މިފަހަރު ވޯލްޑް ކަޕް އިންތިޒާމުކުރާ އެންމެ ބޮޑު ހޯސްޓް، އެމެރިކާގެ ސިއޭޓަލްއިން އިރާނާއި މިސްރު ވާދަކުރާ މެޗަކީ އެއް ޖިންސުން ގުޅުން ހިންގުން ޕްރޮމޯޓް ކުރާ މެޗަކަށް ހަދަން މަސައްކަތް ކުރަމުންދާ އިރު، އެކަންކަމަށް ފޯކަސް ނުބަހައްޓާނެ ކަމަށް މިސްރުގެ ކޯޗު ހޮސާމް ހަސަން ބުނެފިއެވެ.
ސިއޭޓަލްއިން އެކަން ކުރަން ނިންމާފައިވަނީ ދަނޑު ބޭރުގައި ކަމަށް ފީފާއިން ފުރަތަމަ ބުނި އިރު، އޭރުވެސް އިރާނާއި މިސްރުން ވަނީ އެ މެޗުގައި އެކަން ހިނގިޔަ ނުދޭން ފީފާއަށް އެދިފައެވެ. ފަހުން ފީފާއިން ބުނީ އެއް ޖިންސުން ގުޅުން ހިންގުން ރަމްޒުކޮށްދޭ ދިދަ ސްޓޭޑިއަމަށް ވެއްދުމުން މައްސަލައެއް ނެތް ކަމަށެވެ. އެހެންކަމުން އެ މެޗުގެ ތެރެއިން އެކަހަލަ މަންޒަރުތައް ފެނުން ގާތެވެ.
އެކަމާ ގުޅިގެން ސުވާލުކުރުމުން މިސްރުގެ ކޯޗު، ހޮސާމް ބުނީ އިންތިޒާމު ކުރުމުގެ ކަންކަމުގައި ބަސް ކިޔާނީ ފީފާ ކަމަށާއި، މިސްރުގެ އިންތިޒާމުތައް ކުރާނީ އެގައުމުގެ އެފްއޭއިން ކަމަށެވެ. އަދި ޓީމުން ވިސްނާނީ ހަމައެކަނި ދަނޑުމަތީގައި ކުޅޭ މެޗަށް ކަމަށްވެސް އޭނާ ބުންޏެވެ.
"ފީފާއިން އިންތިޒާމުތައް ކުރާނީ. ދެން އަހަރެމެން ޓީމުގެ އިންތިޒާމުތަކާ އެހެން ކަންކަމާ އުޅޭނީ އެފްއޭ. އަހަރެމެން ވިސްނާނީ ދަނޑު މައްޗަށް. ދަނޑު ބޭރުގައި އެކަހަލަ ކަންކަމަށް ވިސްނައި، އުސޫލު ކަނޑައަޅައި ހަމަހިފަހައްޓަން ވިސްނަން ޖެހޭނީ ފީފާ،" ހޮސާމް ފާހަގަކުރިއެވެ.
މި މުބާރާތުގައި އިރާނާ ދޭތެރޭ ފީފާއިން ކަންކަން ކުރަމުންދާ ގޮތާ ގުޅޭގޮތުން ސުވާލުކުރުމުންވެސް ހަސަން ވަނީ އެކަމަށް ވާހަކަދައްކަން އިންކާރުކޮށްފައެވެ. އޭނާ މެޗާ ގުޅިގެން އިތުރަށް ބުނީ ޓީމުގެ ތަރި މުހައްމަދު ސަލާހް، މިހާރު ކުޅެމުންދާ ދައުރާ ދޭތެރޭ ހިތްހަމަޖެހޭ ކަމަށެވެ. ސަލާހް މިރޭގެ މެޗުގައި ގޯލު ޖަހައިފިނަމަ، ކޯޗު ހޮސާމްގެ ގޯލު ރެކޯޑު އޭނާ މުގުރާލާނެއެވެ.
މިސްރާއި އިރާން ވާދަކުރާ މެޗުން މޮޅުވާ ޓީމަކަށް އެއްވަނަ ލިބުމުގެ ފުރުސަތުވެސް އޮތް އިރު، އެއީ ބެލްޖިއަމާއި ނިއު ޒީލެންޑް ކުޅޭ މެޗުގެ ނަތީޖާ ދައްކާ ގޮތަކުންނެވެ. އެހެން ނަމަވެސް، އެއްވަނައަށް ޔަގީނުންވެސް ގަދަ 32 ލިބޭނެއެވެ.
މިސްރުން ވަނީ އެންމެފަހުން ކުޅުނު މެޗުގައި ނިއު ޒީލެންޑް ބަލިކޮށް، ތާރީހުގައި ވޯލްޑް ކަޕްގެ ފުރަތަމަ މޮޅު ހޯދައިފައެވެ.
މިސްރާއި އިރާން ވާދަކުރާ މެޗު އޮންނާނީ މާދަމާ ހެނދުނު 8:00 ގައެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް