މިއަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖު ނުވެސް ނިމިގެން އުޅެނިކޮށް، ވޯލްޑް ކަޕްގެ ތާރީހީ ބައެއް ރެކޯޑުތައް އާވެގެން ގޮސްފިއެވެ. އޭގެ ތެރެއިން އެއް ރެކޯޑަކީ ރޭ އާވެގެން ދިޔަ ގޯލް ޖެހުމުގެ ރެކޯޑެވެ. ގްރޫޕް ސްޓޭޖުގެ މެޗުތައް ނުނިމިގެން އުޅެނިކޮށް، ރޭގެ ނިޔަލަށް މިހާތަނަށް މުބާރާތުގައި 177 ގޯލް ފެނިގެން ގޮސްފިއެވެ. މީގެ ކުރިން ވޯލްޑް ކަޕެއްގައި އެންމެ ގިނައިން ގޯލް ޖެހި އަދަދަކީ 172 އެކެވެ. އެއީ ގަތަރު ވޯލްޑް ކަޕްގައި ފެނުނު ރެކޯޑެކެވެ.

ގަތަރު ވޯލްޑް ކަޕްގެ ރެކޯޑު މުގުރާލި ފަހުންވެސް ރޭ އިތުރު ގޯލްތައް ފެނިގެން ގޮސްފައިވާ އިރު، އެ ރެކޯޑު އާވެގެން ދިޔައީ ގްރޫޕް ސްޓޭޖުގެ 59 ވަނަ މެޗުގައެވެ. އެހެންކަމުން މިއީ ބެލިންތެރިންނަށް ޝައުގުވެރި މުބާރާތެއް ކަމަށް ބުނެވިދާނެއެވެ.

ސަބަބުތަކަކީ ކޮބާ؟

އެންމެ މައިގަނޑު ސަބަބެއްގެ ގޮތުގައި ބުނެެވެން އޮތީ ވޯލްޑް ކަޕްގެ އޮނިގަނޑަށް އައި ބަދަލެކެވެ. މިފަހަރުގެ ވޯލްޑް ކަޕަކީ މިވީ ތާރީހުގައިވެސް 48 ގައުމު ވާދަކުރާ ފުރަތަމަ ވޯލްޑް ކަޕެވެ. ގަތަރު ވޯލްޑް ކަޕްގައި ޖުމުލަ މެޗުގެ އަދަދަކީ 64 އެކެވެ. މި ވޯލްޑް ކަޕްގައި ޖުމުލަ 104 މެޗު ކުޅެވިގެންދާ އިރު، ގްރޫޕް ސްޓޭޖުގައި އެކަނިވެސް 72 މެޗު ކުޅެވިގެންދާނެއެވެ. ޔަގީނުންވެސް ނޮކްއައުޓް ބުރަށްވުރެ ގްރޫޕް ސްޓޭޖުގައި ގޯލް ފެންނަލެއް ގިނަވާނެއެވެ. އެހެންކަމުން ގްރޫޕް ސްޓޭޖު މެޗުތައް އިތުރުވުން އެއީ އޭގެ މައިގަނޑު އެއް ސަބަބެވެ.

އޭގެ އިތުރުން ދެން އޮތީ ފޯމުގައި ތިބި ސްޓްރައިކަރުންނާއި އެޓޭކަރުންގެ ވާހަކައެވެ. އަދި އަލަށް ވޯލްޑް ކަޕްގައި ވާދަކުރި ޓީމުތައް ގިނަވުމާއި، ބައެއް ދަށް ރޭންކްތަކުގެ ޓީމުތައް ވާދަކުރުން އެއީ ސަބަބެއް ކަމަށް ދިރާސާތަކުން ދައްކައެވެ. އެއްވެސް ހާލެއްގައި އެޓީމުތަކުގެ ކުޅުން ދަށްވެ، ވާދަވެރިކަން ކުޑަވީކީ ނޫނެވެ. އެހެން ނަމަވެސް ފަހަތުން ހަދާފައިވާ ގޯސްތަކުގެ ބޭނުން ހިފައިގެން އެޓޭކަރުން ޖެހި ގޯލްތައް ގިނަކަން ފާހަގަވެފައިވެއެވެ.

މިހާތަނަށް އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ފަސް ގޯލް ޖެހި އިރު، އާލިން ހާލަންޑާއި ވިނީޝިއަސް ޖޫނިއާ، ކިލިއަން އެމްބާޕޭވެސް ވަނީ ކޮންމެ ކުޅުންތެރިޔަކު ހަތަރު ގޯލް ހަމަކޮށްފައެވެ. މެސީއަކީ މިހާރު ވޯލްޑް ކަޕްގެ ތާރީހުގައިވެސް އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާއެވެ. އެމްބާޕޭ ދަނީ އެ ރެކޯޑާ ވާދަކުރަމުންނެވެ.

އެ އެޓޭކަރުންގެ ފޯމަކީ ގޯލް ގިނަވުމުގެ އެއް ސަބަބު ކަމަށްވީ އިރު، ތަފާސްހިސާބުތައް ދައްކާ ގޮތުން މިހާތަނަށް، ސީދާ ޑިފެންޑަރު ނޫނީ ކީޕަރު 19 ގޯހެއްގައި ގޯލް ފެނިފައިވެއެވެ. މިއީ 1966 ވަނަ އަހަރު ފަހުން އެހާ ގިނަ ސީދާ މިސްޓޭކްތަކެއް ގޯލް ކުރިމަތިން ފެނުނު ފަހަރެވެ.

މެޗަކަށް ގާތްގަނޑަކަށް 3.03 ގެ ގޯލް ރޭޝިއޯއަކުން ގޯލްތައް ފެނިގެންދާ އިރު، މެޗުތަކުގެ އިތުރު ވަގުތަށް ދޭ ވަގުތު ދިގުވުމާއި ހައިޑްރޭޝަން ބްރޭކްތައް ލިބުމަކީވެސް ގޯލްތައް ގިނަވާ އެއް ސަބަބު ކަމަށް ކަމާބެހޭ ދިރާސާތައް ބުނެއެވެ.

ދެން އޮތް އަނެއް ކަމަކީ ބޯޅައިގެ ވާހަކައެވެ. ކުޅިވަރު ދިރާސާތައް ކުރާ ފަރާތްތަކުން ބުނީ ވޯލްޑް ކަޕަށް އެޑިޑާސްއިން ނެރުނު "ޓްރިއޯންޑާ" އަކީ ވައިގެ ތެރޭގައި މިސްރާބު ހިފެހެއްޓޭ، ބާރު ހަމަލާތަކުގައި ކީޕަރަށް ފުރުސަތު ކުޑަ ވެލޯސިޓީއެއް އެކުލެވޭ ބޯޅައެކެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ނުރައްކާތެރި އެޓޭކަރުން ވަނީ އޭރިއާ ބޭރުން ގިނަ ގޯލްތަކެއް ކާމިޔާބު ކޮށްފައެވެ. އަދި ހިތްގައިމު ގޯލްތައްވެސް ފެންނަ އަދަދު ގިނައެވެ.