ވޯލްޑް ކަޕް 2026 ގައި ގިނަ ބަދަލުތަކަކާއެކު ނުކުތް ނޯވޭ ބަލިކޮށް، ފްރާންސުން ގްރޫޕުގެ އެއްވަނަ ހޯދައިފިއެވެ.
ދުނިޔޭގެ ފުޓުބޯޅައިގެ އެންމެ ކާމިޔާބު އެއް ގައުމު ކަމަށްވާ ފްރާންސަކީ ހުނަރުވެރި ގިނަ ތަރިންތަކެއް ހިމެނޭ ވަރުގަދަ ޓީމެކެވެ. ފްރާންސުން ވަނީ ދެ ފަހަރެއްގެ މަތިން ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ. އެއީ 1998 ވަނަ އަހަރާއި 2018 ވަނަ އަހަރުއެވެ. މީގެ އިތުރުން 2006 އަދި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފައިނަލުގައި ވާދަކުރިއެވެ. ސަރަހައްދީ މުބާރާތްތަކަށް ބަލާއިރު، ޔޫރޯ ވެސް ފްރާންސުން ވަނީ ދެ ފަހަރު ކާމިޔާބުކޮށްފައެވެ. އެއީ 1984 އަދި 2000 ވަނަ އަހަރުއެވެ. އަދި 2021 ވަނަ އަހަރުގެ ޔޫއެފާ ނޭޝަންސް ލީގުގެ ޗެމްޕިއަންކަންވެސް ހޯދާފައިވަނީ ފްރާންސުންނެވެ. މިއާއެކު، ފްރާންސް ވެފައިވަނީ ފީފާ އަދި ޔޫރަޕްގެ ހުރިހާ ބޮޑެތި މުބާރާތްތަކެއް ކާމިޔާބުކޮށްފައިވާ މަދު ގައުމުތަކުގެ ތެރެއިން އެއް ގައުމަށެވެ.
މިފަހަރުގެ ވޯލްޑް ކަޕްގައި ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާ، އަދި ވާދަވެރިންނަށް އެންމެ ޗެލެންޖިން އެއް ޓީމަކަށް ވެގެންދާނީ ފްރާންސެވެ. ހާއްސަކޮށް ފްރާންސްގެ އެޓޭކިން ލައިނަކީ ގިނަ ތަރިންތަކެއް އެކުލެވޭ ޑިޕާޓްމަންޓަކަށްވުމުން، މިފަހަރު ފްރާންސްގެ ބެންޗު ވެސް ވެގެންދާނީ ތަރިންގެ މައްޗަށް އެކުލެވޭ ބެންޗަކަށެވެ. ދުނިޔޭގެ އެންމެ ނުރައްކާތެރި އެޓޭކިން ލައިނާއެކު ފްރާންސުން މިފަހަރު މަސައްކަތްކުރާނީ ގެއްލިގެންދިޔަ ވޯލްޑް ކަޕްގެ ތަށި އަލުން ހޯދުމަށެވެ.
ނޯވޭ ގައުމީ ފުޓުބޯޅަ ޓީމަކީ ޔޫރަޕްގެ ފުޓުބޯޅައިގައި ފާހަގަކޮށްލެވޭ ތާރީހެއް އޮތް ޓީމެކެވެ. މި ޓީމަކީ ދުނިޔޭގެ އެންމެ ވަރުގަދަ އެއް ބާރު ކަމަށްވާ ބްރެޒިލް އަތުން ދުވަހަކުވެސް ބަލިވެފައިނުވާ މަދު ޓީމުތަކުގެ ތެރެއިން އެއް ޓީމެވެ. ބްރެޒިލްއާ ދެކޮޅަށް ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ، އަނެއް ދެ މެޗުން ވަނީ އެއްވަރުވެފައެވެ.
ވޯލްޑް ކަޕްގައި ނޯވޭ އިން ވަނީ ތިން ފަހަރެއްގެ މަތިން ވާދަކޮށްފައެވެ. އެއީ 1938، 1994 އަދި 1998 ވަނަ އަހަރުއެވެ. މީގެ ތެރެއިން 1938 އަދި 1998 ވަނަ އަހަރުގެ މުބާރާތުގެ ގަދަ 16 އާ ހަމައަށް އެ ޓީމު ދަތުރުކުރިއެވެ. ސަރަހައްދީ މުބާރާތްތަކަށް ބަލާއިރު، ނޯވޭ އިން ޔޫރޯގައި ވާދަކޮށްފައިވަނީ އެންމެ ފަހަރަކުއެވެ. އެއީ 2000 ވަނަ އަހަރުގެ މުބާރާތުގައެވެ. އެ ފަހަރު އެ ޓީމު ކަޓާފައިވަނީ ގްރޫޕް ސްޓޭޖުންނެވެ.
ވޯލްޑް ކަޕް 2026 ގެ "ގްރޫޕު އައި" ގައި ފްރާންސާއި ނޯވޭ ބައްދަލުކުރާ މެޗު ބޮޑަށް ލޭބަލް ވެފައިވަނީ ކިލިއަން އެމްބާޕޭ އާއި އާލިން ހާލަންޑްގެ ކުރިމަތިލުމެއްގެ ގޮތުގައެވެ. އެ ދެ ކުޅުންތެރިން ވެސް، ކޮންމެ ކުޅުންތެރިޔަކު މި ވޯލްޑް ކަޕްގައި ވަނީ ހަތަރު ގޯލު ޖަހައިފައެވެ.
މި މެޗަށް ނުކުންނަ އިރު، ފްރާންސް އަދި ނޯވޭއަށް ވެސް ވަނީ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވެފައެވެ. ނަމަވެސް މި މެޗުން މޮޅުވާ ޓީމަކަށް ގްރޫޕުގެ އެއްވަނަ ކަށަވަރުވާނެއެވެ. ފްރާންސް އަދި ނޯވޭއަށް، ކޮންމެ ޓީމަކަށް ވެސް ލިބިފައިވަނީ ހަ ޕޮއިންޓެވެ. ފްރާންސް މިވަގުތު އެއްވަނައިގައި އޮތީ ގޯލުގެ ތަފާތުންނެވެ. ގްރޫޕުގައި ދެން ހިމެނޭ ސެނެގާލް އަދި އިރާގަށް އެއްވެސް ޕޮއިންޓެއް ލިބިފައިނުވާ އިރު، އެ ދެ ޓީމަށް ވަނީ މުބާރާތް ނިމިފައެވެ.
މިރޭގެ މެޗުގައި ފްރާންސްގެ ފުރަތަަމަ 11 އިން ބަދަލުތަކުގެ ގޮތުގައި ފާހަގަކޮށްލެވެނީ ބްރެޑްލީ ބާކޯލާގެ ބަދަލުގައި އަލުން ޑިޒައިރޭ ޑުއޭ އަށް ފުރުސަތު ދިނުމާއި، އެޑްރިއެން ރެބިއޯގެ ބަދަލުގައި އަލުން އޯރެލިއެން ޗުއަމެނީއަށް ފުރުސަތުދިނުމުގެ އިތުރުން ލޫކަސް ޑީންގެ ބަދަލުގައި އަލުން ތިއޯ ހެނާންޑޭޒަށް ފުރުސަތު ދިނުމެވެ. އޭގެ އިތުރުން ވިލިއަމް ސަލީބާގެ ބަދަލުގައި ޑިފެންސުން މިރޭ ފެނިގެންދިޔައީ މެކްސެން ލްކްރޮއި އެވެ.
މިރޭ ވެސް ފްރާންސުން ވަނީ ކިލިއަން އެމްބާޕޭ، އުސްމާން ޑެމްބެލޭ، މައިކަލް އޮލީސޭ ފަދަ ތަރިން ފުރަތަމަ 11 ގައި ހިމަނައިފައެވެ. ފްރާންސަށް މިރޭގެ މެޗުގައި އިރުޝާދުދީފައިވަނީ އެސިސްޓެންޓް ކޯޗު ގާއީ ސްޓެފަންއެވެ. އެއީ ފްރާންސްގެ ކޯޗު ޑިޑިއޭ ޑިޝޯމްގެ މަންމަގެ ޖަނާޒާއަށް އެނބުރި ފްރާންސަށް ގޮސްފައިވާތީއެވެ. ޑިޝޯމް ދެން ފްރާންސްގެ ބެންޗުން ފެންނާނީ ނޮކްއައުޓް ބުރުގައެވެ.
ނޯވޭ އިން މިރޭގެ މެޗަށް ނުކުތީ ދިހަ ބަދަލަކާއެކުއެވެ. އެގޮތުން ނޯވޭ އިން މިރޭގެ މެޗުގެ ފުރަތަމަ 11 ގައި އާލިން ހާލަންޑް، ކެޕްޓަން މާޓިން އޮޑެގާޑް، އެލެކްސެންޑާ ސޯލަތު އަދި އެންޓޯނިއޯ ނޫސާ ވެސް ހިމަނައިފައެއް ނުވެއެވެ. އެ ކުޅުންތެރިން ފެށީ ބެންޗުންނެވެ. ނަމަވެސް އޮސްކާ ބޮބްއަށް މިރޭގެ ފުރަތަމަ 11 އިން ވަނީ ފުރުސަތު ދީފައެވެ.
