ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ސައުދީ އަރަބިއާއާ ދެކޮޅަށް ކުޅުނު މެޗުވެސް އެއްވަރުކޮށް ކޭޕް ވާޑުން މުބާރާތުގެ ގަދަ 32 ގެ ބުރަށް ދަތުރު ކޮށްފިއެވެ.
މިރޭ ހިއުސްޓަން ސްޓޭޑިއަމްގައި ކުޅުނު މެޗު އެއްވަރުވީ 0-0 އިންނެވެ.
ކޭޕް ވާޑުން މި ވަނީ ވޯލްޑް ކަޕްގެ ތާރީހު ލިޔެލައިފައެވެ. 530،000 އެއްހާ މީހުން ދިރިއުޅޭ ކޭޕް ވާޑަކީ މިހާތަނަށް ވޯލްޑް ކަޕްގައި ކުޅުނު ތިންވަނައަކަށް އެންމެ ކުޑަ ގައުމަށްވީ އިރު، އެޓީމުން މިރޭ ހޯދި ކާމިޔާބީއާއެކު އެއީ ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރަށް ދަތުރުކުރި އެންމެ ކުޑަ ގައުމެވެ. އަދި ފުރަތަމަ ވޯލްޑް ކަޕްގައި އެކަން ކުރުން އެއީ އިތުރު ޝަރަފެކެވެ. މިއީ 2006 ވަނަ އަހަރު ޔުކްރެއިނަށްފަހު ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ ފަހަރު ޓީމަކުން ނޮކްއައުޓަށް ދިޔަ ފުރަތަމަ ފަހަރުވެސް މެއެވެ.
މީގެ ކުރިން ސައުދީން ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރަށް ދަތުރުކޮށްފައި ވަނީ 1994 ވަނަ އަހަރު އެކަންޏެވެ. އޭގެފަހުން ފުރަތަމަ ފަހަރަށް ދެވަނަ ބުރަށް ދިޔުމުގެ މަސައްކަތަށް ސައުދީން ނުކުމެފައިވާ އިރު، ކޭޕް ވާޑަށް މިއީ ފުރަތަމަ ވޯލްޑް ކަޕެވެ.
އާބާދީގައި ހަ ލައްކަވެސް ހަމަ ނުވާ ކޭޕް ވާޑުން މެޗަށް ނުކުތްއިރު އޮތީވެސް ސައުދީއަށްވުރެ އުންމީދީ މަގާމެއްގައެވެ. އެޓީމަށް އެއްވަރު ކޮށްލައިގެންވެސް އަނެއް ބުރަށް ދެވެން އޮތެވެ.
އެއީ ކޭޕް ވާޑުން ފުރަތަމަ މެޗުގައި ސްޕެއިން ކައިރިން 0-0 އިން އެއްވަރުކޮށް، އުރުގުއާއީ ކައިރިން 2-2 އިން އެއްވަރުކޮށް ދެ ޕޮއިންޓް ހޯދާފައިވާތީއެވެ. ސައުދީ އުރުގުއާއީ ކައިރިން 1-1 އިން އެއްވަރުކުރި ނަމަވެސް ސްޕެއިން ކައިރިން އޮތީ 4-0 އިން ބަލިވެފައެވެ.
މިރޭގެ މެޗަށް ކޭޕް ވާޑުން ނުކުތީ ބަދަލުތަކަކާއެކުގައެވެ. އެގޮތުން ކޯޗު ބޫބިސްޓާ ވަނީ ފުރަތަމަ 11 އަށް ފަސް ބަދަލެއް މެޗަށް ގެނެސްފައެވެ. ސްޓީވެން މޮރޭރޯ، ގޮމޭސް އަރްކާންޖޯއާއި ގެރީ ރޮޑްރިގޭޒް އަދި ގިލްސަން ބެންޗިމޯލްގެ ބަދަލުގައި ވެގްނާ ޕިނާއާއި ޑެރޮއީ ޑުއާޓޭ އަދި ޑެލިއަން ލިވަރްމެންޓޯ ފުރަތަމަ 11 އަށް ނެރުނު އިރު، ސަސްޕެންޝަނުގައި ހުރި ސިޑްނީ ލޮޕޭޒް ކަބްރެލްގެ ބަދަލުގައި މެޗަށް ނުކުތީ ޕައުލޯ ފެނާންޑޭޒްއެވެ.
އަނެއްކޮޅުން ސައުދީވެސް ވަނީ އަލީ މަޖްރާޝީއާއި މުސާބް އަލް ޖުވޭރް އަދި ހަސަން އަލް ހާބީގެ ބަދަލުގައި އަބްދުލްރަހުމާން އަލް އޮބޫދާއި މުހައްމަދު ކަނޯ އަދި ފިރާސް އަލް ބުރައިކަން މަންދާޝް ކުޅެން ނެރެފައެވެ.
މެޗު ފަށައިގެން ފުރަތަމަ ފުރުސަތު ތަނަވަސްވީ ސައުދީ އަށެވެ. އަރިމަތިން ސައުދު އަބްދުލްހާމިދު ކުރިއަށް ޖެހި ނުރައްކާތެރި ހުރަހެއް ނަގައިދިން ނަމަވެސް، ސަލީމް އަލް ދައުސާރީ ކޮންޓްރޯލް ކޮށްލާފައި ފޮނުވާލި ބޯޅަ ޕިނާ ވަނީ ބްލޮކް ކޮށްލައިފައެވެ.
އެހިސާބުން ކޭޕް ވާޑުން ދޫ ނުދޭނެކަން އެޓީމުން ސާބިތުކޮށްދިނެވެ. ފުރަތަމަ ހާފުގައި ގޯލަށް އަމާޒުކުރި ހަމަލާތައް މަދު ނަމަވެސް ކޭޕް ވާޑުން ވަނީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައި، ނުރައްކާ ކޮށްފައެވެ. އެޓީމުން ސައުދީ އަތުން މެޗުގެ ކޮންޓްރޯލް ހޯދައި ހަމަލާތަކަށް އަވަސް އެޓޭކްތައް އުފައްދަން މަސައްކަތް ކުރިއެވެ.
އެގޮތުން މެޗުގެ 22 ވަނަ މިނެޓުގައި ވިލީ ސެމެޑޯ އަރިމަތިން އޭރިއާ ތެރެއަށް ވަދެ ހަނި ކަނަށް ފޮނުވާލި ބޯޅަ އަތުން ޖައްސާ ބޭރުކޮށްލީ ސައުދީ ކީޕަރު މުހައްމަދު އަލް އޮވައިސްއެވެ. އޭގެ އިރުކޮޅެއްފަހުން އަނެއްކާވެސް ސެމެޑޯ އަވަސް އެޓޭކެއްގައި އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ ދިޔައީ ބޭރަށެވެ.
ހާފުގެ ފަހުކޮޅުގައިވެސް ކޭޕް ވާޑުން ދިޔައީ ބޯޅަ ހިފަހައްޓައި، މެޗު ކޮންޓްރޯލް ކުރަމުންނެވެ. އެހެން ނަމަވެސް ހާފު ނިމެން ދަނިކޮށް ސައުދީއަށް ރަނގަޅު ފުރުސަތެއް ތަނަވަސްވިއެވެ. އޭރިއާ ތެރެއަށް ނަގައިދިން ރަނގަޅު ހުރަހެއްގައި ކަނޯ ފޮނުވާލި ހަމަލާ ދިޔައީ ކޭޕް ވާޑް ކީޕަރު ވޮޒީނިއާ އަތަށެވެ.
ދެވަނަ ހާފުގެ މަންޒަރުވެސް ފެނުނީ ދާދި އެއްގޮތަކަށެވެ. ނުރައްކާ ކުރީ ކުޑަކުޑަ ކޭޕް ވާޑުންނެވެ. ކޮންމެ ބޯޅައެއްގައިވެސް އެޓީމުގެ ހިތްވަރު، ޖޯޝު ފެނިގެން ދިޔައެވެ. 48 ވަނަ މިނެޓުގައި ކެޕްޓަން ރަޔަން މެންޑޭޒް ނަގައިދިން ހުރަސް، އޭރިއާ ތެރެއިން ޑެރޮއީ ޑުއާޓޭއަށް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ބޯޅަ ދިޔައީ އޮވައިސް އަތަށެވެ.
ކޭޕް ވާޑުން ފަހުކޮޅަށް ދިޔަ ވަރަކަށް ޑިފެންސްގައި މަޑުކުރަން ފެށި ނަމަވެސް، ކޮންމެ ކައުންޓާ އެޓޭކެއްގައި އެޓީމުން ދިޔައީ އިތުރު ނުރައްކާތައް ކުރިމަތިކުރަމުންނެވެ. އެގޮތުން 75 ވަނަ މިނެޓުގައި މުޅިން ހުސް ފުރުސަތެއްވެސް ހޯދިއެވެ. ކައުންޓާގައި ޑުއާޓޭ، އޭރިއާ ތެރެއިން ހުސްކޮށް އޮވެ ފޮނުވާލި ބޯޅަ، ކުޅަދާނަ ކަމާއެކު ކުރިއަށް ޖެހި ބޭރުކޮށްލީ ސައުދީގެ ކީޕަރު އޮވައިސްއެވެ.
އޭގެފަހުންވެސް މެޗުގެ ފަހުކޮޅުގައި ކޭޕް ވާޑުން ވަނީ ގޯލަކާ ގާތަށް ޖެހިލައިފައެވެ. ޕިނާއަށް އޭރިއާ ތެރެއިން ދެ ފުރުސަތެއް ލިބި ރަނގަޅަށް ފޮނުވާލެވިފައި ނުވާ އިރު، އެޓީމުން ވަނީ އެންމެ ފަހު ކަށިގަނޑާ ޖެހެންދެންވެސް ތަފާތު ހިތްވަރެއް ކޮށް، ގަދަ 32 ޔަގީން ކޮށްފައެވެ. އެއީ ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައެވެ.
ސްޕެއިން އެ ގްރޫޕް އެއްވަނަ ހޯދީ އުރުގުއާއީ ބަލިކޮށް، ތިން މެޗުން ހަތް ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް ކޭޕް ވާޑަށް ތިން މެޗުން ތިން ޕޮއިންޓް ލިބުނު އިރު، ސައުދީ ކެޓީ ތިން މެޗުން ދެ ޕޮއިންޓާއެކުގައެވެ. އުރުގުއާއީއަށްވެސް ލިބުނީ ތިން މެޗުން ދެ ޕޮއިންޓެވެ. އެޓީމުވެސް ވަނީ ކަޓައިފައެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް