ވޯލްޑް ކަޕް ގްރޫޕް ޑީގެ އެއްވަނަ ޔަގީންވެފައި އޮވެ ފަހު މެޗަށް ނުކުތް އެމެރިކާއާއި ކަޓާފައި އޮތް ތުރުކީ ކައިރިން ބަލިވެއްޖެއެވެ.
ލޮސް އެންޖަލަސް ސްޓޭޑިއަމްގައި ކުޅުނު މެޗުން ތުރުކީ 3-2 އިން އެމެރިކާ ބަލިކުރި އިރު، އެ ގްރޫޕުގައި ދެން އޮސްޓްރޭލިއާއި ޕަރަގުއާއީ ވާދަކުރި މެޗު ނިމުނީ އެއްވަރު ވެގެންނެވެ.
އެމެރިކާއަށް ތާވަލުގެ އެއްވަނައިގައި ތިން މެޗުން ހަ ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި ގަދަ 32 އަށް ދިޔައީ އޮސްޓްރޭލިއާއެވެ. އެއީ ތިން މެޗުން ހަތަރު ޕޮއިންޓް އަދި ފައިދާ ގޯލަކާ ނުލައެވެ. ތިންވަނައަށް ދިޔަ ޕަރަގުއާއީއަށްވެސް ތިން މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާ އިރު، އެޓީމު އޮތީ ގެއްލުން ދެ ގޯލާއެކުގައެވެ. ތުރުކީ ފުލުގައި ނިންމާލީ ތިން ޕޮއިންޓަކާއެކުގައެވެ.
މިރޭގެ މެޗަށް ނުކުތް އިރު، ހޯސްޓް އެމެރިކާއަށް އޮތީ ގްރޫޕްގެ އެއްވަނައާއެކު ގަދަ 32 ގެ ޖާގަ ޔަގީންވެފައެވެ. މެޗާ ހަމައަށް އެޓީމު ފެނިގެން ދިޔައީ މުބާރާތުގެވެސް އެންމެ ފޯމު ރަނގަޅު އެއް ޓީމުގެ ގޮތުގައެވެ. ފުރަތަމަ މެޗުގައި 4-1 އިން ޕަރަގުއާއީ ބަލިކުރި އިރު، ދެން ކުޅުނު މެޗުގައި އެމެރިކާއިން ވަނީ 2-0 އިން އޮސްޓްރޭލިއާވެސް ބަލިކޮށްފައެވެ.
އަނެއްކޮޅުން ނުކުތް ތުރުކީ މެޗަށް ނުކުތްއިރުވެސް އޮތީ ކަޓައިފައެވެ. އެތައް އެޓޭކްތަކެއް މެޗުތަކުގައި އުފެއްދި ނަމަވެސް، އެޓީމުން މިރޭގެ މެޗާ ހަމައަށް މިފަހަރު ވޯލްޑް ކަޕްގައި ގޯލެއް ޖަހާފައެއް ނުވެއެވެ. ފުރަތަމަ މެޗުގައި އޮސްޓްރޭލިއާ ކައިރިން 2-0 އިން ބަލިވި އިރު، ތުރުކީ ޕަރަގުއާއީ އަތުން ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާތަަކަށް ތުރުކީއަށް އޮތީ ވަރަށް ބޮޑަށް ފާޑު ކިޔުންތައްވެސް އަމާޒުވެފައެވެ.
އެމެރިކާ އޮތް ހާލަތުން އެޓީމުގެ ކޯޗު މައުރީޝިއޯ ޕޮޗެޓީނޯ ވަނީ މުހިއްމު ބައެއް ކުޅުންތެރިން ރެސްޓްވެސް ދީފައެވެ. އަނިޔާގެ ސަބަބުން އޮސްޓްރޭލިއާއާ ދެކޮޅަށް ކުޅެފައިވާ ނުވާ ކްރިސްޓިއަލް ޕުލިސިޗް މިރޭވެސް ބެންޗުން ފެށި އިރު، ފޯމުގައި ހުރި ފޯވަޑް ފޮލާރިން ބަލޮގުންއާއި މަލިކް ޓިލްމަން، ކެޕްޓަން ޓިމް ރީމްގެ އިތުރުން އެންޓޮނީ ރޮބިންސަންއާއި ކީޕަރު މެޓް ފްރީސްއަށްވެސް ކޯޗު ވަނީ ރެސްޓް ދީފައެވެ. އޭގެ އިތުރުން ސާޖީނިއޯ ޑެސްޓްވެސް ފުރަތަމަ 11 އަށް ނެރެފައެއް ނުވެއެވެ.
މެޗުގެ ތިންވަނަ މިނެޓުގައި އެމެރިކާއިން ލީޑު ނެގިއެވެ. ކުރިން މެޗުތަކުގައި ފުރަތަމަ 11 އިން ނުފެނި، މިރޭގެ 11 އަށް ނުކުތް ދެ ކުޅުންތެރިންގެ ތަފާތުންނެވެ. ސެބަސްޓިއަން ބާހޯލްޓާ އަރިމައްޗަށް ޖެހިލާފައި ނަގައިދިން ބޯޅަ ގޯލަށް ވައްދާލީ އޮސްޓަން ޓްރަސްޓީއެވެ. އޭނާ ބޯޅަ ފޮނުވާލީ ހުސްކޮށް އޮވެއެވެ.
އެ ގޯލާއެކު އެމެރިކާ ލީޑު ނެގި ނަމަވެސް ހަމަޖެހިލަން މާގިނަ ވަގުތެއް ނުލިބުނެވެ. ތުރުކީން އެންމެފަހުން އެޓީމުގެ ފުރަތަމަ ގޯލް ކާމިޔާބުކުރިއެވެ. ގޯލް ފެނިގެން ދިޔައީ ވޯލްޑް ކަޕަށް ނުކުތްއިރު އެންމެ ގިނަ ބައެއްގެ ލޯތައް އަމާޒުވެފައިވާ އެއް ކުޅުންތެރިޔާ، ރެއާލް މެޑްރިޑް އާދާ ގުލާއެވެ. މެދުތެރެއިން ދުއްވާލި ބޯޅަ ހޯދައި، ބާރިސް އަލްޕާ ޔިލްމާޒް އޭރިއާ ތެރެއަށް ޖައްސާލި ބޯޅަ ގުލާ ހޯދައިގެން ނިންމާލީ ފަސޭހަ ކަމާއެކުގައެވެ.
އޭގެފަހުންވެސް ތުރުކީން މަޑުމަޑުން މެޗުގެ ކޮންޓްރޯލް ހޯދަމުން ގޮސްފައިވާ އިރު، 30 ވަނަ މިނެޓުގައި ކޯނަރެއްގެ ތެރެއިން ފަހިވި ފުރުސަތުގައި އެމެރިކާއިން ބޯޅަ ގޯލަށް ވައްދާލިއެވެ. އެހެން ނަމަވެސް އެބޯޅަ ފޮނުވާލި އިރު، ރިކާޑޯ ޕެޕީ އޮތީ އޮފްސައިޑް މަގާމެއްގައި ކަމަށްވުމާއެކު ގޯލަކަށް ނުގުނިއެވެ.
އޭގެ މިނެޓެއް ފަހުން އަނެއްކޮޅުން ތުރުކީ ލީޑު ނެގިއެވެ. އެޓޭކިން ތާޑްގައި ގުލާއާއި ޔުވެންޓަސްގެ ކެނާން ޔިލްޑީޒްގެ ރަނގަޅު ކޮމްބިނޭޝަނަކާއެކު ތަނަވަސްކުރި ބޯޅަ ގޯލަށް ވައްދާލީ އޮރްކުން ކޮޗޫއެވެ. ހިތްގައިމު ގޯލެކެވެ.
