ރާއްޖެއިން ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ މިންވަރު ދެނެގަތުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމާއި، އެ މައުލޫމާތު ބަލަހައްޓާނެ ގޮތުގެ އުސޫލުތައް ބަޔާންކުރާ ގަވާއިދު އިއްޔެ އާންމުކޮށްފިއެވެ.

އެ ގަވާއިދަށް ދީފައިވާ ނަމަކީ "ރާއްޖެއިން ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ މިންވަރު ދެނެގަތުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމާ ގުޅޭ ގަވާއިދު" އެވެ. އެ ގަވާއިދަށް އިއްޔެއިން ފެށިގެންވަނީ އަމަލުކުރަން ފަށައިފައެވެ.

އެ ގަވާއިދަކީ، ކްލައިމެޓް އިމަޖެންސީ ގާނޫނުގެ 22 ވަނަ މާއްދާއާއި 25 ވަނަ މާއްދާގެ ދަށުން ބާރުލިބިގެން އެކުލަވައިލާފައިވާ ގަވާއިދެކެވެ.

އެ ގަވާއިދުގެ މައިގަނޑު މަގުސަދަކީ ރާއްޖެއިން ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ މިންވަރު މިންކޮށް، އެކަން ދަފުތަރުކޮށް ބެލެހެއްޓުމެވެ. އަދި ބައިނަލްއަގުވާމީ މޫސުމީ މުއާހަދާތަކުގެ ދަށުން ރާއްޖެއިން ހުށަހަޅަންޖެހޭ ރިޕޯޓުތައް ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތު ހޯދައި، އިދާރާތަކުގެ މެދުގައި އެ މައުލޫމާތު ހިއްސާކުރާނެ ނިޒާމެއް ގާއިމުކުރުމެވެ.

ގަވާއިދު ތަންފީޒުކުރުމުގެ ހުރިހާ ޒިންމާއެއް އުފުލާނީ އެންވަޔަރުމެންޓް މިނިސްޓްރީއިންނެވެ. ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން، ވިހަ ގޭހާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭންޖެހޭ "މަސްލަހަތުވެރިން" ގެ ގޮތުގައި ގިނަ އިދާރާތަކެއް ވަނީ ކަނޑައަޅާފައެވެ. އޭގެ ތެރޭގައި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ، މޯލްޑިވްސް ކަސްޓަމްސް ސާވިސް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، ސިވިލް އޭވިއޭޝަން އޮތޯރިޓީ، ޓޫރިސްޓް ރިޒޯޓްތަކާއި ފެސިލިޓީތައް، އަދި ސިނާއީ މަސައްކަތްކުރާ ފަރާތްތައް ހިމެނެއެވެ.

އެ ގަވާއިދުގެ ދަށުން ކޮންމެ މަސްލަހަތުވެރިޔަކުވެސް މައުލޫމާތު ހިއްސާކުރުމަށް "ފޯކަލް ޕޮއިންޓެއް" ކަނޑައަޅަންޖެހެއެވެ. އަދި ހިއްސާކުރާ މައުލޫމާތަކީ ސައްހަ މައުލޫމާތުކަން ކަށަވަރުކުރުމުގެ ނިޒާމެއް އެ އިދާރާއެއްގައި ގާއިމުކޮށްފައި އޮންނަންވާނެއެވެ.

މިނިސްޓްރީގެ ޒިންމާތަކުގެ ތެރޭގައި މައުލޫމާތު އެއްކުރުމުގެ ކަންކަން ވިލަރެސްކުރުމާއި، މައުލޫމާތުގެ ފެންވަރު ހިފެހެއްޓުމަށް އިރުޝާދު ދިނުމާއި، ސެކްޓޯރަލް ވޯކިން ގްރޫޕްތައް އެކުލަވައިލުން ހިމެނެއެވެ. މީގެ އިތުރުން، މަސްލަހަތުވެރިން ފޯރުކޮށްދޭ މައުލޫމާތުތަކުގެ ތެރެއިން ސިއްރުގެ ގޮތުގައި ކަނޑައަޅާ މައުލޫމާތުތައް ހިފެހެއްޓުމަށާއި، އެ މައުލޫމާތުތައް މަދުވެގެން ފަސް އަހަރު ދުވަހުގެ މުއްދަތަށް ރައްކާކޮށްފައި ބެހެއްޓުމަށްވެސް ގަވާއިދުގައި ވަނީ ލާޒިމުކޮށްފައެވެ.