ވޯލްޑް ކަޕް 2026 ގެ ގްރޫޕް އައިގައި ސެނެގާލުން ކުޅުނު ފަހު މެޗުގައި ބޮޑު ތަފާތަކުން އިރާގު ބަލިކޮށްފިއެވެ.

ކެނެޑާގެ ޓޮރޮންޓޯގައި ކުޅުނު މެޗުގައި ސެނެގާލުން އިރާގް ބަލިކުރީ 5-0 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ސެނެގާލަށް ވަނީ ތިންވަނަ ޓީމުތަކުގެ ތެރޭގައި ހިމެނިގެން އަނެއް ބުރަށް ދާން އުންމީދެއް ލިބިފައެވެ.

ގްރޫޕް އައިގެ އެއްވަނަ ފްރާންސް ހޯދީ ތިން މެޗުން ނުވަ ޕޮއިންޓާއެކުގައެވެ. ދެވަނައިގައި ތިން މެޗުން ހަ ޕޮއިންޓާއެކު ނޯވޭ އޮތް އިރު، ސެނެގާލް ތިންވަނައިގައި އޮތީ ތިން ޕޮއިންޓާއެކު ފައިދާ ދެ ގޯލާއެކުގައެވެ. އިރާގުން ނިންމާލީ މޮޅެއް އަދި ޕޮއިންޓެއްވެސް ނުލިބިއެވެ.

މިވަގުތު އެންމެ ނަތީޖާ ރަނގަޅު ތިންވަނަ ޓީމުތަކަށް ބަލާ އިރު، ސެނެގާލް އޮތީ ފަސްވަނައިގައެވެ. އޭގެ ކުރިއަށް އޮތް ހަތަރު ގައުމަކީވެސް ހަތަރު ޕޮއިންޓާއެކު އޮތް ގައުމުތަކެވެ.

މިރޭގެ މެޗަށް ނުކުތްއިރު ދެޓީމުންވެސް އޮތީ ފްރާންސް އަދި ނޯވޭ ކައިރިން ބަލިވެފައެވެ. ސެނެގާލުން ކުޅުނު ފުރަތަމަ މެޗުގައިު 3-1 އިން ވަރުގަދަ ފްރާންސް ކައިރިން ބަލިވި އިރު، ދެން އެޓީމުން ކުޅުނު މެޗުގައި ނޯވޭ ކައިރިން ބަލިވީ 3-2 އިންނެވެ.

އިރާގުން ދުވަސް ގަނޑަކަށްފަހު ވޯލްޑް ކަޕްގައި ކުޅެމުންދާ އިރު، އެޓީމުން ވަނީ ފުރަތަމަ ކުޅުނު މެޗުގައި ނޯވޭ ކައިރިން 4-1 އިން އަދި ފްރާންސާ ދެކޮޅަށް ކުޅުނު މެޗުގައި 3-0 އިން ބަލިވެފައެވެ.

އެ ނަތީޖާތަކާއެކު މިރޭ ފަހު މެޗުތަކަށް ނުކުތްއިރުވެސް ގްރޫޕް އައިގެ ގަދަ ދެޓީމު އޮތީ ޔަގީންވެފައެވެ. އެއްވަނަ ޔަގީންވީ ފްރާންސާއި ނޯވޭގެ މެޗުންނެވެ. އެމެޗުން ފްރާންސް މޮޅުވުމާއެކު އެއްވަނަ ލިބުނީ އެޓީމަށެވެ. ދެވަނައިގައި ގަދަ 32އަށް ދިޔައީ ނޯވޭއެވެ.

އިރާގާއި ސެނެގާލް މިރޭގެ މެޗަށް ނުކުތް އިރު، މެޗުން މޮޅުވެ، ފައިދާ ގޯލްގެ ފަރަގުވެސް ބޮޑުކޮށް، ގަދަ ތިންވަނަ ޓީމުތަކުގައި ހިމެނިގެން އަނެއް ބުރަށް ދެވޭތޯ ފުރުސަތެއް ހޯދެން އޮތެވެ. ދެޓީމު އެ ފުރުސަތަށް މަސައްކަތް ކުރި ނަމަވެސް، އެއީ ހަނި ފުރުސަތެކެވެ. އެއީ އެންމެ ނަތީޖާ ރަނގަޅު ތިން ވަނަ ޓީމުތަކުގެ ތެރޭގައި ހަތަރު ޕޮއިންޓް ހޮދާފައިވާ ޓީމުތައްވެސް ހުރުމާއެކުގައެވެ. އެހެން ނަމަވެސް ތިން ޕޮއިންޓާއެކުވެސް އިންތިޒާރު ކުރެވެން އޮތުމުން ދެޓީމު ނުކުތީ އެ މަސައްކަތަށެވެ.

ސެނެގާލްގެ ފުރަތަމަ ކީޕަރު އެޑުއާޑް މެންޑީއަށް އަނިޔާވެ، އޭނާގެ ބަދަލުގައި ގޯލަށް ނުކުތީ މޯރީ ޑިއާއޫއެވެ. އޭގެ އިތުރުން ކަލިދޫ ކުލިބާލީއާއި ނިކޮލަސް ޖެކްސަންވެސް ފުރަތަމަ 11 އިން ނުފެނެއެވެ. އޭގެ އިތުރުން ޕަޕޭ ގޭވެސް ފުރަތަމަ 11 ގައި ހިމަނާފައި ނުވާ އިރު، ބަދަލުގައި ހަބީބް ޑިއާރާއާއި އަބްދުލާއީ ސެކް އަދި އިސްމައިލާ ސާވެސް ފުރަތަމަ 11 އިން ފެނިގެން ގޮސްފައިވެއެވެ.

އަނެއްކޮޅުން އިރާގުން އައިމަން ހުސައިން، ހުސައިން އަލީ އަލް ސައީދީ އަދި ޔޫސުފް އަމީނާއި ޒައިދު ތަހްސީންގެ ބަދަލުގައި ފުރަތަމަ 11 އަށް ނެރުނީ ރެބިން ސުލާކާއާއި ފްރާންސް ޕުޓްރޯސް، އަލީ ޖާޒިމް އަދި އަލީ އަލް ހަމާދީއެވެ.

މެޗު ފެށިގެން ކުޑައިރުކޮޅެއްގެ ތެރޭގައި ސެނެގާލް ލީޑު ނެގިއެވެ. ހަބީބް ޑިއާރާ ގޯލް ޖަހައިދިނީ އަރިމަތިން ނަގައިދިން ބޯޅައަށް އޭރިއާ ތެރެއިން ސެކް ނަގައިދިން ބޯޅަ، ޑިއާރާ ބޮލުން ގޯލަށް ވައްދާލި އިރު، އިރާގްގެ ފަހަތުން ފެނުނީ ވަރަށް ބޮޑަށް މަޑުޖެހިފައި ތިބިތަނެވެ.

މެޗުގެ ހާލަތު އިރާގަށް އިތުރަށް ގޯސްވީ، 10 ވަނަ މިނެޓުގައި ޑިފެންޑަރު ރެބިން ސުލާކާއަށް ދެއްކި ރަތް ކާޑާއެކުގައެވެ. ސަޑިއޯ މާނޭ ފަހަތުން ނައްޓާލުމުން އޭނާ ފައުލްކޮށް ހުއްޓުވާފައިވާ އިރު، ރެފްރީ ފުރަތަމަ ދެއްކީ ރީނދޫ ކާޑެކެވެ. އެހެން ނަމަވެސް ފަހުން ވީއޭއާރް ބަލައި، ރެފްރީ އެ ކާޑު ރަތް ކާޑަކަށް ބަދަލުކުރީ ގޯލް ޖަހަން ލިބުނު ފުރުސަތަކަށް ފައުލްކޮށް ހުއްޓުވި ކަމަށް ނިންމައިގެންނެވެ.

އެ ރަތް ކާޑާއެކުވެސް އިރާގުން ވަނީ ފުރަތަމަ ހާފުގައި ސެނެގާލް ހިފަހައްޓަން ރަނގަޅު ކުޅުމެއް ކުޅެފައެވެ. ހާއްސަކޮށް ޑިފެންސިވްލީ އެޓީމު ފެނުނީ ރަނގަޅަށް އޮގަނައިޒްކޮށް ކުޅުނު ތަނެވެ. މާނޭގެ ނުރައްކާ ދެފަހަރަކަށް ފެނުނު ނަމަވެސް ސެނެގާލަށްވެސް މާބޮޑުވަރެއް ކުރެވިފައެއް ނުވެއެވެ.

ދެވަނަ ހާފަށް ސެނެގާލް ނުކުތީ އެ ގޯލުން ނުފުދޭނެކަން ދަނެގެންނެވެ. އެ މަންޒަރު އެޓީމުގެ ކުޅުމުން ފެނިގެންވެސް ދިޔައެވެ. ކުރީކޮޅުގައިވެސް އެޓޭކަށް ޖެހި، ނުރައްކާ ކުރަން ފެށިއެވެ. އެމްބާޔޭއާއި ތަނަވަސްކުރި ފުރުސަތެއްގައި މާނޭއަށް ތަނަވަސްކޮށްދިން ބޯޅަ އޭނާއަށް ރަނގަޅަށް ފޮނުވާލެވިފައިވާ އިރު، އޭރިއާ ތެރެއިން ސާ ފޮނުވާލި ހަމަލާ މަތަކުރީ އިރާގުގެ ކީޕަރު ހަސަނެވެ.

އެ ހަމަލާތަކުގެ ތެރެއިން ސެނެގާލަށް ދެވަނަ ގޯލް ޖަހައިދިނީ ސާއެވެ. މެޗުގެ 56 ވަނަ މިނެޓުގައި އެ ގޯލް ޖަހައިދިނީ ސާއެވެ. އިރާގުގެ މެދުތެރެއިން ޒިދާން އިގްބާލް އަތުން ގެއްލުނު ބޯޅަައިގައި އޭރިއާ ތެރެއިން ކަމާރާ ނަގައިދިން ބޯޅަ ސާ ގޯލަށް ވައްދާލީ މަޑުމަޑުން ޖައްސާލައިގެންނެވެ.

ދެވަނަ ގޯލަކާއެކު ސެނެގާލް ފުލް ފޯމުގައި ކުޅެން ފަށާފައި، 59 ވަނަ މިނެޓުގައި ޕަޕޭ ގޭ، އެޓީމުގެ ތިންވަނަ ގޯލް ޖަހައިދިނެވެ. ބަދަލަކަށް ނުކުތްތާ، ދެވަނަ މިނެޓުގައި ގޭ އެ ގޯލް ޖަހައިދިނީ ސާ ތަނަވަސްކޮށްދިން ފުރުސަތެއްގައި، އަރިމަތިން އެތެރެއަށް ނައްޓާލައި، ބޯޅަ ގޯލްގެ ކަނަށް އަމާޒުކޮށްލައިގެންނެވެ.

އިތުރު ގޯލަކަށް ސެނެގާލް ކުރި މަސައްކަތުގައި މާނޭގެ ނުރައްކާތެރި ހަމަލާއެއް ދަނޑިމަތިން ބޭރަށް ދިޔަ އިރު، ހަތަރުވަނަ ގޯލަކިވެސް ޕަޕޭ ގޭގެ ރީތި ގޯލެކެވެ. އިލިމަން އެންޑިއާ އޭރިއާ ރޮނގުމައްޗަށް ކަހަލަ ގޮތަކަށް މަތިން ބައިދާލަ ދިން ބޯޅަ، ގޭ ގޯލްގެ ތެރެއަށް އަމާޒުކޮށްލީ ވޮލީއަކުންނެވެ. އެ ގޯލާއެކު ސެނެގާލުން މެޗުގެ ފުލް ކޮންޓްރޯލް ހޯދައި، ނިންމާލީ އިތުރު ގޯލެއްވެސް ޖަހައިގެންނެވެ.

އެ ގޯލް ޖަހައިދިނީ އެންޑިއާއެވެ. ހިތްގައިމު ގޯލެކެވެ. އެ ގޯލާއެކު ސެނެގާލް ވެފައި ވަނީ ވޯލްޑް ކަޕް މެޗެއްގައި ފަސް ގޯލް ޖެހި އެފްރިކާގެ ފުރަތަމަ ޓީމަށެވެ.