ގްރޫޕް ޖޭގެ އެއްވަނަ ޔަގީންވެފައި އޮތް އާޖެންޓީނާއިން ޖޯޑަންއާ ދެކޮޅަށް ކުޅޭ ގްރޫޕްގެ ފަހު މެޗުގައި ކެޕްޓަން ލިއޮނަލް މެސީ ފުރަތަމަ 11 ގައި ނުހިމެނޭނެ ކަމަށް ކޯޗު ލިއޮނަލް ސްކަލޯނީ ބުނެފިއެވެ.

އާޖެންޓީނާއިން ގްރޫޕް ސްޓޭޖުގައި މިހާތަނަށް ދެ މެޗު ކުޅުނު އިރު، ފުރަތަމަ މެޗުގައި އަލްޖީރިއާ ކައިރިން މޮޅުވީ 3-0 އިންނެވެ. އަދި ދެވަނަ މެޗުގައި އޮސްޓްރިއާ ކައިރިން 2-0 އިން މޮޅުވި އިރު، އެ ހުރިހާ މެޗެއްގައިވެސް ގޯލުތައް ޖެހީ ކެޕްޓަން ލިއޮނަލް މެސީއެވެ.

މެސީ ވަނީ މިހާތަނަށް ވޯލްޑް ކަޕްގެ ތާރީހުގައި 18 ގޯލް ޖަހައިފައެވެ. މި ވޯލްޑް ކަޕްގެ ތެރެއިން މެސީ ވަނީ ވޯލްޑް ކަޕްގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ ރެކޯޑު މުގުރާލައިފައެވެ.

ވަނަ ވޯލްޑް ކަޕެއްގައި ކުޅެމުންދާ މެސީ، މި ހަފުތާ ތެރޭގައި އޭނާގެ 39 ވަނަ އުފަން ދުވަސް ފާހަގަކޮށްފައިވާ އިރު، ޖޯޑަންއާ ދެކޮޅަށް ފުރަތަމަ 11 އިން އޭނާ ނުފެންނާނެ ކަމަށް ކުރިންވެސް ބެލެވިފައިވާ އިރު، ސްކަލޯނީ ވަނީ ޕްރި މެޗު ޕްރެސްގައި އެކަން ޔަގީން ކޮށްދީފައެވެ.

"ލިއޯ ފަށާނީ ބެންޗުން،" ސްކަލޯނީ ބުންޏެވެ.

ސްކަލޯނީ ހަގީގަތަށް އެހެން ބުނެފައި ވަނީ އުމުރުން 91 އަހަރުގެ އާޖެންޓީނާ ނޫސްވެރިޔާ އެންރިކޭ މަކާޔާ މާކޭޒަށް ޖަވާބު ދެމުންނެވެ. މިއީ މަކާޔާ ކަވަރުކުރަ 18 ވަނަ ވޯލްޑް ކަޕު ކަމަށްވުމާއެކު ސްކަލޯނީ އެއީ ތެދުތެދަށް ޖަވާބު ދޭން މަޖުބޫރު ސުވާލެއް ކަމަށެވެ.

"މެސީ މެޗުގެ ފަހުކޮޅުގައި ފެންނާނެ. ދެން މެޗަށް ނުކުންނަ ކޮންމެ ކުޅުންތެރިޔަކީވެސް ފަށަން ހައްގު ކުޅުންތެރިން. އަހަރެން ގަބޫލުކުރަނީ އާޖެންޓީނާ މިހިސާބަށް އައީ ހުރިހާ ކުޅުންތެރިންވެސް ހިމެނިގެން ކުރި މަސައްކަތުން ކަމަށް. ލިބޭ ކޮންމެ ފުރުސަތެއްގައި ވީހާވެސް ގިނަ ކުޅުންތެރިންނަށް ޖާގަ ދޭން ވިސްނަން،" ފުރަތަމަ 11 އަށް އިތުރު ބަދަލުތައް އަންނާނެ ކަމަށް ފާހަގަކުރަމުން ސްކަލޯނީ ބުންޏެވެ.

އާޖެންޓީނާއާއި ޖޯޑަން ވާދަކުރާ މެޗު އޮންނާނީ ރާއްޖޭގަޑިން އާދިއްތާ ދުވަހުގެ ހެނދުނު 7:00 ގައެވެ. އެމެޗަށް ނުކުންނަ އިރު ޖޯޑަން އޮތީ ކަޓައިފައެވެ.