ގްރޫޕް ޖޭގެ އެއްވަނަ ޔަގީންވެފައި އޮތް އާޖެންޓީނާއިން ބައެއް މުހިއްމު ކުޅުންތެރިންނަށް ރެސްޓެއް ދިނުމުގެ ގޮތުން ކަޓާފައި އޮތް ޖޯޑަންއާ ދެކޮޅަށް ނުކުންނަ އިރު، ފުރަތަމަ 11 އަށް ބަދަލުތަކެއް ގެންނާނެ ކަމަށް ކޯޗު ލިއޮނަލް ސްކަލޯނީ ބުނެފިއެވެ.

އާޖެންޓީނާއިން ގްރޫޕް ސްޓޭޖުގައި މިހާތަނަށް ދެ މެޗު ކުޅުނު އިރު، ފުރަތަމަ މެޗުގައި އަލްޖީރިއާ ކައިރިން މޮޅުވީ 3-0 އިންނެވެ. އަދި ދެވަނަ މެޗުގައި އޮސްޓްރިއާ ކައިރިން 2-0 އިން މޮޅުވި އިރު، އެ ހުރިހާ މެޗެއްގައިވެސް ގޯލުތައް ޖެހީ ކެޕްޓަން ލިއޮނަލް މެސީއެވެ.

ވޯލްޑް ކަޕްގައި މިހާތަނަށް މެސީ 18 ގޯލު ޖަހާފައިވާ އިރު، އޭނާ ވަނީ މުބާރާތުގައި އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑު މުގުރާލައިފައެވެ. ހަވަނަ ވޯލްޑް ކަޕެއްގައި ކުޅެމުންދާ މެސީ، މި ހަފުތާ ތެރޭގައި އޭނާގެ 39 ވަނަ އުފަން ދުވަސް ފާހަގަކޮށްފައިވާ އިރު، ޖޯޑަންއާ ދެކޮޅަށް ފުރަތަމަ 11 އިން އޭނާ ނުފެނުމުގެ ފުރަތަމަ އެބައޮތް ކަމަށް ކޯޗު ސްކަލޯނީ ވަނީ ބުނެފައެވެ.

"އަހަރެމެން ފުރަތަމަ ބޭނުންވި ކަންތައް މިހާރު ވެއްޖެ. އެއީ ގްރޫޕްގެ އެއްވަނަ ހޯދުން. ދެން އަހަރެން ވިސްނާނީ ބޮޑަށް ނޮކްއައުޓް ބުރަށް ސްކޮޑު މެނޭޖުކުރުމަށް. އަހަރެންގެ ވިސްނުން ހުރީ މި ސްކޮޑުގެ ވީހާވެސް ގިނަ ކުޅުންތެރިންނަށް ފުރުސަތު ދޭން. އެ ކުޅުންތެރިންނަށް ހައްގު ފުރުސަތެއް. މެސީވެސް ފިޓްކޮށް ހުރި ނަމަވެސް، އެންމެ މުހިންމު ކަމަކީ އޭނާ އެކަށީގެންވާ ގޮތެއްގައި ނޮކްއައުޓަށް ތައްޔާރުކުރުން،" ސްކަލޯނީ ބުންޏެވެ.

ސީދާ މެސީ ރެސްޓް ކުރާނެ ކަމަށް ނުބުނި ނަމަވެސް، ވޯލްޑް ކަޕް ކުރިއަށް މެސީއަށް ލިބުނު އަނިޔާއާއެކު އާޖެންޓީނާއިން ޖޯޑަންއާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާ ފުރަތަމަ 11 އިން ނުފެންނާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.

ސްކަލޯނީ ބުނީ ބައެއް މުހިންމު ކުޅުންތެރިންނަށް ރެސްޓް ދޭނެ ނަމަވެސް ޖޯޑަންއާ ދެކޮޅަށްވެސް ނުކުންނާނީ ފުރިހަމަ އިހުތިރާމާއެކު ސީރިއަސް ވިސްނުމެެއްގައި ކަމަށެވެ.

އާޖެންޓީނާއާއި ޖޯޑަން ވާދަކުރާ މެޗު އޮންނާނީ ރާއްޖޭގަޑިން އާދިއްތާ ދުވަހުގެ ހެނދުނު 7:00 ގައެވެ.