ނޮކްއައުޓް ބުރުގައި ކުރަން ޖެހޭ ދިގު ދަތުރުތައް މަދުކުރުމަށް ފްރާންސަށް ގްރޫޕްގެ އެއްވަނަ މަގާމު މުހިންމު ކަމަށް އެސިސްޓެންޓް ކޯޗު، ގާއީ ސްޓެފަން ބުނެފިއެވެ.
ފްރާންސާއި ނޯވޭއިން މިރޭ އެ ގްރޫޕްގެ ފަހު މެޗުގައި ވާދަކުރާ އިރު، އެ ދެޓީމަށްވެސް އޮތީ ގަދަ 32 ގެ ބުރު ޔަގީންވެފައެވެ. މިރޭގެ މެޗަށް ފްރާންސް ނުކުންނާނީ ކޯޗު، ޑިޑިއޭ ޑިޝޯމްގެ ބަދަލުގައި ސްޓެފަންގެ އިރުޝާދުގެ ދަށުންނެވެ. އެއީ ޑިޝޯމް، މަންމަގެ ޖަނާޒާއަށް އެނބުރި ފްރާންސަށް ގޮސްފައިވާތީއެވެ. ޑިޝޯމް ދެން ފްރާންސްގެ ބެންޗުން ފެންނާނީ ނޮކްއައުޓް ބުރުގައެވެ.
"ޑިޑިއޭ ބޭނުންވަނީ އަހަރެމެން ގްރޫޕްގެ އެއްވަނަ ހޯދަން. އެއީ ލޮޖިސްޓިކަލީ ފަސޭހަ ކުރުމަށް. އަހަރެމެން ދެވަނައިގައި ނިންމާލައިފިނަމަ ދަތުރު ކުރަން ޖެހޭ ވަގުތު އެބަ އިތުރު ވެގެންދޭ. އަދި އޭގެ އިތުރުން މޫސުމުގެ މައްސަލަތަކެއްވެސް ދިމާވެދާނެ. އެހެންވީމަ އެއްވަނަ މުހިންމު،" ސްޓެފަން ބުންޏެވެ.
ފްރާންސްގެ ފައިދާ ގޯލްގެ ފަރަގު ބޮޑުވުމާއެކު އެއްވަރު ކޮށްލައިގެންވެސް އެޓީމަށް އެއްވަނަ ހޯދިދާނެއެވެ.
ފްރާންސުން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށް، 2022 ވަނަ އަހަރު ވޯލްޑް ކަޕްގެ ފައިނަލްގައި ކުޅެފައިވާ އިރު، އެޓީމުން ގްރޫޕްގެ އެެއްވަނަ ހޯދައިފިނަމަ، މިހާރުގެ ކޭމްޕްގައި ކުއާޓާ ފައިނަލާ ހަމައަށް މަޑުކުރެވޭނެއެވެ. އެއީ ބޮސްޓޮންގައެވެ. އެ ޓީމަށް ދެވަނަ ލިބިއްޖެ ކަމަށްވާނަމަ، ޑަލަސް، މިއާމީ ނޫނީ އެޓްލާންޓާއަށް ދާން ޖެހިދާނެއެވެ.
ވޯލްޑް ކަޕްގެ ޓީމުތައް ގްރޫޕް ސްޓޭޖަށްފަހު ބޭސް ކޭމްޕް ބަދަލުކުރުމަށް ފުރުސަތު އޮންނަ އިރު، ފްރާންސުން މިހާރު ތިބީ ބޮސްޓަންއަށް ހޭނިފައި ކަމަށް ކޯޗު ފާހަގަކުރިއެވެ.
ފްރާންސާއި ނޯވޭ ވާދަކުރާ މެޗު އޮންނާނީ މިރޭ 12:00 ގައެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް