ވޯލްޑް ކަޕް 2026 ގައި ޕެރަގުއާއީ އަތުން ހޯދި ޕޮއިންޓާއެކު އޮސްޓްރޭލިއާއަށް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވެއްޖެއެވެ.

ދެކުނު އެމެރިކާއަށް ނިސްބަތްވާ ޕެރަގުއާއީން މިހާތަނަށް އަށް ފަހަރު ވޯލްޑް ކަޕްގައި ކުޅެފައިވެއެވެ. އެޓީމަކީ ފުރަތަމަ ބޭއްވި 1930 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ކުޅުމުގެ ޝަރަފު ވެސް ހޯދި ޓީމެކެވެ. ދެކުނު އެމެރިކާގެ ޗެމްޕިއަންކަން 1979 އަދި 1953 ވަނަ އަހަރު ހޯދި ޕެރަގުއާއީ 1950 ވަނަ އަހަރާއި 1958 ވަނަ ވޯލްޑް ކަޕްގައިވެސް ކުޅުނެވެ.

އޭގެފަހުން މެދުކެނޑުމަކަށްފަހު 1986 ވަނަ އަހަރު ވޯލްޑް ކަޕް ގަދަ 16 އަށް ދަތުރުކުރި އިރު، 1998 ވަނަ އަހަރުން 2010 ވަނަ އަހަރާ ދެމެދުވެސް ޕެރަގުއާއީ ވޯލްޑް ކަޕްގައި ކުޅުނެވެ. އެންމެފަހުން ކުޅުނު ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި ކުޅެ، ޕެރަގުއާއީ ވަނީ ގިނަ ބަޔަކު ހައިރާން ކޮށްލައިފައެވެ. އެއީ އެޓީމުގެ އެންމެ ބޮޑު ކާމިޔާބީއެވެ.

އޭޝިއާއަށް ނިސްބަތްވާ އޮސްޓްރޭލިއާއަކީ ދެ ކޮންފެޑެރޭޝަނެއްގެ ޗެމްޕިއަންކަން ހޯދި ގައުމެކެވެ. އޮސްޓްރޭލިއާއިން ވަނީ އޯއެފްސީ ނޭޝަންސް ކަޕް ހަތަރު ފަހަރު އަދި 2015 ވަނަ އަހަރުގެ އޭއެފްސީ އޭޝިއަން ކަޕް ކާމިޔާބުކޮށްފައެވެ. 1922 ވަނަ އަހަރުން ފެށިގެން ފުޓުބޯޅައިގައި އޯޝެނިއާ ގައުމެއްގެ ގޮތުގައި އޮސްޓްރޭލިއާ އޮތަސް، އެޓީމުން 2006 ވަނަ އަހަރުން ފެށިގެން ގުނަނީ އޭޝިއާ ގައުމަކަށެވެ.

އޮސްޓްރޭލިއާ އިން ވަނީ ހަތް ވޯލްޑް ކަޕެއްގައި ވާދަކޮށްފައެވެ. އެޓީމު ފުރަތަމަ ފެނިގެންދިޔައީ ވެސްޓް ޖަރުމަނުގައި ބޭއްވި ވޯލްޑް ކަޕް 1974 ގައެވެ. ދިގު އިންތިޒާރަކަށްފަހު އޮސްޓްރޭލިއާ ދެން ފެނިގެންދިޔައީ ވޯލްޑް ކަޕް 2006 ގައެވެ. އެއަށްފަހު ކޮންމެ ވޯލްޑް ކަޕެއްގައި އޮސްޓްރޭލިއާ ފެނެއެވެ. އޮސްޓްރޭލިއާއަށް ވޯލްޑް ކަޕްގައި އެންމެ ކާމިޔާބު އަހަރުތަކަކީ 2006 ގެ އިތުރުން އެންމެފަހުން ގަތަރުގައި ބޭއްވި 2022 ވަނަ އަހަރު ވޯލްޑް ކަޕެވެ. އެ ދެ މުބާރާތުގެ ގަދަ 16 އަށް އޮސްޓްރޭލިއާ ދަތުރުކުރިއެވެ.

"ގްރޫޕު ޑީ" އަށް ބަލައިލާ އިރު، އެމެރިކާއިން ވަނީ ދެވަނަ ބުރުގެ ޖާގައަކާއެކު ގްރޫޕުގެ އެއްވަނަ ވެސް ކަށަވަރުކޮށްފައެވެ. ތުރުކީން ދެ މެޗުން ބަލިވުމާއެކު އެޓީމު ވަނީ މުބާރާތުން ކަޓައިފައެވެ. ދެވަނައިގައި ހިމެނޭ އޮސްޓްރޭލިއާ އާއި ތިންވަނައިގައި އޮތް ޕެރަގުއާއީއަށް، ކޮންމެ ޓީމަކަށް ވެސް ލިބިފައިވަނީ ތިން ޕޮއިންޓެވެ. އެހެންކަމުން އޮސްޓްރޭލިއާ އާއި ޕެރަގުއާއީ ބައްދަލުކުރާ މެޗަކީ ފައިނަލެއް ފަދަ މެޗެކެވެ.

މެޗުގައި އެއްވަރުކޮށްލައިގެން ވެސް ގޯލުގެ ތަފާތުން ދެވަނައިގެ ގޮތުގައި އޮސްޓްރޭލިއާއަށް ދެވަނަ ބުރުގެ ޖާގަ ޔަގީންވާނެއެވެ. ނަމަވެސް އެއްވަރުވެއްޖެ ނަމަ، އެންމެ ރަނގަޅު ނަތީޖާ ހޯދާ ތިންވަނަ ޓީމުތަކުގެ ތެރޭގައި ހިމެނޭތޯ ބެލުމަށް ޕެރަގުއާއީން އިންތިޒާރުކުރަން ޖެހޭނެއެވެ. މި މެޗުން އެއްވެސް ޓީމެއް މޮޅުވެއްޖެ ނަމަ، ބަލިވާ ޓީމު މުބާރާތުން ކަޓާނެއެވެ.

ތުރުކީއާ ދެކޮޅަށް ކުޅުނު މެޗުގައި ޕެރަގުއާއީގެ މިގެލް އަލްމިރޯންއަށް ރަތް ކާޑު ދެއްކުމުން، މި މެޗަށް އޭނާ ހުރީ ސަސްޕެންޝަންގައެވެ. އޭނާއަށް ރަތް ކާޑު ދެއްކީ އަނގަ ނިވާކޮށްގެން އިދިކޮޅު ކުޅުންތެރިޔާއާ ވާހަކަދެއްކުމުން، އާ ގަވާއިދުގެ ދަށުންނެވެ. އަލްމިރޯން ނެތް ނަމަވެސް މަޓިއަސް ގަލާޒާ އާއި ހޫލިއޯ އިންސީސޯއާއެކު ޕެރަގުއާއީ ފެންނަނީ ވަރުގަދަކޮށެވެ.

އޮސްޓްރޭލިއާގެ ފުރަތަމަ 11 ގައި ހެރީ ސޫޓާ އާއި އެލެކްސެންޑްރޯ ޗޭކާޓީ ހިމެނި، ޑިފެންސް ފެނުނީ ވަރުގަދަކޮށެވެ. އެމެރިކާއާ ދެކޮޅަށް ނުކުތް މެޗުގައި އޮސްޓްރޭލިއާގެ އެންމެ މުހިންމު ފޯވަޑް ނެސްޓޮރީ އިރަންކުންޑާ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ފެނުނު ނަމަވެސް، މި މެޗުގެ ފުރަތަމަ 11 ގައި ވަނީ ހިމަނައިފައެވެ.

ސެން ފްރެންސިސްކޯ ބޭ އޭރިއާ ސްޓޭޑިއަމްގައި ޕެރަގުއާއީ އާއި އޮސްޓްރޭލިއާ މިއަދު ކުޅުނު "ގްރޫޕު ޑީ" ގެ މެޗު ނިމިގެންދިޔައީ 0-0 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

މެޗުގެ ފުރަތަމަ ހަތަރު މިނެޓުގެ ތެރޭގައި އޮސްްޓްރޭލިއާ އިން ވަނީ ޕެރަގުއާއީގެ ގޯލަށް ނުރައްކާކޮށްފައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ޖެކްސަން އާވައިން ފޮނުވާލި ބާރު ހަމަލާ، ޕެރަގުއާއީގެ ކީޕަރު އޮރްލޭންޑޯ ގިލް ވަނީ މަތަކޮށްފައެވެ.

ހައިޑްރޭޝަން ބްރޭކުގެ ކުރިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން އެޓޭކުކުރުމަށް މަސައްކަތްކޮށްފައިވަނީ އޮސްޓްރޭލިއާ އިންނެވެ. ނަމަވެސް ޑިފެންސިވް ވަރުގަދަ ކުޅުމެއް ދައްކަމުންދިޔަ ޕެރަގުއާއީ އިން އޮސްޓްރޭލިއާގެ އެޓޭކުތަކަށް ހުރަސް އަޅަމުން ދިޔައެވެ.

މެޗުގެ 36 ވަނަ މިނެޓުގައި އޮސްޓްރޭލިއާގެ ހަމަލާއެއް ފެނިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ބޭރުން ޖޯޑަން ބޯސް ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ޕެރަގުއާއީގެ ކީޕަރު ގިލް ވަނީ މަތަކޮށްފައެވެ. ކީޕަރު ގިލް ވަނީ ފަސޭހަކަމާއެކު އެ ބޯޅަ ހޯދައިފައެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ރީތި ކުޅުމަކާއެކު އޮސްޓްރޭލިއާ އިން ނުރައްކާކުރިއެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ކްރިސްޓިއަން ވޮލްޕަޓޯ ފޮނުވާލި ހަމަލާ، ޕެރަގުއާއީގެ ކީޕަރު ގިލް ވަނީ މަތަކޮށްފައެވެ. އޭގެ ފަހުން ހުރަހަކުން އާވައިން ބޮލުން ފޮނުވާލި ހަމަލާ، ޕެރަގުއާއީގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގެ ފުރަތަމަ ފަސް މިނެޓުގެ ތެރޭގައި ޕެރަގުއާއީ އިން މަސައްކަތްކުރީ ދުރުން ބޯޅަ ފޮނުވާލައިގެން އޮސްޓްރޭލިއާގެ ގޯލަށް ނުރައްކާކުރުމަށެވެ. އެގޮތުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޕެރަގުއާއީގެ މައުރީސިއޯ، ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއެއް ފާހަގަކޮށްލެވެއެވެ. އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ އޮސްޓްރޭލިއާ ކީޕަރު ޕެޓްރިކް ބީޗްއާ ދިމާއަށެވެ.

މެޗުގެ 59 ވަނަ މިނެޓުގައި އޮސްޓްރޭލިއާގެ ނުރައްކަލެއް ފެނިގެންދިޔައެވެ. ބޯސް ދިން ބޯޅައަކުން ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރޭ އަރިމަތިން އިރަންކުންޑާ ފޮނުވާލި ހަމަލާ ދިޔައީ ޕެރަގުއާއީ ގޯލު ކުރިމަތިން ބޭރަށެވެ. އޭގެ ފަހުން އައިޑިން ހޫސްޓިޗް، ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާ، ޕެރަގުއާއީ ކީޕަރު ގިލްއާ ދިމާއަށެވެ.

މެޗުގެ 82 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާ ތެރެއިން ޕެރަގުއާއީގެ ދެ ހަމަލާއެއް ފެނިގެންދިޔައެވެ. އޭނާގެ ފުރަތަަމަ ހަމަލާ، އޮސްޓްރޭލިއާގެ ޑިފެންސުން ބްލޮކްކުރި އިރު، ދެވަނަ ހަމަލާ އޮސްޓްރޭލިއާގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ. އޭގެ ފަހުން ޕެނަލްޓީ އޭރިއާ ތެރެއިން އޮސްޓްރޭލިއާގެ ބޯސް ފޮނުވާލި ހަމަލާ އަމާޒުވީ ޕެރަގުއާއީ ކީޕަރު ގިލްއާ ދިމާއަށެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށް ވެފައިވަނިކޮށް، އޮސްޓްރޭލިއާއަށް ލީޑުގައި ނިންމާލުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ބޯސް ފޮނުވާލި އެ ހަމަލާ ދިޔައީ ޕެރަގުއާއީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ. އޭގެ ފަހުން ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ޕެރަގުއާއީއަށް ހުސް ފުރުސަތެއް ލިބިގެންދިޔަ ނަމަވެސް، މައުރީސިއޯ ފޮނުވާލި ހަމަލާ އަމާޒުވީ އޮސްޓްރޭލިއާ ކީޕަރު ބީޗްއާ ދިމާއަށެވެ.

މި ގްރޫޕުގައި ކުޅުނު އަނެއް މެޗުގައި ތުރުކީ އަތުން އެމެރިކާ ވަނީ ބަލިވެފައެވެ. ނަމަވެސް މެޗަށް ނުކުތް އިރު، އެމެރިކާއަށް އޮތީ ގްރޫޕުގެ އެއްވަނައާއެކު ދެވަނަ ބުރުގެ ޖާގައެއް ވެސް ޔަގީންވެފައެވެ. ތުރުކީ އޮތީ މުބާރާތާ އަލްވަދާއު ކިޔަން ޖެހިފައިވާ ޓީމެއްގެ ގޮތުގައެވެ. އޮސްޓްރޭލިއާ އިން ޕެރަގުއާއީ އަތުން އެއްވަރުވުމާ ގުޅިގެން ގްރޫޕުގެ ދެވަނައިގެ ގޮތުގައި ދެވަނަ ބުރުގެ ޖާގަ ކަށަވަރުވީ އޮސްޓްރޭލިއާއަށެވެ.

އޮސްޓްރޭލިއާ އާއި ޕެރަގުއާއީއަށް، ކޮންމެ ޓީމަކަށް ވެސް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. އޮސްޓްރޭލިއާ ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ. ޕެރަގުއާއީއަށް ދެން އޮތީ ތިންވަނަ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދި ޓީމުތަކުގެ ތެރޭގައި ހިމެނިގެން ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވޭތޯ، ގްރޫޕު ސްޓޭޖުގެ މެޗުތައް ނިމެންދެން އިންތިޒާރުކުރާށެވެ.