ދުނިޔޭގެ އެންމެ މަގުބޫލު ޓިކްޓޮކް ތަރި، ސެނެގޯލްއަށް އުފަން ހާބީ ލޭމް، ފޯބްސް އިން ނެރުނު 2026 ވަނަ އަހަރުގެ އެންމެ ކުރީގައި އުޅޭ 50 ކްރިއޭޓަރުންގެ ލިސްޓުގެ 15 ވަނަ ހޯދައިފިއެވެ. މި ލިސްޓުން އޭނާއަށް ޖާގަ ލިބިފައިވަނީ، އޭނާގެ ކުންފުނި ކަމަށްވާ ސްޓެޕް ޑިސްޓިންކްޓިވް ލިމިޓެޑް އާއި ހޮންކޮންގުގެ ރިޗް ސްޕާކަލް ހޯލްޑިންގްސްއާ ދެމެދު މިއަހަރުގެ ޖެނުއަރީ މަހު ހިންގި 975 މިލިއަން ޑޮލަރުގެ ހިއްސާގެ ބޮޑު މުއާމަލާތަކަށް ފަހުގައެވެ.
ފޯބްސްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 160 މިލިއަނަށްވުރެ ގިނަ ފޮލޯވަރުންނާއެކު ޓިކްޓޮކްގެ އެންމެ ކުރީގައި އުޅޭ ހާބީއަށް، ކްރިއޭޓަރެއްގެ ގޮތުގައި އަހަރެއްގެ މައްޗަށް 9.9 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބެއެވެ. އެމެރިކާގެ ސެކިއުރިޓީޒް އެންޑް އެކްސްޗޭންޖް ކޮމިޝަން (އެސްއީސީ) ގެ ލިޔެކިޔުންތަކުން ދައްކާ ގޮތުގައި، ޖެނުއަރީ މަހު ހިންގި މުއާމަލާތަކީ ފައިސާގެ ބަދަލުގައި ހިއްސާ ބަދަލުކުރެވުނު މުއާމަލާތެކެވެ. މި އެއްބަސްވުމުގެ ދަށުން ހާބީގެ އޭއައި ޑިޖިޓަލް ކޮޕީއެއް އުފައްދައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވިޔަފާރިކުރުމަށް ވަނީ ރާވައިފައެވެ. މި މުއާމަލާތާ ގުޅިގެން ހާބީގެ މެނޭޖްމަންޓުން އޭރު ބުނެފައިވަނީ، މިއީ އޭނާގެ ބްރޭންޑް އިތުރަށް ފުޅާކުރުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
ނަމަވެސް، މާލީ ދާއިރާގެ ތަޖުރިބާކާރުން ވަނީ މި މުއާމަލާތާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. ބިޒްނަސް އިންސައިޑާ ފަދަ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އޭޕްރީލް މަހާ ހަމައަށް އައިއިރު ރިޗް ސްޕާކަލްގެ ހިއްސާގެ އަގު ވަނީ 90 އިންސައްތަ ދަށަށް ގޮސްފައެވެ. މިއާއިއެކު، އިންޓަރެކްޓިވް ބްރޯކަރސް އަދި ފިޑެލިޓީ ފަދަ އެމެރިކާގެ ބޮޑެތި ބްރޯކަރޭޖްތަކުން ވަނީ އެ ކުންފުނީގެ ހިއްސާ ގަނެވިއްކުން މަޑުޖައްސާލައިފައެވެ.
މި މުއާމަލާތުގެ ސަބަބުން ހާބީގެ މާލީ ހާލަތަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވުނު ނަމަވެސް، އޭނާގެ އަމިއްލަ މިލްކިއްޔާތު އުޅެނީ 20 މިލިއަނާއި 25 މިލިއަން ޑޮލަރާ ދެމެދުގައި ކަމަށް މާލީ ރިޕޯޓުތަކުން ދައްކައެވެ. ހިއްސާގެ އަގު ވެއްޓުމާ ގުޅިގެން ހާބީގެ ފަރާތުން މިހާތަނަށް ރަސްމީކޮށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. އަދި އޭނާގެ ސޯޝަލް މީޑިއާ އެކައުންޓުތަކުން އެ ކުންފުނީގެ ނަން ވަނީ އުނިކޮށްފައެވެ.
ޓިކް ޓޮކް
ޓިކް ޓޮކް
ޓިކް ޓޮކް
ކޮމެންޓް