ވޯލްޑް ކަޕް 2026 ގައި ސްޕެއިނުން އުރުގުއާއީ ކަޓުވާލައި، "ގްރޫޕު އެޗް" ގެ އެއްވަނައިގެ ގޮތުގައި ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.
ސްޕެއިން ގައުމީ ފުޓުބޯޅަ ޓީމަކީ ދުނިޔޭގެ ފުޓުބޯޅައިގެ ތާރީހުގައި ފާހަގަކޮށްލެވޭ އެންމެ ކާމިޔާބު އަދި އެންމެ މަގުބޫލު އެއް ޓީމެވެ. މި ޓީމުން ވަނީ 2010 ވަނަ އަހަރު ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށް، ފުރަތަމަ ފަހަރަށް ދުނިޔޭގެ ޗެމްޕިއަންކަން ހޯދައިފައެވެ. ޔޫރަޕްގެ ޗެމްޕިއަނުންގެ ގޮތުގައި ނުކުތް ސްޕެއިން ފުރަތަމަ މެޗުގައި ސްވިޒަލެންޑް އަތުން ބަލިވި ނަމަވެސް، ގްރޫޕު ސްޓޭޖު ނިންމާލީ އެއްވަނަ ހޯދައިގެންނެވެ. ސެމީ ފައިނަލުގައި ޖަރުމަން ބަލިކޮށް ފައިނަލުން ޖާގަ ހޯދި ސްޕެއިނުން ޗެމްޕިއަންކަން ހޯދީ އިތުރު ވަގުތުގައި ނެދަލެންޑްސް ބަލިކޮށްގެންނެވެ.
ސަރަހައްދީ މުބާރާތްތަކަށް ބަލާއިރު، ސްޕެއިނަކީ ޔޫރޯގެ އެންމެ ކާމިޔާބު ގައުމެވެ. އެ ޓީމުން ވަނީ ރެކޯޑު އަދަދަކަށް، ޖުމްލަ ހަތަރު ފަހަރު މި މުބާރާތުގެ ތަށި އުފުލާލައިފައެވެ. އެއީ 1964، 2008، 2012 އަދި އެންމެ ފަހުން 2024 ގައެވެ. ޖަރުމަނުގައި ކުޅުނު 2024 ވަނަ އަހަރުގެ ޔޫރޯގެ ފައިނަލުގައި 2-1 ގެ ނަތީޖާއަކުން އިންގްލެންޑް ބަލިކުރުމަށްފަހު، ސްޕެއިނުން ވަނީ ޔޫރަޕުގެ ފުޓުބޯޅައިގައި އެ ޓީމުގެ ބާރުވެރިކަން އަލުން ސާބިތުކޮށްދީފައެވެ. މީގެ އިތުރުން، 2023 ވަނަ އަހަރުގެ ޔޫއެފާ ނޭޝަންސް ލީގު ކާމިޔާބުކުރުމާއެކު، ސްޕެއިން ވެފައިވަނީ ބައިނަލްއަގުވާމީ ބޮޑު ތިން މުބާރާތް ކާމިޔާބުކުރި މަދު ގައުމުތަކުގެ ތެރެއިން އެއް ގައުމަށެވެ. އެ ކާމިޔާބީތަކާއެކު ސްޕެއިނުން މިފަހަރުގެ ވޯލްޑް ކަޕަށް ނުކުތީ ޒުވާން ސްކޮޑަކާއެކު ފޭވަރިޓެއްގެ ގޮތުގައެވެ.
އުރުގުއާއީ ޓީމަކީ ދުނިޔޭގެ ފުޓުބޯޅައިގެ ތާރީހުގައި ފާހަގަކޮށްލެވޭ އެންމެ ކާމިޔާބު އެއް ޓީމެވެ. މިއީ ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި އެންމެ އާބާދީ ކުޑަ ގައުމެވެ. އެގޮތުން، 1930 ވަނަ އަހަރު ބޭއްވި ފުރަތަމަ ވޯލްޑް ކަޕް އަމިއްލަ ގައުމުގައި ކާމިޔާބުކުރުމަށްފަހު، 1950 ވަނަ އަހަރު ބްރެޒިލް ބަލިކޮށް ދެވަނަ ފަހަރަށް އެ މުބާރާތުގެ ތަށި އުރުގުއާއީން ވަނީ އުފުލާލައިފައެވެ.
ދުނިޔޭގެ ފެންވަރުގެ ކާމިޔާބީތަކުގެ އިތުރުން، ސަރަހައްދީ މުބާރާތްތަކުގައިވެސް އުރުގުއާއީއިން ވަނީ ތާރީހީ ރެކޯޑުތަކެއް ހަދައިފައެވެ. ދެކުނު އެމެރިކާ ބައްރުގެ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ ކޮޕާ އެމެރިކާ 15 ފަހަރު ކާމިޔާބުކޮށް، އެ މުބާރާތުގެ ތާރީހުގައި އެންމެ ކާމިޔާބު އެއް ގައުމުގެ މަގާމު އެ ޓީމުން ވަނީ ހޯދައިފައެވެ.
ވޯލްޑް ކަޕް 2026 ގެ "ގްރޫޕު އެޗް" ގައި ސްޕެއިނާއި އުރުގުއާއީ ނުކުންނަ އިރު، މި މެޗު އެންމެ މުހިންމުވާނީ އުރުގުއާއީއަށެވެ. އުރުގުއާއީ އިން ސައުދީ އަރަބިއްޔާ އަދި އަލަށް ވާދަކުރާ ކޭޕް ވޭޑް އަތުން ވެސް ވަނީ އެއްވަރުވެފައެވެ. އެހެންކަމުން ދެވަނަ ބުރުން ޖާގައެއް ކަށަވަރުކުރުމަށް މޮޅެއް ހޯދުން ނޫން ގޮތެއް އުރުގުއާއީއަކަށް ނެތެވެ. ސްޕެއިނަށް މެޗު އެއްވަރުކޮށްލައިގެން ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކުރެވެން އޮތް ނަމަވެސް، ގްރޫޕު އެއްވަނަ ހޯދަން ބޭނުންވާނަމަ މެޗުން މޮޅެއް ހޯދުން މަޖުބޫރެވެ.
މިވަގުތު ގްރޫޕުގެ އެއްވަނައިގައި ސްޕެއިން އޮތީ ހަތަރު ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް އުރުގުއާއީ އަދި ކޭޕް ވާޑްއަށް، ކޮންމެ ޓީމަކަށް ލިބިފައިވަނީ ދެ ޕޮއިންޓެވެ. އަދި ސައުދީއަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. ކޮންމެ ޓީމަކަށް ވެސް ދެވަނަ ބުރުގެ ޖާގައެއް ހޯދުމުގެ ފުރުސަތު އަދި އެބައޮތެވެ. ކޭޕް ވާޑުން ސައުދީ ބަލިކޮށްފި ނަމަ، އެ ކާމިޔާބީ ވެގެންދާނީ އެގައުމުގެ ފުރަތަމަ ވޯލްޑް ކަޕުން ލިބިގެންދާނެ ބޮޑު ޝަރަފެކެވެ.
މިއަދުގެ މެޗަށް ސްޕެއިންގެ ފުރަތަމަ 11 އިން ވަނީ މިކެލް މެރީނޯއަށް ފުރުސަތު ދީފައެވެ. ދެން ފެނިގެންދިޔައީ ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ 11 އިން ފެނުނު ކުޅުންތެރިންނެވެ. އެންމެ ކުރިން ސްޕެއިންގެ ތަރި ލަމީން ޔަމާލާއި މިކެލް އޮޔާޒަބާލް އަދި އެލެކްސް ބައޭނާ ފާހަގަކޮށްލެވުނެވެ. މެދުތެރެއިން ޕެޑްރީ އާއި ކެޕްޓަން ރޮޑްރީ ފާހަގަކޮށްލެވުނު އިރު، ޑިފެންސުން މާކޮސް ލޮރެންޓޭ އާއި ޕައު ކުބާސީ އާއި އައިމެރިކް ލަޕޯޓް އަދި މާކް ކުކުރެޔާ ފާހަގަކޮށްލެވުނެވެ. ކީޕަރެއްގެ ގޮތުގައި މި މެޗުގައި ވެސް ފެނިގެންދިޔައީ އުނައި ސިމޮންއެވެ.
އުރުގުއާއީގެ ފުރަތަމަ 11 އިން އެންމެ ފާހަގަކޮށްލެވޭ ބަދަލަކީ ކޭޕް ވާޑްއާ ދެކޮޅަށް ކުޅުނު މެޗުގައި ބެންޗުން ފެށި ޑާވިން ނުނޭޒްއަށް މި މެޗުގައި ފުރުސަތު ދިނުމެވެ. އޭގެ އިތުރުން އެޓީމުގެ ފުރަތަމަ 11 ގައި އަގުސްޓިން ކަކޯބިއޯ، މެކްސިމިލިއާނޯ އަރައުހޯ، ރޮޑްރިގޯ ބެންޓަކޫރް، މެނުއަލް އުގާޓޭ އަދި ކެޕްޓަން ފެޑެރީކޯ ވަލްވާޑޭ ފާހަގަކޮށްލެވެއެވެ.
މެކްސިކޯގެ އެސްޓާޑިއޯ ގުއަޑަލަހަރާގައި މިއަދު ކުޅުނު "ގްރޫޕު އެޗް" ގެ މެޗުގައި ސްޕެއިނުން އުރުގުއާއީގެ މައްޗަށް ކުރި ހޯދީ 1-0 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ކުރީކޮޅުގައި ސްޕެއިނުން ވަރަށް ބޮޑަށް ކުރިއަށް ޖެހި، ބޯޅަ ހިފަހައްޓައިގެން ކުޅެ، ފުރުސަތުތައް ތަނަވަސްކުރުމަށް މަސައްކަތްކުރިއެވެ. ނަމަވެސް އުރުގުއާއީ އިން ވަރަށް ބޮޑަށް ފަހަތަށް ފައިބައިގެން ޑިފެންސިވް ކުޅުމެއް ކުޅެމުން ދިއުމުން އުނދަގޫތައް ކުރިމަތިވިއެވެ. އުރުގުއާއީ އިން ކައުންޓާ އެޓޭކުތަކުގައި ފެނިގެންދިޔައީ ނުރައްކާކޮށެވެ.
ސްޕެއިންގެ ހުރަސްތަކުގެ ނުރައްކާ ފާހަގަކޮށްލެވުނު އިރު، މެޗުގެ 22 ވަނަ މިނެޓުގައި މާކޯސް ލޮރެންޓޭ ނެގި ހުރަހެއް ފާހަގަކޮށްލެވުނެވެ. އޭނާ ނެގި އެ ބޯޅަ، އުރުގުއާއީގެ ޕެނަލްޓީ އޭރިއާ ތެރެއިން މިކެލް މެރީނޯއަށް ރަނގަޅަށް ފޮނުވާލެވިފައެއް ނުވެއެވެ.
މެޗުގެ 28 ވަނަ މިނެޓުގައި ސްޕެއިން އަތުން ގެއްލުނު ބޯޅައަކުން އުރުގުއާއީއަށް ފުރުސަތެއް ލިބިގެންދިޔައެވެ. ބޯޅަ ހިފައިގެން ހުސްކޮށް ޕެނަލްޓީ އޭރިއާ ތެރެއަށް ޑާވިން ނުނޭޒް ވަން ނަމަވެސް، އޭނާ ޖައްސާލި ބޯޅަ، އުރުގުއާއީގެ ކުޅުންތެރިޔަކަށް ލިބޭ ގޮތެއް ނުވިއެވެ. އޭގެ ހަތް މިނެޓު ފަހުން ޕެނަލްޓީ އޭރިއާ ބޭރުން ބެންޓަންކޫރް ފޮނުވާލި ބާރު ހަމަލާ، ސްޕެއިންގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.
މެޗުގެ 42 ވަނަ މިނެޓުގައި ސްޕެއިނުން ވަނީ ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. މާކޯސް ލޮރެންޓޭ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ބައޭނާ ފޮނުވާލި ހަމަލާ، ގޯލުގެ ތެރެއަށް ވަދެފައިވަނީ އުރުގުއާއީގެ ކީޕަރު ފެނާންޑޯ މުސްލޭރާ އަތުގައި ޖެހިފައެވެ.
ފުރަތަމަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި އުރުގުއާއީގެ ނުރައްކަލެއް ފެނިގެންދިޔައެވެ. ވަލްވާޑޭ ނަގައިދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން ދިފާއުކުރަން އުޅުމުގެ ތެރޭގައި ލަޕޯޓް ފައިގައި ޖެހި ބައިކޮޅަށް ވަންނަން ދަނިކޮށް، ސްޕެއިންގެ ކީޕަރު ސިމޮން ވަނީ ދިފާއުކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ސްޕެއިން ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފަށް އުރުގުއާއީ އިން ނުކުތީ ބަދަލަކާއެކުއެވެ. ތަޖުރިބާކާރު ގޯލްކީޕަރު މުސްލޭރާގެ ބަދަލުގައި ދެވަނަ ހާފަށް ކުޅެން ނުކުމެފައިވަނީ ސާޖިއޯ ރޮޗެޓްއެވެ.
ފިޒިކަލް ކުޅުމެއް ދައްކަމުންދިޔަ އުރުގުއާއީ އިން ދެވަނަ ހާފުގެ ކުރީކޮޅުގައި އެޓޭކުކޮށް، ނުރައްކާކުރުމަށް މަސައްކަތްކުރިއެވެ. ނަމަވެސް ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތައް ތަނަވަސްކުރުމަށް އުރުގުއާއީއަށް ގިނަ އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނެވެ.
މެޗުގެ 63 ވަނަ މިނެޓުގައި ލީޑު ފުޅާކޮށްލުމަށް ސްޕެއިނަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ޔަމާލް ދިން ބޯޅައކަުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ، ޑެނީ އޮލްމޯ ފޮނުވާލި ހަމަލާ އުރުގުއާއީގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ. އެ ބޯޅަ އޮލްމޯއަށް ރަނގަޅަށް ފޮނުވާލެވިފައެއް ނުވެއެވެ.
މެޗުގެ 82 ވަނަ މިނެޓުގައި އުރުގުއާއީގެ ނުރައްކަލެއް ފެނިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރޭ އަރިމަތިން މެތިއަށް އޮލިވޭރާ ފޮނުވާލި ބޯޅަ، ސްޕެއިންގެ ކީޕަރު ސިމޮން ވަނީ މަތަކޮށްފައެވެ. އެ ބޯޅައިގައި މާބޮޑު ބާރެއް ނެތް ނަމަވެސް، ސިމޮން ހުރީ ތަންކޮޅެއް ކުރިއަށް ނުކުމެއެވެ. އޭގެ ފަހުން ޑެ ލާ ކްރޫޒް ދުރުން ފޮނުވާލި ހަމަލާއެއް ވެސް ސްޕެއިން ކީޕަރު ސިމޮން ވަނީ މަތަކޮށްފައެވެ.
މެޗުގެ 86 ވަނަ މިނެޓުގައި ސްޕެއިނަށް ލީޑު ފުޅާކޮށްލުމަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ފަބިއަން ރުއިޒް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ފެރާން ޓޮރޭސް ފޮނުވާލި ހަމަލާ އަމާޒުވީ އުރުގުއާއީ ގޯލުގެ ހުރަސް ދަނޑިއަށެވެ.
ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި މެޗު ހޫނުވެ، ރަތް ކާޑެއް ވެސް ފެނިގެންދިޔައެވެ. ޕައު ކުބާސީއަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ރަތް ކާޑު ދައްކާފައިވަނީ އުރުގުއާއީގެ އަގުސްޓިން ކެނޯބިއޯ އަށެވެ.
މި ނަތީޖާއާއެކު ސްޕެއިނަށް ހަތް ޕޮއިންޓާއެކު ގްރޫޕުގެ އެއްވަނަ ވަނީ ލިބިފައެވެ. ސައުދީ އަތުން ހޯދި ޕޮއިންޓާއެކު ދެވަނައިގެ ގޮތުގައި ދެވަނަ ބުރުން ޖާގައެއް ހޯދީ އަލަށް ވޯލްޑް ކަޕްގައި ވާދަކުރާ ކޭޕް ވާޑްއެވެ. އެޓީމުން ވަނީ ތިން ޕޮއިންޓު ހޯދައިފައެވެ. ތިންވަނައިގައި އޮތް އުރުގުއާއީއަށް ދެ ޕޮއިންޓު ލިބިފައިވާ އިރު، ފުލުގައި ނިންމާލީ އެންމެ ޕޮއިންޓާއެކު ސައުދީ އަރަބިއްޔާއެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް