެން ކޮންމެވެސް އެހެން ނަމެއް ކިޔާފައިވެސް ދީފާނެ. އޮތިއްޔާ ރަސްގެފާނުވެސް އެ މީހުން ގެންނަން ބޭނުންވާނެ،" ރައީސް ވިދާޅުވިއެވެ.
ރައްޔިތުންގެ ސީދާ ބަހެއް ނެތި ވެރިކަމުގެ ނިޒާމު ބަދަލުކޮށް، ގައުމުގެ ބަދަހިކަމާއި އެއްބައިވަންތަކަން ގެއްލިގެންދާނެ ފަދަ އެއްވެސް ބަދަލެއް ގެނައުމަށް ދިވެހި ރައްޔިތުން ބޭނުންނުވާނެކަމަށް ރައީސް ވިދާޅުވިއެވެ. ބަރުލަމާނީ ނިޒާމެއްގައި ސަރުކާރުގެ ބާރުތައް އޮންނަނީ މަޖިލީހުގެ ތެރެއިން ހޮވޭ ބޮޑުވަޒީރެއްގެ އަތްމަތީގައި ކަމަށްވާތީ، އެއީ ދިވެހިންނަށް އެންމެ ފައިދާހުރި ގޮތް ނޫންކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"ދިވެހިން އެދެނީ އެ ހާއްސަ ސިފަތައް ދަމަހައްޓަން. އެހެން ނިޒާމެއް ގެނެސްގެން އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަން ގެއްލެން ދިވެހިން ބޭނުންވާނެކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން. މަދު ބަޔަކު އެގޮތަށް ތާއީދުކޮށްފާނެ. އެ ޕާޓީއެއްގެ ލީޑަރުން އެގޮތަށް ނިންމީމަ" ރައީސް ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް