މެލޭޝިއާގެ ކުއަލަލަމްޕޫރު އިންޓަނޭޝަނަލް އެއާޕޯޓު (ކޭއެލްއައިއޭ) މެދުވެރިކޮށް، ގަވާއިދާ ހިލާފަށް އެހެން ގައުމަކަށް އެކްސްޕޯޓުކުރަން އުޅުނު 13 މިލިއަން އެމެރިކާ ޑޮލަރު (52.9 މިލިއަން ރިންގިޓް) ގެ އަގުހުރި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޗިޕްތަކެއް އެ ގައުމުގެ ކަސްޓަމްސް އިން އަތުލައިގަނެފިއެވެ. ރޮއިޓާސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ތަކެތި އަތުލައިގަނެފައިވަނީ މި މަހުގެ 5 ވަނަ ދުވަހު އެއާޕޯޓުގެ ފްރީ ޓްރޭޑް ޒޯންގައި ހިންގި އޮޕަރޭޝަނެއްގައެވެ.
ކޭއެލްއައިއޭ ކަސްޓަމްސްގެ ޑިރެކްޓަރު ޒުލްކިފްލީ މުހައްމަދު ވިދާޅުވި ގޮތުގައި، ކަސްޓަމްސްގެ އޮފިސަރުން ބަލައިފާސްކުރިއިރު ފެނިފައިވަނީ އެންމެ ފަހުގެ އޭއައި ޗިޕްތައް ހިމެނޭ 72 ސާވާ ޔުނިޓެވެ. އޭނާ ވިދާޅުވީ މި ޗިޕުތަކުގެ ވިޔަފާރި ހިންގަން އުޅުނު ފަރާތްތަކުން، ކަސްޓަމްސްއަށް އޮޅުވާލުމުގެ ގޮތުން ލިޔެކިޔުންތަކުގައި އެއީ އާދައިގެ “ކޮމްޕިއުޓަރު ކޮމްޕޯނެންޓްސް” ނުވަތަ ކޮމްޕިއުޓަރުގެ ބައިތަކެއް ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގެ ތަހުގީގަށް މިހާތަނަށް އެނގިފައިވާ ގޮތުގައި، މެލޭޝިއާ ބޭނުންކޮށްފައިވަނީ މި ޗިޕްތައް އޭޝިއާގެ އެހެން ގައުމަކަށް ފޮނުވުމަށް ޓްރާންސިޓް ޕޮއިންޓެއްގެ ގޮތުގައެވެ. މެލޭޝިއާގެ ސްޓްރެޓީޖިކް ޓްރޭޑް އެކްޓުގެ ދަށުން، މިފަދަ ޓެކްނޮލޮޖީގެ ސާމާނު އެހެން ގައުމަކަށް ރީ-އެކްސްޕޯޓު ކުރެވޭނީ ހާއްސަ ހުއްދައެއް ނަގައިގެންނެވެ.
އެމެރިކާއިން އުފައްދާ މަތީ ފެންވަރުގެ ޗިޕްތައް ޗައިނާއަށް އެތެރެކުރުން ހުއްޓުވުމަށް އެމެރިކާއިން އަޅާފައިވާ ފިޔަވަޅުތަކާއެކު، މެލޭޝިއާއިން ވެސް ވަނީ މިދިޔަ އަހަރު އެކްސްޕޯޓު ކޮންޓްރޯލްތައް ވަރުގަދަކޮށްފައެވެ. މި އަތުލައިގަތުމަކީ ސަރަހައްދީ ސެމިކޮންޑަކްޓާ ސަޕްލައި ޗޭންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މެލޭޝިއާއިން އަޅަމުން އަންނަ ފިޔަވަޅުތަކުގެ ހަރުކަށިކަން ދައްކުވައިދޭ ކަމެއް ކަމަށް ރިޕޯޓުތަކުގައި ފާހަގަކޮށްފައިވެއެވެ.
މި މައްސަލައާ ގުޅިގެން ކަސްޓަމްސް އިން ވަނީ މި ޗިޕްތައް ހިމެނޭ ސާވާތައް ހިފަހައްޓައިފައެވެ. އަދި މި ޝިޕްމަންޓް ގެނައުމުގައި ހަރަކާތްތެރިވި މެލޭޝިއާގެ ލޮޖިސްޓިކްސް ކުންފުންޏެއްގެ މީހުން ތަހުގީގަށް ހާޒިރުކޮށްފައިވާއިރު، މި މައްސަލައިގެ ތަހުގީގަށް މިހާތަނަށް އެކަކު ހައްޔަރުކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ބުނެފައިވެއެވެ. ނަމަވެސް މި ތަކެތި ފޮނުވަން އުޅުނީ ސީދާ ކޮން ގައުމަކަށް ކަމެއް ކަސްޓަމްސް އިން ހާމަކޮށްފައެއް ނުވެއެވެ.
މެލޭޝިޔާ
މެލޭޝިޔާ
މެލޭޝިޔާ
މެލޭޝިޔާ
ކޮމެންޓް