އެމެރިކާގެ ބޮސްޓަން ސްޓޭޑިއަމްގައި މިރޭ ކުޅުނު "ގްރޫޕު އައި" ގެ މެޗުގައި ނޯވޭގެ މައްޗަށް ފްރާންސުން ކުރި ހޯދީ 4-1 ގެ ނަތީޖާއަކުންނެވެ.
މެޗު ފެށިތާ މިނެޓެއް ނުވަނީސް ފްރާންސްގެ ވަރުގަދަ އެޓޭކާއެކު ނުރައްކަލެއް ފެނިގެންދިޔައެވެ. ނޯވޭއަށް ހެދުނު ގޯހަކުން ލިބުނު ބޯޅައެއް ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ފްރާންސް ކެޕްޓަން ކިލިއަން އެމްބާޕޭ ފޮނުވާލި އެ ހަމަލާ އަމާޒުވީ ނޯވޭ ގޯލުގެ ހުރަސް ދަނޑިއަށެވެ.
އޭގެ ތިން މިނެޓު ފަހުން ފްރާންސަށް އިތުރު ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން މަނޫ ކޯނޭ ފޮނުވާލި ހަމަލާ، ނޯވޭގެ ކީޕަރު އެގިލް ސެލްވިކް ވަނީ މަތަކޮށްފައެވެ.
މެޗުގެ ހަތްވަނަ މިނެޓުގައި ފްރާންސުން ވަނީ ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. އެމްބާޕޭ ދިން ރީތި ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ބާރު ހަމަލާއަކުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން ފްރާންސަށް އެ ގޯލު ކާމިޔާބުކޮށްދިނީ އުސްމާން ޑެމްބެލޭ އެވެ.
މެޗުގެ ދިހަވަނަ މިނެޓުގައި ނޯވޭއަށް ނަތީޖާ ހަމަހަމަކުރުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ނަމަވެސް ޕެނަލްޓީ އޭރިއާ ބޭރުން ޔޯގެން ސްޓްރޭންޑް ލާސަން ފޮނުވާލި ހަމަލާ، ފްރާންސްގެ ކީޕަރު މައިކް މިނިއޯ ވަނީ މަތަކޮށްފައެވެ. އޭގެ އިރުކޮޅެއް ފަހުން އެމްބާޕޭ ދިން ބޯޅައަކުން އޮލީސޭއަށް ފުރުސަތެއް ލިބުނު ނަމަވެސް، ޕެނަލްޓީ އޭރިއާ ތެރެއިން އޭނާ ފޮނުވާލި ހަމަލާ، ނޯވޭގެ ޑިފެންސުން ވަނީ ބްލޮކްކޮށްފައެވެ.
މެޗުގެ 14 ވަނަ މިނެޓުގައި ނޯވޭއަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ލާސަން ރީތިކޮށް ބޯޅަ ކޮންޓްރޯލުކުރި ނަމަވެސް، އޭނާ ފޮނުވާލި ހަމަލާ، ފްރާންސްގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ. އޭގެ ދެ މިނެޓު ފަހުން ޕެނަލްޓީ އޭރިއާ ތެރެއިން އެމްބާޕޭއަށް ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ހަމަލާ، ނޯވޭ ކީޕަރު ސެލްވިކް ވަނީ މަތަކޮށްފައެވެ.
މެޗުގެ 20 ވަނަ މިނެޓުގައި ހިތްގައިމު ގޯލަކާއެކު ޑެމްބެލޭ ވަނީ ފްރާންސަށް އިތުރު ގޯލެއް ކާމިޔާބުކޮށްދީ ލީޑު ފުޅާކޮށްދީފައެވެ. އެމްބާޕޭ ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ބޭރުން ޑެމްބެލޭ އަމާޒުކޮށްލީ ނޯވޭ ގޯޅުގެ ތިރީ ކަނަކަށެވެ.
އޭގެ މިނެޓެއް ތެރޭ ނޯވޭ އިން ވަނީ ގޯލެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ. އަންދްރޭސް ޝްޔެލްޑެރުޕް ދިން ބޯޅަ ކޮންޓްރޯލުކޮށްލުމަށްފަހު، ޕެނަލްޓީ އޭރިއާ ތެރެއިން ފްރާންސް ޑިފެންޑަރު އުޕަމެކާނޯ ކައިރިން ނައްޓާލުމަށްފަހު ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން ނޯވޭއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ތެލޯ އާސްގާޑް އެވެެ.
މެޗުގެ 32 ވަނަ މިނެޓުގައި ޑެމްބެލޭ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. އޭނާ އެ ގޯލު ކާމިޔާބުކުރީ ޗުއަމެނީ ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން ޖާގައެއް ހޯދާލުމަށްފަހު ނޯވޭ ގޯލުގެ ތިރީ ކަނަކަށް ބޯޅަ އަމާޒުކޮށްލައިގެންނެވެ. މިއީ ވޯލްޑް ކަޕްގައި ދެވަނައަށް އެންމެ އަވަސް ހެޓްރިކެވެ. ވޯލްޑް ކަޕްގައި އެންމެ އަވަސް ހެޓްރިކެއް ހެދީ 1954 ގައި އޮސްޓްރިއާގެ އެރިޗް ޕްރޮބްސްޓް އެވެ. ޗެކްސްލޮވާކިއާ ކޮޅަށް އޭނާ ހެޓްރިކް ފުރިހަމަކުރީ 24 މިނެޓުގެ ތެރޭގައެވެ. އަދި ޑެމްބެލޭ ހެދި މި ހެޓްރިކަކީ ވޯލްޑް ކަޕް 1994 އަށްފަހު ވޯލްޑް ކަޕް މެޗެއްގެ ފުރަތަމަ ހާފުގެ ތެރޭގައި ހެޓްރިކެއް ފެނުނު ފުރަތަމަ ފަހަރެވެ.
ފުރަތަމަ ހާފު ނިމެނިކޮށް ވެސް ފްރާންސަށް ލީޑު އިތުރަށް ފުޅާކޮށްލުމަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އެމްބާޕޭ ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން ކޯނޭ ފޮނުވާލުމުގެ ކުރިން ނޯވޭގެ ކީޕަރު ސެލްކިވް ކުރިއަށް ނުކުމެ ވަނީ ހޯދައިފައެވެ. އަދި އޭގެ ފަހުން ޕެނަލްޓީ އޭރިއާ ތެރެއިން އޮލީސޭ ފޮނުވާލި ހަމަލާ، ނޯވޭގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 3-1 ގެ ނަތީޖާއަކުން ފްރާންސް ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފު ފެށިތާ ތިން މިނެޓު ފަހުން، ޕެނަލްޓީ އޭރިއާ ތެރެއިން އޮސްކާ ބޮބްއަށް ފްރާންސް ޑިފެންޑަރު ތިއޯ ހެނާންޑޭޒް ކުރި ފައުލަކާ ގުޅިގެން ނޯވޭއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. ލާސަން ފޮނުވާލި އެ ޕެނަލްޓީ، ފްރާންސް ކީޕަރު މައިކް މިނިއޯ ވަނީ މަތަކޮށްފައެވެ.
ނޯވޭ އިން ދެވަނަ ހާފުގައި ރަނގަޅު ކުޅުމެއް ދައްކަމުން ދަނިކޮށް، މެޗުގެ 55 ވަނަ މިނެޓުގައި ފްރާންސްގެ ނުރައްކަލެއް ފެނިގެންދިޔައެވެ. އޮލީސޭ ދިން ބޯޅައަކުން އެމްބާޕޭ، ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާ ދިޔައީ ނޯވޭ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ.
މަސައްކަތްތަކަކަށްފަހު ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ފްރާންސުން ވަނީ އެޓީމުގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްފައެވެ. ބާކޯލާ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން ފްރާންސަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޑުއޭ އެވެ.
މި ނަތީޖާއާއެކު ނުވަ ޕޮއިންޓާއެކު ފްރާންސުން ވަނީ ގްރޫޕުގެ އެއްވަނަ ހޯދައިފައެވެ. ނޯވޭއަށް ހަ ޕޮއިންޓާއެކު ލިބިފައިވަނީ ދެވަނައެވެ. މި ގްރޫޕުގައި ކުޅުނު އަނެއް މެޗުގައި ސެނެގާލުން ވަނީ ބޮޑު ތަފާތަކުން އިރާގު އަތުން މޮޅުވެފައެވެ. އިރާގަށް މުބާރާތް ނިމިފައިވާ އިރު، ސެނެގާލަށް ދެވަނަ ބުރުގެ ހަނި ފުރުސަތެއް އޮންނާނެއެވެ. ނަމަވެސް ގްރޫޕު ސްޓޭޖުގެ މެޗުތައް ނިމެންދެން ސެނެގާލަށް އިންތިޒާރުކުރަން ޖެހޭނެއެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް