ދެކުނު ކޮރެއާގައި ވަޒީފާގެ ބާޒާރުގެ ދަތިކަމާއި ބޯހިޔާވަހިކަމުގެ އަގުތައް އުފުލުމުގެ ސަބަބުން، އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ބަދަލުގައި މައިންބަފައިންނަށް މާލީ ގޮތުން ބަރޯސާވާ ބޮޑެތި މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށް ރިޕޯޓުތަކުން ދައްކައިފިއެވެ. “ފުލް-ޓައިމް ޗިލްޑްރަން” ނުވަތަ “ކެންގަރޫ ޓްރައިބް” ގެ ނަމުން ނަންދީފައިވާ މި ޒުވާނުންނަކީ، މައިންބަފައިންގެ ގޭގައި ދިރިއުޅެމުން، ގޭތެރޭގެ މަސައްކަތްތައް ކޮށްދިނުމުގެ ބަދަލުގައި މައިންބަފައިންގެ އަތުން ހަރަދު ހޯދާ މީހުންނެވެ.
ދެކުނު ކޮރެއާގެ ސަރުކާރުން 2024 ވަނަ އަހަރު ނެރުނު “ޔޫތު ލައިފް ސަރވޭ” އިން ދައްކާ ގޮތުގައި، އުމުރުން 19 އަހަރާއި 34 އަހަރާ ދެމެދުގެ ޒުވާނުންގެ ތެރެއިން 54.4 އިންސައްތަ މީހުން ދިރިއުޅެނީ އެ މީހުންގެ މައިންބަފައިންނާ އެކުގައެވެ. އަދި ވަޒީފާއާ ބެހޭ ޕްލެޓްފޯމެއް ކަމަށްވާ ޖިންހަކްސާ ކެޗް އިން ކުރި ދިރާސާއެއްގައި، އުމުރުން 20 އަހަރާއި 39 އަހަރާ ދެމެދުގެ 77 އިންސައްތަ މީހުން މާލީ ގޮތުން މައިންބަފައިންނަށް ބަރޯސާވާ ކަމަށް ބުނެފައިވެއެވެ. މީގެ ތެރެއިން ގިނަ މީހުންނަކީ އާމްދަނީއެއް ނުލިބޭތީ އަމިއްލަ ދިރިއުޅުމެއް ފެށުމަށް ނުކުޅެދިފައިވާ މީހުންނެވެ.
ސުންގްކިޔުންކްވާން ޔުނިވަސިޓީގެ ސޯޝިއޮލޮޖީ ޕްރޮފެސަރ ކޫ ޖޮންގް-ވޫ ވިދާޅުވި ގޮތުގައި، މިކަން މެދުވެރިވަނީ ވަޒީފާ ހޯދުމަށް އޮތް ދަތިކަމާއި، މައިންބަފައިންނާއި ދަރިންގެ ޖީލާ ދެމެދު އޮތް އިގުތިސާދީ ފަރަގު ބޮޑުވުމުގެ ސަބަބުންނެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ވަޒީފާ ނުލިބުމުގެ ސަބަބުން ދަރިން އަމިއްލަ ދިރިއުޅުމެއް ފެށުން ލަސްކުރާއިރު، މައިންބަފައިން އެ މީހުންނަށް އެހީތެރިވުމަށް އިހުތިޔާރުކުރެއެވެ. ނަމަވެސް މިކަން ދިގުލައިގެން ހިނގައްޖެނަމަ މުޖުތަމައުގައި އިޖުތިމާއީ މައްސަލަތައް އުފެދުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭނާ އިންޒާރުދެއްވިއެވެ.
މި ބަދަލާ މެދު މައިންބަފައިންނާއި ދަރިންގެ ހިޔާލު ތަފާތެވެ. އުމުރުން 30 އަހަރުގެ ދަރިއަކު ހުންނަ، އުމުރުން 58 އަހަރުގެ ކިމް ނަމަކަށް ކިޔާ މީހަކު ބުނި ގޮތުގައި، ހަމައެކަނި ލާރި ދިނުމަށްވުރެ ގޭތެރޭގެ މަސައްކަތްތައް ހަވާލުކުރުމުން ދެމީހުންނަށް ވެސް ފަސޭހައެވެ. އަދި ވަޒީފާ ދޫކޮށްލުމަށްފަހު މައިންބަފައިންގެ ގާތަށް ބަދަލުވި އުމުރުން 30 އަހަރުގެ ލީ ބުނި ގޮތުގައި، އޭނާ މިހާރު ވަގުތު ހޭދަކުރަނީ މައިންބަފައިންނަށް އެހީތެރިވުމަށާއި ގޭތެރެ ސާފުކުރުމަށެވެ. މީގެ އިތުރުން މައިންބަފައިން ގޮވައިގެން ހޮސްޕިޓަލަށް ދިއުމާއި ގޭތެރެއަށް ބޭނުންވާ ތަކެތި ގަތުމަކީ ވެސް އޭނާގެ ޒިންމާއެކެވެ.
މި މައްސަލައަށް އޮތް ހަމައެކަނި ހައްލަކީ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށްދިނުން ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.
ދެކުނު ކޮރެއާ
ދެކުނު ކޮރެއާ
ދެކުނު ކޮރެއާ
ދެކުނު ކޮރެއާ
ކޮމެންޓް