ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެމީހުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅޭނެ އިންތިޒާމުތަކެއް ހަމަޖެއްސުމުގެ ގޮތުން ހާއްސަ ޕްރޮގްރާމެއް ވަރަށް އަވަހަށް ފައްޓަވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްއިން ރޭ ގެނެސްދިން "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރައްޔިތުންނާ ބައްދަލުކުރައްވައި ހުށަހަޅާ ކަންކަމަށް އަމަލީ ސިފައެއް ނާންނަކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ. އެ މަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ރައްޔިތުން އެކި ވަސީލަތްތަކުން ހުށަހަޅާ ކަންބޮޑުވުންތަކަށް ޖަވާބުދީ، އެކަންކަމަށް ހައްލު ހޯދައިދިނުމަށް ހާއްސަ ޓީމެއް ސަރުކާރުގެ ތެރެއިން ދަނީ ހަރަކާތްތެރިވަމުންނެވެ.

ރައީސް ވިދާޅުވީ، ސަރުކާރުގެ ތެރޭގައި އެކި ސަބަބުތަކާހުރެ ލަސްވެފައި ހުންނަ ކަންކަން ބަލައި، ހުށަހަޅާފައިވާ އެޕްލިކޭޝަންތަކަކީ ރަނގަޅަށް ބަލާފައިވާ ކަންކަންތޯ ކަށަވަރުކުރުމަށްފަހު އެ ފަރާތްތަކަށް ޖަވާބުދެމުން ގެންދަވާ ކަމަށެވެ. ރައްޔިތުން ހުށަހަޅާ ކަންކަމުގެ ތެރެއިން ހައްލެއް ނުލިބި ނުވަތަ ގޮތެއް ނުނިމި އެއްވެސް ކަމެއް ނޯންނާނެކަމުގެ ޔަގީންކަން ދެއްވަމުން ރައީސް ވިދާޅުވީ، ޖަވާބެއް ނުލިބި ލަސްވާނީ ހަމައެކަނި ފުލެޓް ފަދަ ބޮޑެތި މަޝްރޫއުތަކާ ގުޅުންހުރި ކަންކަމުގައި ކަމަށެވެ.

އަދި ވަގުތު ހުރިގޮތުން ހުރިހާ ބައްދަލުވުންތަކެއް ސީދާ އެ މަނިކުފާނަށް ނުބޭއްވުނު ކަމުގައިވިޔަސް، ވަޒީރުންގެ ފެންވަރުގެ ބޭފުޅުން މެދުވެރިކޮށް ރައްޔިތުންގެ ޝަކުވާތައް ވަރަށް ގާތުން ބައްލަވަމުން ގެންދަވާކަމަށް ވިދާޅުވިއެވެ.

އެ ފުރުސަތު އިތުރަށް ފުޅާކުރުމަށް ނިންމަވާފައިވާކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ، ކޮންމެ ހަފުތާއަކުވެސް އެއް ދުވަސް ނުވަތަ ދެ ދުވަސް ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ހާއްސަ ކުރައްވާނެ ކަމަށެވެ.

"އެކަމަށް އެދޭ ފަރާތްތަކަށް ވަގުތު އޮންނަ ވަރަކަށް އުސޫލުގެ ތެރެއިން ވަގުތު ދެވިގެންދާނެ. 93 ދާއިރާ ނިމޭނީ ލައްކަ ދުވަހުން. ކޮންމެ ދާއިރާއަކުން 10 ނުވަތަ 15 އާއިލާއަކާ ބައްދަލުވާކަމަށް ވަންޏާ، 15 ވަރަކަށް ގެއާ ބައްދަލުވަންޏާ ވަރަށް ގިނަ މީހުންނަށް ފުރުސަތު ލިބިގެންދާނެ،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައިވެސް ކައުންސިލްތަކުގެ އިތުރުން، އާންމު ރައްޔިތުންނާ ވަކިވަކިން ބައްދަލުކުރައްވައި ވާހަކަދެއްކެވުމަށް މިހާރަށްވުރެ އިތުރު ވަގުތު ހޭދަކުރެއްވުމަކީ އެމަނިކުފާނުގެ އަމާޒެއްކަމަށް ވިދާޅުވިއެވެ.