ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯކަރަންސީ އެކްސްޗޭންޖް ކަމަށްވާ ބައިނޭންސް އިން، ވިލާތުގެ އިއްތިހާދު (އީޔޫ) ގެ ބައެއް ގައުމުތަކުގައި ދެމުން އަންނަ ކްރިޕްޓޯގެ ހިދުމަތްތައް އަންނަ ހަފުތާއިން ފެށިގެން މެދުކަނޑާލަން ނިންމައިފިއެވެ.

ރޮއިޓާސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ބައިނޭންސް އިން މިގޮތަށް ނިންމީ އީޔޫގެ "މާކެޓްސް އިން ކްރިޕްޓޯ-އެސެޓްސް" (މައިކާ) ގަވާއިދުގެ ދަށުން ހިދުމަތް ދިނުމަށް ބޭނުންވާ ހުއްދަ ހޯދުމަށް ގްރީސްގައި ހުށަހެޅި އެޕްލިކޭޝަން އަނބުރާ ގެންދިއުމަށް ފަހުގައެވެ. މި ގަވާއިދުގެ ދަށުން ހުއްދަ ހޯދަން ދީފައިވާ ސުންގަޑިއަކީ މި މަހުގެ 30 ވަނަ ދުވަހެވެ.

ބައިނޭންސް އިން ކަސްޓަމަރުންނަށް ފޮނުވި އީމެއިލްތަކާ ހަވާލާދީ މީޑިއާތަކުން ބުނެފައިވަނީ، އަންނަ ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ފަރަންސޭސިވިލާތުގައި ކްރިޕްޓޯ އެސެޓްގެ ހިދުމަތްތައް ނުދޭނެ ކަމަށާއި، އާ ކަސްޓަމަރުން ބަލައިގަތުން ވެސް ހުއްޓާލާނެ ކަމަށެވެ. އީޔޫގެ އެހެން ބައެއް ގައުމުތަކުގެ ކަސްޓަމަރުންނަށް ވެސް މިފަދަ މެސެޖުތައް ފޮނުވާފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. ނަމަވެސް، ކަސްޓަމަރުންގެ ފައިސާ ރައްކާތެރިކަމާއެކު ހުންނާނެ ކަމަށާއި، ބޭނުން އިރަކު އެ ފައިސާ ނެގޭނެ ކަމުގެ ޔަގީންކަން ބައިނޭންސް އިން ވަނީ ދީފައެވެ.

ބައިނޭންސްގެ ޔޫރަޕް އަދި އިނގިރޭސިވިލާތުގެ އިސްވެރިޔާ ގިލިއަން ލިންޗް ވިދާޅުވި ގޮތުގައި، އެ ކުންފުނިން ވިލާތުގެ މާކެޓް ދޫކޮށްލުމުގެ ވިސްނުމެއް ނުގެންގުޅެއެވެ. އޭނާ ވިދާޅުވީ ގްރީސް ނޫން އެހެން ގައުމެއް މެދުވެރިކޮށް ހުއްދަ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މާލީ ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި، ސުންގަޑީގެ ކުރިން ހުއްދަ ނުލިބުމަކީ ވިލާތުގެ މާކެޓުގައި ބައިނޭންސްގެ މުސްތަގުބަލާމެދު ސުވާލު އުފެދޭ ކަމެކެވެ. ޔޫރަޕިއަން ސެކިއުރިޓީޒް އެންޑް މާކެޓްސް އޮތޯރިޓީން ވަނީ، ހުއްދަ ނެތް ކުންފުނިތަކުން އީޔޫގައި ހިންގާ ހަރަކާތްތައް ތަރުތީބުކަމާއެކު ހުއްޓާލުމަށް އަންގާފައެވެ. ރެގިއުލޭޓަރުންގެ މައިގަނޑު ކަންބޮޑުވުމަކީ، މަނީ ލޯންޑަރިންގެ މައްސަލަތަކުގައި ބައިނޭންސް އިން މީގެ ކުރިން ޖޫރިމަނާކޮށްފައިވުމާއި، އެ ކުންފުނީގެ އޮނިގަނޑު އޮންނަ ގޮތުން އުފެދޭ ރިސްކުތަކެވެ.