އެމެޒޯންގެ ސީއީއޯ އެންޑީ ޖެސީ އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައްދަލުކުރެއްވުމަށްފަހު.، 2030 ވަނަ އަހަރުގެ ނިޔަލަށް އިންޑިއާގައި 48 ބިލިއަން ޑޮލަރު އިންވެސްޓްކުރަން އެމެޒޯން އިން ނިންމައިފިއެވެ.
އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ބޭއްވި މި ބައްދަލުވުމަށްފަހު އެމެޒޯންއިން ބުނި ގޮތުގައި، އަލަށް އިއުލާނުކުރި 13 ބިލިއަން ޑޮލަރާއެކު 2026 އިން 2030 އަށް އެ ކުންފުނިން އިންޑިއާގައި ކުރާ އިންވެސްޓްމަންޓްގެ ޖުމްލަ 48 ބިލިއަން ޑޮލަރަށް އަރާނެއެވެ. މި ފައިސާ މައިގަނޑު ގޮތެއްގައި ހޭދަކުރާނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި ކްލައުޑް އިންފްރާސްޓްރަކްޗާ ފުޅާކުރުމަށެވެ.
އެންޑީ ޖެސީ ބުނި ގޮތުގައި، އެމެޒޯންގެ އަމާޒަކީ އިންޑިއާގެ ޑިޖިޓަލް އިގުތިސޯދު ކުރިއެރުވުމުގައި އެހީތެރިވުމެވެ. މިގޮތުން، މުމްބާއީ އަދި ހައިދަރުއާބާދުގައި ހުންނަ އެމެޒޯން ވެބް ސަރވިސަސް (އޭޑަބްލިއުއެސް) ގެ ޑޭޓާ ސެންޓަރުތައް އިތުރަށް ފުޅާކޮށް، ސްޓާޓްއަޕްތަކަށާއި ސަރުކާރުގެ އިދާރާތަކަށް އޭއައިގެ ހިދުމަތްތައް ފޯރުކޮށްދޭނެ ކަމަށް އޭނާ ފާހަގަކުރިއެވެ.
މި އިންވެސްޓްމަންޓްގެ ސަބަބުން އިންޑިއާގެ ޒުވާނުންނަށް ވަޒީފާގެ އާ ފުރުސަތުތައް ފަހިވެގެންދާނެ ކަމަށާއި، މިއީ އިންޑިއާގައި އިންވެސްޓްކުރުމަށް ދުނިޔޭގެ ސަމާލުކަން އިތުރުވަމުން އަންނަކަމުގެ ހެއްކެއް ކަމަށް ބޮޑުވަޒީރު މޯދީ ވިދާޅުވިއެވެ. އެމެޒޯންއިން އަންދާޒާކުރާ ގޮތުގައި 2030 ވަނަ އަހަރުގެ ނިޔަލަށް 3.8 މިލިއަން ވަޒީފާ އުފެއްދުމަށް އެ ކުންފުނިން އެހީތެރިވެދޭނެއެވެ. އަދި 15 މިލިއަން ކުދި ވިޔަފާރިތަކަށާއި، ސަރުކާރު ސްކޫލްތަކުގެ 4 މިލިއަން ދަރިވަރުންނަށް އޭއައިގެ ފައިދާ ފޯރުކޮށްދިނުމުގެ އިތުރުން، 80 ބިލިއަން ޑޮލަރުގެ އީކޮމާސް އެކްސްޕޯޓް ކުރިއެރުވުމަށް އަމާޒު ހިފާފައިވާ ކަމަށްވެސް އެމެޒޯން އިން ބުނެއެވެ.
އޭއައި އަދި ކްލައުޑް ޓެކްނޮލޮޖީގެ އިތުރުން، އެމެޒޯންގެ އީކޮމާސް ވިއުގަ ފުޅާކުރުމަށްވެސް މި ފައިސާ ބޭނުންކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އެގޮތުން، މިއަހަރުގެ ތެރޭގައި އިންޑިއާގެ އެކި ކަންކޮޅުތަކުގައި 20 އަށްވުރެ ގިނަ ފުލްފިލްމަންޓް ސެންޓަރާއި 100 އަށްވުރެ ގިނަ ޑެލިވަރީ ސްޓޭޝަން ހުޅުވުމަށް ވަނީ ނިންމައިފައެވެ. 2010 އިން ފެށިގެން 2030 ގެ ނިޔަލަށް އެމެޒޯންއިން އިންޑިއާގައި ކުރާ ޖުމްލަ އިންވެސްޓްމަންޓް 88 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
އެމޭޒަން
އެމޭޒަން
އެމޭޒަން
އެމޭޒަން
ކޮމެންޓް