ކުރީގެ ސަރުކާރުތަކާ ހިލާފަށް މި ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ނުފޫޒު ނުފޯރުވޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްއިން ރޭ ގެނެސްދިން "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި ސަރުކާރުން އެފަދަ ނުފޫޒުތަކަށް ޖާގަ ނުދެއްވާނެކަން މަޖިލިސް މެންބަރުންނަށް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.
"މިކަން އެނގިވަޑައިގަންނަވާނެ މަޖިލިސް ބޭފުޅުންނަށްވެސް، އެއީ އެ ބޭފުޅުން ގާތަށް އެންމެ ގިނައިން އަންނާނީ، ތިމަންނަމެންނަށް މިވެނިކަމެއް، މިވެނި ފްލެޓެއް. އެކަމަކު އެބޭފުޅުންވެސް ވިދާޅުވާނެ، ސުވާލުކުރެއްވިޔަސް ޔަގީން ވިދާޅުވާނެކަން، މި ސަރުކާރުން އެ ފުރުސަތު ނުދޭނެކަން. އެބޭފުޅުންވެސް އެބޭފުޅުންގެ ދާއިރާތަކުގެ ރައްޔިތުން ގާތު ވިދާޅުވެފައި އޮންނާނީ، ތިމަންނަމެންގާތަށް ނާންނަށްޗޭ، މިވެނި މީހަކަށް ފްލެޓެއް، ތިމަންނަގެ އާއިލާއަށް ފްލެޓް ދޭށޭ ކިޔާފައި. އެޕްލައިކޮށްގެން ޕޮއިންޓް ހަމަވެގެން، އެ އޮންނަ ތަރުތީބަކުންނޭ ލިބޭނީ. އެ އުސޫލު މިހާރު އޮންނާނީ" ރައީސް ވިދާޅުވިއެވެ.
ކުރިން މެންބަރުން ކައިރިޔަށް ބޯހިޔާވަހިކަމަށް އެދި ދިޔަކަމުގައި ވިޔަސް މިހާރު ކޮންމެ މެންބަރަކުވެސް އެކަމަށް އެއްބާރުލުންދޭން އިންކާރުކުރައްވާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި ހައުސިން މިނިސްޓްރީގެ މުވައްޒަފުންނާއި އެކަމުގައި އިސްކޮށް ހަރަކާތްތެރިވާ ވެރިންވެސް ނުފޫޒުން މީހަކަށް ގޯއްޗާއި ފްލެޓެއް ހޯދައި ނުދޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް ރައީސް ވިދާޅުވިއެވެ.
"އެކަމުގެ ފުރިހަމަ ޔަގީންކަން އަޅުގަނޑުގެ ފަރާތުން އެންމެންނަށް ހުރިހާ ރައްޔިތުންނަށް، އަޅުގަނޑަށް ޔަގީންކަން އެބައޮތް މިކަން ކުރާ ފަރާތްތަކުންވެސް، ހައުސިން މިނިސްޓްރީގެ މުވައްޒަފުންވެސް އަދި އިސްވެރިންވެސް، ނުފޫޒެއް އޭގެތެރެއަށް ވަނުމުގެ ފުރުސަތެއް ނުދޭނެކަން." ރައީސް ވިދާޅުވިއެވެ.
"މީގެ ކުރިން އެކަހަލަ ކަންކަން ހިނގާފައި ހުރީމަ. އަޅުގަނޑުމެން އިންޝުއޯ މިކޮށްދެނީ ޔަގީންކަން މިދެނީ މި ސަރުކާރަކުންދޭ އެއްވެސް ފްލެޓެއް އަދި އެއްވެސް ގޯއްޗެއް، އިރާދަކުރެއްވިއްޔާ ނުދޭނަން އެކަހަލަ އެއްވެސް ނާޖާއިޒްކަމެއް ހިނގާގޮތަކަށް" ރައީސް ވިދާޅުވިއެވެ.
ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް މި ސަރުކާރުން "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން، ފްލެޓާއި ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ މައުލޫމާތު ސައްހަތޯ ބެލުމުގެ މަސައްކަތްތައް ހައުސިން މިނިސްޓްރީން ވަނީ ފަށާފައެވެ.
އެ މިނިސްޓްރީން ބުނެފައިވާ ގޮތުގައި، މިހާރު ފަށާފައިވާ ފްލެޓް މަޝްރޫއުތަކުގެ މަސައްކަތް މި ދައުރުގެ ބާކީ އޮތް ދެ އަހަރުގެ ތެރޭގައި އެއްކޮށް ނިންމައި ހަވާލުކުރެވޭނެއެވެ.
ބޯހިޔާވަހިކަމަށްއެދި ހުޅުވާލި ފުރުސަތުގައި 57،000 އަށްވުރެ ގިނަ ފޯމް ހުށަހަޅާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ. އޭގެ ތެރޭގައި ފްލެޓަށް އެދި 35،900 އަށްވުރެ ގިނަ ފޯމާއި، ގޯއްޗަށް އެދި 22،000 އަށްވުރެ ގިނަ ފޯމު ހުށަހަޅާފައިވާކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.
ފާތިމަތު ލިއުޝާ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް