މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކްތައް ރޫޅާލުމާއި، ކުށްވެރިން ޖަވާބުދާރީކުރުން މިހާރު ހަރުދަނާކުރެވިފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މަސްތުވާތަކެތީގެ ބޭނުންކުރުމާއި، އޭގެ ވިޔަފާރިއާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރާ ދުވަހާ ގުޅިގެން ރައީސް މިރޭ ފޮނުއްވި މެސެޖެއްގައި ވިދާޅުވީ މަސްތުވާތަކެއްޗަކީ މުޅި މުޖުތަމައުގެ ބަދަހިކަމަށް އަސަރުކުރުވާ، އިޖުތިމާއީ، އިގްތިސޯދީ، އަހުލާގީ އަދި ގައުމީ ސަލާމަތަށް ހުރި ގޮންޖެހުމެއް ކަމަށެވެ.

ރައީސް ވިދާޅުވީ މިއަހަރުގެ ޝިއާރުކަމުގައިވާ "ވޯލްޑް ޑްރަގް ޕްރޮބްލަމް: ޕާސިސްޓިންގް އިޝޫސް، ނިއު ޗެލަންޖާޒް، އިނޮވޭޓިވް ރެސްޕޯންސަސް" ނުވަތަ "ދުނިޔޭގެ މަސްތުވާތަކެތީގެ މައްސަލަ: ދެމިއޮތް ކަންބޮޑުވުންތައް، އާ ގޮންޖެހުންތައް، އާ އީޖާދީ ހައްލުތައް" ޝިއާރުގެ ދަށުން، މަސައްކަތް ކުރުމަށް، ރާއްޖެ އޮތީ ބައިނަލްއަގުވާމީ މުޖުތަމައާއެކު ކަމަށެވެ.

މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ހޯދުމަކީ ގައުމުގެ މުސްތަގުބަލާއި، ޒުވާނުން ރައްކާތެރިކުރުމަށާއި، ހިމާޔަތްކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ ބޭނުންކުރާ މީހުންނަށް ފަރުވާދިނުމާއި، އަލުން މުޖުތަމައަށް ނެރުމުގެ ހިދުމަތްތައް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވީ، މިއަހަރުގެ ފަހުކޮޅު މުޅިން އަލަށް، ވަށާޖެހޭ ފުރިހަމަ ހިދުމަތްދެވޭނެ ތިން ރިހެބިލިޓޭޝަން ސެންޓަރު ހުޅުވުމަށް ރޭވިފައިވާ ކަމަށެވެ.

އަދި، މިފަހުން ގެނައި ގާނޫނީ އިސްލާހުތަކުގެ ސަބަބުން، ކަމާގުޅުންހުރި މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން ވަރުގަދަވެ، އިޖުރާއީ ހާމަކަން އިތުރުވެ، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކްތައް ރޫޅާލުމާއި ކުށްވެރިން ޖަވާބުދާރީކުރުމަށް ކުރެވޭ މަސައްކަތްތައް ހަރުދަނާވެފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

އަލަށް އުފެދެމުންދާ ނުރައްކާތަކާއި، އާ ސައިކޯއެކްޓިވް މާއްދާތަކާއި، ބަދަލުވަމުންދާ މަސްތުވާތަކެތީގެ ވިޔަފާރީގެ އުކުޅުތަކާ ދެކޮޅަށް މަސައްކަތް ކުރުމުގައި، ސަރަހައްދީ އަދި ބައިނަލްއަގުވާމީ ބައިވެރިންނާއެކު ރާއްޖެއިން އޮންނަ ގުޅުން ދަމަހައްޓާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މަސްތުވާތަކެތިން ސަލާމަތްވެފައިވާ ގައުމެއް ބިނާކުރުމަށްޓަކައި އާއިލާތަކާއި، މުޖުތަމައުތަކާއި، މަދަނީ ޖަމިއްޔާތައް، ޕްރައިވެޓް ސެކްޓާ ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލާކަމަށް ރައީސް ވިދާޅުވިއެވެ.

އަދި، އެކަކު އަނެކަކަށް އަޅާލުމާއި، އޯގާތެރިވުމުގެ އިތުރުން، ފުރުސަތުތައް ފަހިކޮށްދީގެން، އަމިއްލަ ނަފްސަށް ފައިދާހުރި ގޮތްތައް އިހުތިޔާރުކުރުމަށް ފަރުދުންނަށް ބާރުވެރިކަންދީ، މިއަށްވުރެ ވަރުގަދަ އަދި ކަންކަމާ ކުރިމަތިލެވޭ ފަދަ ގައުމެއް ބިނާކުރެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވަނީ މަސްތުވާތަކެތީގެ ބޭނުންކުރުމާއި އޭގެ ވިޔަފާރިއާ ދެކޮޅަށް، މިހާރަށްވުރެ ވަރުގަދައަށް ފިޔަވަޅުއެޅުމަށް، ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލާފައެވެ.