ވޯލްޑް ކަޕް 2026 ގައި ފަހަތުން އަރައި ޖަރުމަން ބަލިކޮށް، އެކުއެޑޯ އިން ތިންވަނައިގެ ގޮތުގައި ދެވަނަ ބުރުގެ ޖާގައެއް ހޯދުމުގެ އުންމީދު ބޮޑުކޮށްފިއެވެ.

މިފަހަރުގެ ވޯލްޑް ކަޕަކީ ޖަރުމަންގެ 21 ވަނަ ވޯލްޑް ކަޕެވެ. ޖަރުމަނުން ފުރަތަމަ ކުޅުނު ދެ ވޯލްޑް ކަޕަކީ 1934 އަދި 1938 ވަނަ އަހަރުގެ ވޯލްޑް ކަޕެވެ. އެ ވޯލްޑް ކަޕަށް ޖަރުމަނު ނުކުތީ "އޯލް ޖާމަން" ޓީމަކާއެކުގައެވެ. 1934 ވަނަ އަހަރު ވޯލްޑް ކަޕްގެ ތިންވަނަ ހޯދި ޖަރުމަނުގެ ފުޓުބޯޅަ ބަދަލުވީ ދެވަނަ ބޮޑު ހަނގުރާމައަށް ފަހުއެވެ. ފުޓުބޯޅަ ތިން ގައުމަކަށް ބައިވެ، ގައުމީ ތިން ޓީމެއް އުފެދުނެވެ. އެ ސަބަބާހުރެ އެގައުމު 1950 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ބައިވެރިވެސް ނުކުރިއެވެ.

ޖަރުމަނުގެ ފުރަތަމަ ދެ ވޯލްޑް ކަޕް ހޯދީ ވެސްޓް ޖާމަނީގެ ނަމުގައެވެ. އެއީ 1954 ވަނަ އަހަރާއި 1974 ވަނަ އަހަރުއެވެ. ޖަރުމަނުން ތިންވަނަ ވޯލްޑް ކަޕް ހޯދީ 1990 ވަނަ އަހަރުއެވެ. ވެސްޓް ޖަރުމަނަކީ އޭރު ފުޓުބޯޅައިގެ އެންމެ ވަރުގަދަ ނަމެވެ.

އޭގެފަހުން ކޯޗު ޔޮކިމް ލޯއާއެކު ނުކުތް ޒުވާން އިންގިލާބީ ޓީމުން 2014 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބު ކުރީ ތާރީހީ ނަތީޖާތަކެއް މުބާރާތުގައި ނެރެފައެވެ. އެފަހަރު އޮތް ރަން ޓީމަށް އޮއްސުން އައީ 2018 ވަނަ އަހަރު ރަޝިއާގައި އޮތް ވޯލްޑް ކަޕްގައެވެ. އެ ވޯލްޑް ކަޕާއި ގަތަރު ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުން ޖަރުމަނު ކަޓައިގެން ދިޔައީ ހިތްދަތިކޮށެވެ. އެއީ 80 އަހަރު ތެރޭގައި ޖަރުމަނަށް ވޯލްޑް ކަޕެއްގައި ކުރިމަތިވި އެންމެ ބޮޑު މާޔޫސް ކަމެވެ.

ފުޓުބޯޅައިގައި އެކުއެޑޯގެ އެންމެ ބޮޑު ކާމިޔާބީއަކީ 1959 ވަނަ އަހަރާއި 1993 ވަނަ އަހަރު ކޮޕާ އެމެރިކާގެ ސެމީ ފައިނަލް ކުޅުމެވެ. އެ ދެ މުބާރާތަކީވެސް އެކުއެޑޯގައި ހޯސްޓް ކުރި ދެ މުބާރާތެވެ.

އުރުގުއޭގެ އިފްތިތާހީ ވޯލްޑް ކަޕު މުބާރާތަށް އެކުއެޑޯއަށް ދައުވަތު ލިބުނު ނަމަވެސް ހަރަދު ބޮޑުކަމުން ނުދާން ނިންމިއެވެ. އެކުއެޑޯ ފުރަތަމަ ވޯލްޑް ކަޕްގައި ވާދަކުރީ 2002 ވަނަ އަހަރުއެވެ. އޭގެ ފަހުން 2006 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގަދަ 16 އަށް ދިޔައެވެ. އެއީ ވޯލްޑް ކަޕެއްގައި ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ. 2022 ވަނަ އަހަރު ވޯލްޑް ކަޕާއެކު، ޖުމުލަ ހަތަރު ވޯލްޑް ކަޕެއްގައި މިހާތަނަށް ވާދަކުރި އެކުއެޑޯ 2014 ވަނަ އަހަރު ބްރެޒިލްގައި އޮތް ވޯލްޑް ކަޕުގައިވެސް ކުޅުނެވެ.

މިރޭގެ މެޗަށް ނުކުންނަ އިރު، މެޗު އެންމެ މުހިންމުވަނީ އެކުއެޑޯއަށެވެ. ފުރަތަމަ ދެ މެޗުން މޮޅުވެފައިވާ ޖަރުމަނަށް ދެވަނަ ބުރުގެ ޖާގައަކާއެކު ގްރޫޕުގެ އެއްވަނަ ވެސް ޔަގީންވެފައިވާތީ، އެޓީމަށް ގެއްލޭނެ އެއްވެސް އެއްޗެއް ނޯންނާނެއެވެ. އެކުއެޑޯއަށް މިހާތަނަށް ކުޅުނު މެޗުތަކުގެ ތެރެއިން އައިވަރީ ކޯސްޓް އަތުން ބަލިވެފައިވާ އިރު، ކިއުރެސާއޯ އަތުން އެއްވަރުވެ ބޮޑު މާޔޫސްކަމަކަށް ވަނީ ދާން ޖެހިފައެވެ. އެކުއެޑޯއަށް ކިރިޔާވެސް ދެވަނަ ބުރުގެ ޖާގައެއް ލިބެން އޮތީ ޖަރުމަން އަތުން މޮޅުވެގެންނެވެ.

ދެވަނައިގެ ގޮތުގައި ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ބޮޑުވެފައިވަނީ ތިން ޕޮއިންޓު ހޯދާފައިވާ އައިވަރީ ކޯސްޓަށެވެ. ކިއުރަސާއޯ މެޗު އެއްވަރުކޮށްލައިގެން ވެސް އައިވަރީ ކޯސްޓަށް ދެވަނަ ބުރު ޔަގީންވާނެއެވެ. ހެޑް-ޓު-ހެޑް ނަތީޖާއަށް ބަލާތީ، ޖަރުމަން އަތުން މޮޅުވެގެން ވެސް އެކުއެޑޯއަށް ޖެހޭނީ އިންތިޒާރުކުރާށެވެ. އައިވަރީ ކޯސްޓު މެޗުގެ ނަތީޖާގެ އިތުރުން ގަދަ ތިނެއްގެ އެެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ ތެރޭގައި ހިމެނޭތޯ ވެސް އިންތިޒާރުކުރަން ޖެހިދާނެއެވެ. މިހާތަނަށް މެޗެއްގައި އެކުއެޑޯއަށް ގޯލެއް ވެސް ޖެހިފައެއް ނުވެއެވެ.

ޖަރުމަނަށް ގްރޫޕު އެއްވަނަ ކަށަވަރުވެފައިވީ ނަމަވެސް، އެޓީމުން މިރޭގެ މެޗަށް ނެރުނު ފުރަތަމަ 11 އިން ފެންނަނީ ދެ ބަދަލެކެވެ. އެއީ ވޯލްޑް ކަޕްގެ ފުރަތަމަ ދެ މެޗުގައި ވިދާލުމަށްފަހު، ދާދި ފަހުން 55 މިލިއަން ޕައުންޑަށް ބަޔާން މިއުނިކާ ގުޅުނު ނެތަނިއަލް ބްރައުން އާއި އަނިޔާއާ ގުޅިގެން ނިކޯ ޝްލޮޓާބެކް ސްކޮޑުގައި ނުހިމެނުމެވެ. އެ ދެ ކުޅުންތެރިންގެ ބަދަލުގައި މިރޭގެ މެޗުގައި ފުރަތަމަ 11 އިން ޖާގަ ދިނީ ޑޭވިޑް ރާމް އާއި އެންޓޯނިއޯ ރުޑިގާ އަށެވެ. އޭގެ އިތުރުން ތަޖުރިބާކާރު ގޯލްކީޕަރު މެނުއަލް ނޯޔާއާއެކު ކެޕްޓަން ޖޯޝުއާ ކިމިޗް، ޖޮނަތަން ޓާ، ޖަމާލް މުސިއާލާ، އެލެކްސެންޑާ ޕަވްލޮވިޗް، ލެރޯއީ ސާނޭ، ފްލޯރިއަން ވާޓްޒް އަދި ކައި ހަވާޓްޒް މިރޭގެ މެޗުގެ ފުރަތަމަ 11 ގައި ވެސް ހިމެނެއެވެ.

އެކުއެޑޯގެ ފުރަތަމަ 11 އިން ވެސް މާބޮޑު ބަދަލެއް ފާހަގަކޮށްލެވިފައެއް ނުވެއެވެ. އެގޮތުން މިރޭ ވެސް ޕީއެސްޖީގެ ވިލިއަމް ޕަޗޯ އާއި އާސެނަލްގެ ޕިއެރޯ ހިންކެޕިއޭ ވަނީ ހިމަނައިފައެވެ. އަދި މެދުތެރޭގައި ޗެލްސީއަށް ކުޅޭ މޮއިސެސް ކައިސޭޑޯ ހިމެނޭ އިރު، ފޯވަޑް ލައިންގައި މިރޭގެ މެޗުގައި ވެސް އެނާ ވެލެންސިއާ އާއި ގޮންޒާލޯ ޕްލާޓާ ހިމެނެއެވެ. ނަމަވެސް ވެލެންސިއާގެ ބަދަލުގައި މިރޭގެ މެޗުގައި އެކުއެޑޯގެ ކެޕްޓަނަކީ ކައިސޭޑޯ އެވެ.

އެމެރިކާގެ ނިއުޔޯކް ނިއުޖާޒީ ސްޓޭޑިއަމްގައި މިރޭ ކުޅުނު "ގްރޫޕު އީ" ގެ މެޗުގައި ޖަރުމަންގެ މައްޗަށް އެކުއެޑޯ އިން ކުރި ހޯދީ 2-1 ގެ ނަތީޖާއަކުންނެވެ.

މެޗު ފެށިތާ ދެ މިނެޓުގެ ތެރޭގައި ޖަރުމަނުން ވަނީ ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. ފްލޯރިއަން ވާޓްޒް ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން އެކުއެޑޯ ގޯލުގެ ތިރީ ކަނަކަށް އަމާޒުކޮށްލައިގެން ޖަރުމަނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ލެރޯއީ ސާނޭ އެވެ. އެ ގޯލުގެ ކުރިން ޖަރުމަންގެ އެލެކްސެންޑާ ޕަވްލޮވިޗް ފައުލްކޮށްފައިވާ ކަމަށްބުނެ، އެކުއެޑޯ ކުޅުންތެރިން ޝަކުވާކުރި ނަމަވެސް، ރެފްރީ ވަނީ ޖަރުމަނަށް ގޯލު ދީފައެވެ.

އޭގެ ހަތް މިނެޓުގެ ތެރޭގައި ހިތްގައިމު ގޯލަކާއެކު އެކުއެޑޯ އިން ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ޕެނަލްޓީ އޭރިއާ ބޭރުން ނެލްސަން އަންގޫލޯ ފޮނުވާލި ބޯޅަ އަމާޒުކޮށްލާފައިވަނީ ޖަރުމަން ގޯލުގެ ތިރީ ކަނަކަށެވެ.

އެކުއެޑޯގެ ގޯލާއެކު އެޓޭކު ވަރުގަދަކޮށް މެޗުގެ 14 ވަނަ މިނެޓުގައި ޖަރުމަންގެ ހަމަލާއެއް ފެނިގެންދިޔައެވެ. ޖަމާލް މުސިއާލާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ފީލިކްސް މެޗާ ފޮނުވާލި ހަމަލާ، އެކުއެޑޯގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

އެކުއެޑޯ އިން ރަނގަޅު ކުޅުމެއް ދައްކަމުންދަނިކޮށް، މެޗުގެ 25 ވަނަ މިނެޓުގައި ޖަރުމަނުން އިތުރު ފުރުސަތެއް ލިބިގެންދިޔައެވެ. ޑޭވިޑް ރާމް ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ކައި ހަވާޓްޒް ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ އެކުއެޑޯ ކީޕަރު ހެރްނާން ގަލިންޑޭޒްއާ ދިމާއަށެވެ.

މެޗުގެ 35 ވަނަ މިނެޓުގައި ޖަރުމަނަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއަށް ހުސްކޮށް ހުރެ ވަދެ، މުސިއާލާ ފޮނުވާލި ހަމަލާ، އެކުއެޑޯ ޑިފެންޑަރު ޖޮއެލް އޯޑޯނިއޭޒް ވަނީ ޓެކަލްކޮށް ބްލޮކްކޮށްފައެވެ.

ދެ ޓީމުން އެޓޭކުގައި މަސައްކަތްތަކެއް ކުރި ނަމަވެސް، އިތުރު ފުރުސަތެއް ތަނަވަސްކުރެވިފައެއް ނުވެއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފެށިތާ މިނެޓެއްތެރޭ ޕެނަލްޓީ އޭރިއާ ތެރެއިން ޖަރުމަންގެ ހަވާޓްއަށް އެކުއެޑޯ ޑިފެންޑަރު އޯޑޯނިއޭޒް ކުރި ފައުލަކާ ގުޅިގެން ޕެނަލްޓީއެއް ދޭން ނިންމި ނަމަވެސް، އޭގެ ކުރިން ވިޓޭއަށް ސާނޭ ކުރި ފައުލަކާ ގުޅިގެން، ވީއޭއާރްއަށް ބެލުމަށްފަހު ޕެނަލްޓީ ކެންސަލްކޮށް އެކުއެޑޯއަށް ހިލޭ ޖެހުމެއް ދިނެވެ.

މެޗުގެ 75 ވަަނަ މިނެޓުގައި ޖަރުމަނަށް ހުސް ފުރުސަތެއް ލިބިގެންދިޔަ ނަމަވެސް، ސާނޭ ފޮނުވާލި އެ ހަމަލާ އަމާޒުވީ އެކުއެޑޯ ގަލިޑޭޒްއާ ދިމާއަށެވެ. އޭގެ އިރުކޮޅެއް ފަހުން އެކުއެޑޯގެ ރޮޑްރިގޭޒް ފޮނުވާލި ހަމަލާއެއް ޖަރުމަންގެ ޑިފެންސުން ވަނީ ބްލޮކްކޮށްފައެވެ.

މެޗުގެ 78 ވަަނަ މިނެޓުގައި އެކުއެޑޯ އިން ވަނީ ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. ކޯނަރެއްގެ ތެރެއިން ކެވިން ރޮޑްރިގޭޒް ނެގި ބޯޅަ، ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އެކުއެޑޯއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ގޮންޒާލޯ ޕްލާޓާއެވެ.

މެޗުގެ ފަހުކޮޅު ޖަރުމަނުން އެޓޭކު ވަރުގަދަކޮށް މަސައްކަތްކުރި ނަމަވެސް، އެކުއެޑޯ އިން ވަނީ ވަރުގަދަ ޑިފެންސިވް ކުޅުމެއް ދައްކައި، ދެވަނަ ބުރުގެ އުންމީދު ހޯދައިފައެވެ.

މި ގްރޫޕުގައި ކުޅުނު އަނެއް މެޗުގައި އައިވަރީ ކޯސްޓުން ވަނީ ކިއުރަސާއޯ ބަލިކޮށްފައެވެ. މި ނަތީޖާތަކާއެކު އެއްވަނައިގައި އޮތް ޖަރުމަނާއި އައިވަރީ ކޯސްޓަށް، ކޮންމެ ޓީމަކަށް ލިބިފައިވަނީ ހަ ޕޮއިންޓެވެ. ޖަރުމަން ކުރީގައި އޮތީ ހެޑް-ޓު-ހެޑް ނަތީޖާއިންނެވެ.

ހަތަރު ޕޮއިންޓާއެކު ތިންވަނައިގައި އޮތް އެކުއެޑޯއަށް އެންމެ ރަނގަޅު ނަތީޖާ ހޯދާ ތިންވަނަ ޓީމުތަކުގެ ތެރޭގައި ހިމެނި، ދެވަނަ ބުރުން ޖާގަ ހޯދުމަށް ފުރުސަތު ލިބޭނެއެވެ. މިހާރު ދެވަނަ ބުރުގެ އުންމީދު ބޮޑު ތިންވަނަ ޓީމުތަކުގެ ތެރޭގައި އެކުއެޑޯ ހިމެނެއެވެ. ނަމަވެސް ޔަގީންކުރުމަށް ގްރޫޕު ސްޓޭޖުގެ މެޗުތައް ނިމެންދެން އެކުއެޑޯ އިން އިންތިޒާރުކުރަން ޖެހޭނެއެވެ. މުބާރާތުގައި އަލަށް ވާދަކުރާ ކިއުރަސާއޯ ނިންމާލީ އެއް ޕޮއިންޓާއެކުއެވެ.