ލުބުނާނާއި އިޒްރޭލުން ހަމަލާތައް މެދުކަނޑާލައި، ސުލްހަ ގާއިމުކުރުމަށް އެމެރިކާގެ މެދުވެރިކަމާއެކު ވޮޝިންޓަންގައި ތިން ގައުމު ގުޅިގެން މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ފަސް ބުރަކަށް ކުރިއަށްދިޔަ މަޝްވަރާތަކަށްފަހު ސޮއިކުރި މި އެއްބަސްވުމުގެ ދަށުން، ލުބުނާނުގެ ދެކުނުގައިވާ ލިޓާނީ ކޯރުގެ އުތުރާއި ދެކުނުން އިޒްރޭލު ސިފައިން ފޭބުމަށް ވަނީ ހަމަޖެހިފައެވެ.
ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި އެއްބަސްވުން ބިނާކޮށްފައިވަނީ ހިޒްބުﷲގެ ހަތިޔާރު ނިގުޅައިގަނެވޭ ސަރަހައްދުތަކުން އިޒްރޭލު ސިފައިން ފޭބުމުގެ މައްޗަށެވެ. އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވި ގޮތުގައި، މިއީ އިޒްރޭލަށް ލިބުނު ސްޓްރެޓީޖިކް ކާމިޔާބީއެކެވެ. އަދި ހިޒްބުﷲގެ ހަތިޔާރުތައް އެއްކޮށް ނައްތާލެވެންދެން ލުބުނާނުގެ ދެކުނުގައި އިޒްރޭލު ސިފައިން ތިބޭނެ ކަމަށާއި މިއީ އީރާނަށް ދެވުނު ވަރަށް ބޮޑު ހަމަލާއެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މި އެއްބަސްވުމުގައި ލުބުނާނުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން އެމެރިކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ނާދާ ހަމާދޭ މުއައްވަދެވެ. އޭނާ ވިދާޅުވި ގޮތުގައި، މިއީ ލުބުނާނުގެ ސިޔާދަތާއި ސަރަހައްދީ މިނިވަންކަން އަނބުރާ ހޯދުމަށް އެޅުނު ފުރަތަމަ ފިޔަވަޅެވެ. އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވީ، މިއީ ދިގު އަދި އުނދަގޫ މަސައްކަތެއްގެ ފެށުން ކަމަށާއި ލުބުނާނުގެ ސިޔާދަތު އިއާދަކުރުމަށް މި އެއްބަސްވުމުގެ ސަބަބުން މަގުފަހިވެގެންދާނެ ކަމަށެވެ.
މި އެއްބަސްވުމަކީ އެމެރިކާ އާއި އީރާނާ ދެމެދު ސުލްހައިގެ އެއްބަސްވުމަކަށް އައުމަށް އޮތް ޝަރުތެއް ކަމަށް ބެލެވޭ އިރު، ސަރަހައްދީ ނުތަނަވަސްކަން އަދިވެސް އޮތީ ވަރަށް މަތީގައި ކަމަށް ހަބަރުތައް ބުނެއެވެ.
އެގޮތުން، ހޮރުމުޒް ކަނޑުއޮޅިން ދަތުރުކުރި ތެޔޯ ޓޭންކަރަކަށް އީރާނުން ހަމަލާދިން ކަމަށް ބުނެ، އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ވަނީ އީރާނުގެ އަސްކަރީ މަރުކަޒުތަކަކަށް ހަމަލާދީފައެވެ. މި އެއްބަސްވުން ތަންފީޒުކުރުމުގެ ގޮތުން، ލުބުނާނުގެ ސަރަހައްދުތަކުން އިސްރާއީލު ސިފައިން ފޭބުމުގެ މަސައްކަތް ފެށުމަށް މިހާރު ވަނީ ތާވަލުކުރެވިފައެވެ.
އެމެރިކާ
އެމެރިކާ
އެމެރިކާ
އެމެރިކާ
ކޮމެންޓް