ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ބޭނުންކުރާ ކަނޑު އުޅަނދުފަހަރުގެ އޮޕަރޭޝަންތައް ޒަމާނީކޮށް، ހަރުދަނާކުރުމުގެ ގޮތުން "ހާބާ ޕޯޓަލް" ގެ ނަމުގައި ޑިޖިޓަލް ޕްލެޓްފޯމެއް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ތައާރަފުކޮށްފިއެވެ.

އެމްއޭސީއެލުން މިއަދު ބުނީ އެ ޕޯޓަލް ތައާރަފުކުރުމުގެ މަގުސަދަކީ އެއާޕޯޓުގެ ފަޅުތެރޭގައި އުޅަނދުފަހަރު ބޭއްވުމުގެ ހުއްދައަށް އެދުމާއި، ރަޖިސްޓްރީކުރުމުގެ ކަންކަން އެއް ފުރާޅެއްގެ ދަށުން ފަސޭހަކަމާއެކު ކުރިއަށް ގެންދިއުން ކަމަށެވެ. އަދި އުޅަނދުތަކުގެ ވެރިންނާއި އޮޕަރޭޓަރުންނާ ދެމެދު އޮންނަ މުއާމަލާތްތައް މިހާރަށްވުރެ ދެފުށް ފެންނަ، ހަރުދަނާ ނިޒާމެއްގެ ތެރެއަށް ފެއްތުމަކީވެސް އެ ޕޯޓަލް ތައާރަފުކުރުމުގެ މަގުސަދެއްކަމަށް އެމްއޭސީއެލުން ބުންޏެވެ.

އެ ޕޯޓަލް މެދުވެރިކޮށް ފަޅުތެރެ ބޭނުންކުރާ ހުރިހާ އުޅަނދެއްގެ ރެކޯޑުތައް ބެލެހެއްޓުމާއި، ދުވަހުން ދުވަހަށް ކުރިއަށްދާ އޮޕަރޭޝަންތައް މޮނިޓާކުރުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެކަމަށް އެމްއޭސީއެލުން ބުންޏެވެ.

ޕޯޓަލްގެ ހިދުމަތް ތައާރަފުކުރުމަށް ނިންމާފައިވަނީ އެކި މަރުހަލާތަކަށް ބަހާލައިގެންކަމަށް އެމްއޭސީއެލުން ބުންޏެވެ. މިހާރު ކުރިއަށްދާ ފުރަތަމަ މަރުހަލާގައި މައިގަނޑު ގޮތެއްގައި ކުރަމުންދަނީ އުޅަނދުތައް ރަޖިސްޓްރީކުރުމާއި، އެ ނިޒާމަށް އޮޕަރޭޓަރުން އަހުލުވެރިކުރުވުމުގެ މަސައްކަތްކަމަށް އެމްއޭސީއެލުން ބުންޏެވެ.

އެގޮތުން، އުޅަނދުތަކުގެ ވެރިންނަށް ބޭނުންވާ މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ބާއްވާފައިވާކަމަށް އެމްއޭސީއެލުން ބުންޏެވެ. އަދި ފަޅުވެރިންނަށް ދިމާވާ ދަތިތައް ދެނެގަނެ، ރަޖިސްޓްރީކުރުމުގެ ކަންކަމުގައި އެހީތެރިވުމަށް އެ ކުންފުނީގެ ޓީމުތަކުން ދަނީ ސީދާ މުއާމަލާތް ކުރަމުންކަމަށް އެމްއޭސީއެލުން ބުންޏެވެ.

އުޅަނދުފަހަރުގެ ވެރިންނަށް ރަޖިސްޓްރީ ކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން، އެ މަރުހަލާ އަންނަ މަހުގެ ނިޔަލަށް ކުރިއަށްދާނެކަމަށް އެމްއޭސީއެލުން ބުންޏެވެ. އެ މަރުހަލާ ނިމި، ޕޯޓަލް ފުރިހަމައަށް އަމަލީ ގޮތުން ބޭނުންކުރަން ފެށުމުން، އެއާޕޯޓުގެ ފަޅު ބޭނުންކުރާ ކޮންމެ އުޅަނދަކީ ޕޯޓަލްގައި ރަޖިސްޓްރީވެ، ހުއްދަ ހޯދާފައިވާ އުޅަނދަކަށް ވާންޖެހޭނެކަމަށް އެމްއޭސީއެލުން ބުންޏެވެ.