އެމެރިކާގެ ޓެކްނޮލޮޖީ ކުންފުނިތަކަށް އަމާޒުކޮށް ޑިޖިޓަލް ސާވިސަސް ޓެކްސް ނަގާ ކޮންމެ ގައުމަކުން އެމެރިކާއަށް އެތެރެކުރާ ހުރިހާ މުދަލަކުން 100 އިންސައްތައިގެ ޓެރިފެއް ނަގާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ.

މީސްމީޑިއާގައި އިއްޔެ އާންމުކުރެއްވި ބަޔާނެއްގައި ޓްރަމްޕް ވިދާޅުވި ގޮތުގައި، ޔޫރަޕްގެ ގިނަ ގައުމުތަކަކުން އެމެރިކާގެ ކުންފުނިތަކުގެ އަތުން ޑިޖިޓަލް ޓެކްސް ނެގުމަށް މަޝްވަރާކުރަމުންދާ ކަމަށާއި، ބައެއް ގައުމުތަކުން އެކަން ތަންފީޒުކުރުމާ ގާތަށް ގޮސްފައިވާ ކަމަށެވެ. އަދި މިފަދަ ޓެކްހެއް ނަގާ ކޮންމެ ގައުމަކާ ދެކޮޅަށް ވަގުތުން 100 އިންސައްތައިގެ ޓެރިފް ތަންފީޒުކުރަން ފައްޓަވާނެ ކަމަށާއި، މިއީ ކުރިން ވެފައިވާ ވިޔަފާރީގެ އެއްބަސްވުންތަކަށް ވުރެ އިސްކަންދެވޭނެ ފިޔަވަޅެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޑިޖިޓަލް ސާވިސަސް ޓެކްސް އާންމުގޮތެއްގައި ނަގަނީ ދުނިޔޭގެ އެންމެ ބޮޑެތި ޓެކް ކުންފުނިތައް ކަމަށްވާ މެޓާ، އަލްފަބެޓް އަދި އެމެޒޯން ފަދަ އެމެރިކާގެ ކުންފުނިތަކުންނެވެ. ޓްރަމްޕް ތުހުމަތުކުރައްވާ ގޮތުގައި މި ޓެކްސްތަކަކީ އެމެރިކާގެ ކުންފުނިތަކަށް ގެއްލުން ދިނުމަށް ރާވައިގެން ނަގާ ބޭއިންސާފު ޓެކްސްތަކެކެވެ.

މި އިންޒާރާ ގުޅިގެން ޔޫރަޕިއަން ކޮމިޝަންގެ ތަރުޖަމާނު އޮލޮފް ގިލް ވިދާޅުވީ، ޔޫރަޕުން ނަގާ ޓެކްސްތަކަކީ ވަކި ބަޔަކަށް ތަފާތުކުރުމެއް ނެތި، ކުންފުނިތައް ނިސްބަތްވާ ގައުމަކަށް ބެލުމެއް ނެތި ހުރިހާ ބޮޑެތި ކުންފުނިތަކެއްގެ މައްޗަށް ހަމަހަމަކަމާއެކު ތަންފީޒުކުރާނެ ޓެކްސްތަކެއް ކަމަށެވެ. އަދި އެމެރިކާއިން މިފަދަ ފިޔަވަޅެއް އަޅައިފިނަމަ، ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ހައްގުތައް ހިމާޔަތްކުރުމަށް އަވަސް އަދި ހަރުކަށި ފިޔަވަޅުތަކެއް އަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި މައްސަލައިގެ ސަބަބުން ބައިނަލްއަގުވާމީ ވިޔަފާރީގެ ގުޅުންތައް ގޯސްވެ، މުދަލުގެ އަގުބޮޑުވުމުގެ އިތުރުން ދުނިޔޭގެ އިގުތިސާދީ ދުވެއްޔަށް ހުރަސްއެޅިދާނެ ކަމަށް މީޑިއާ ރިޕޯޓުތަކުގައި ފާހަގަކޮށްފައިވެއެވެ. އެމެރިކާއިން މި ޓެރިފްތައް ތަންފީޒުކުރާނެ ސީދާ ގޮތެއް އަދި ހާމަކޮށްފައެއް ނުވެއެވެ.