އެ ގޯލާއެކު ފުރަތަމަ ހާފު ނިމުނީ ތުރުކީ ކުރީގައި އޮވެ ނަމަވެސް، އަނެއްކާވެސް ދެވަނަ ހާފުގައި އެމެރިކާއިން ފެށީ ވަރުގަދަކޮށެވެ. 49 ވަނަ މިނެޓުގައި އެޓީމުން ވަނީ މެޗު އެއްވަރު ކޮށްފައެވެ. އޭރިއާ ތެރެއަށް މާކް މެކެންޒީ އެއްލި ދިގު އެއްލުމެއް ތުރުކީ ޑިފެންސަަށް ރަނގަޅަށް ސާފު ނުކޮށްލެވި، އޭރިއާ ރޮނގު މައްޗަށް ހުސްވީ ބާހޯލްޓާއަށެވެ. އޭނާ އެއްފަހަރުން ބޯޅަ އަމާޒުކޮށްލީ ތިރީ ކަނަށެވެ.
ދެވަނަ ހާފުގެ ތެރެއިން ޕުލިސިޗް ކުޅެން ނުކުމެފައިވާ އިރު، މާގިނައިރެއް ނުވެ، އޭނާގެ ނުރައްކާވެސް ފެނިގެން ދިޔައެވެ. 61 ވަނަ މިނެޓުގައި ޕުލިސިޗް އަރިމަތިން ގޮސް ފޮނުވާލި ހަމަލާ ކީޕަރު އުގުރްކާން ސާކިރް މަތަކުރި އިރު، ރީބައުންސްގައި ޕެޕީއަށް ލިބުނު ބޯޅަ އޭނައަށް ގޯލާ އަމާޒުކޮށްލެވޭ ގޮތެއް ނުވިއެވެ.
އޭގެ މިނެޓެއް ފަހުން އޭރިއާ ތެރެއަށް ހުރަސްވި ބޯޅައެއްގައި އަނެއްކާވެސް ޕުލިސިޗް ނުރައްކާ ކުރި އިރު، އޭނާ ފައިގައި ޖެހި ކަނަށް ވަންނަން ދިޔަ ބޯޅަ މަތަކުރީ ކީޕަރު ސާކިރެވެ. ސާކިރު އަތުގައި ޖެހި ބޯޅަ ކުޅުމަށް ނުކުތީ ދަނޑީގައިވެސް ޖެހިފައެވެ. ރީބައުންސްގައި މިފަހަރު މެކެނީ ފޮނުވާލި ބޯޅަ ވީ ބްލޮކެވެ.
އެމެރިކާއިން ތިންވަނަ މޮޅެއް ހޯދަން ކުރި މަސައްކަތުގައި މެޗުގެ ފަހުކޮޅުގައިވެސް ނުރައްކާކުރީ ޕުލިސިޗެވެ. 77 ވަނަ މިނެޓުގައި އޭރިއާ ބޭރުން އޭނާ ފޮނުވާލި ބޯޅަވެސް ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.
މެޗުގެ އެންމެ ފަހު ސިކުންތުގައި ތުރުކީ މެޗު ކާމިޔާބުކުރީ 98 ވަނަ މިނެޓުގައި ގޯލް ޖަހައިގެންނެވެ. އަރިމަތުން ގުލާ ރަނގަޅަށް ނައްޓާލާފައި ދިން ބޯޅަ އޭރިއާ ބޭރުން ސާލިހް އޮޒްކާން ރަނގަޅު ހުރަހެއް ކޮށްލި އިރު، އޭރިއާ ތެރެއަށް ވެއްޓުނު ބޯޅަ ޖައްސާލީ ބަދަލަކަށް ނުކުތް ޗޭޭން އުޒުންއެވެ. އެ ބޯޅަ ގޯލަށް ވައްދާލީވެސް ބަދަލަކަށް ނުކުތް، ކާން އަހްޔާނެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް