ހުޅުމާލެ ފޭސްދޭކުން 69.7 މިލިޔަން ރުފިޔާއަށް، ފިނޭންސް މިނިސްޓްރީން ބިމެއް ގަނެފިއެވެ.

ހުޅުމާލޭގައި އިސްލާމިކް ޔުނިވާސިޓީއެއް ގާއިމްކޮށް ހިންގުމަށް ފިނޭންސް މިނިސްޓްރީން ގަނެފައިވަނީ، 35،122 އަކަފޫޓުގެ ބިމެކެވެ.

ހުޅުމާލޭގައި އިސްލާމިކް ޔުނިވާސިޓީއެއް ގާއިމްކޮށް ހިންގުމަށް، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ނަމުގައި ހުޅުމާލެ ފޭސް ދޭކުގެ 35،122 އަކަފޫޓުގެ ބިން ޖީއެސްޓީ ހިމަނައިގެން 69.7 މިލިޔަން ރުފިޔާގެ އަގަށް ބުން ގަނެއް، ބިމުގެ އަގު އަދާކޮށް ހަލާސްކޮށްފައިވާތީ މި ބިން ވިއްކުމުގެ މުއާމަލާތަކީ ސައްހަ މުއާމަލާތެއް ކަމަށް ޝަރީއަތުން ކަނޑައެޅުމާ އެކު، މި ބިމުގެ މިލްކުވެރި ފަރާތަކީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިން (ދިވެހި ދައުލަތް) ކަމަށް ކަނޑައަޅައިދިނުމަށް އެޗްޑީސީގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅިއެވެ.

މި މައްސަލަ ބެލުމަށްފަހު ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ، ބިން ވިއްކުމަށް ހިންގި މި މުއާމަލާތަކީ ސައްހަ މުއާމަލާތެއް ކަމަށް ކަނޑައަޅާ ކަމަށެވެ.

މި މުއާމަލާތުގެ ސަބަބުން އެޗްޑީސީގެ އަމިއްލަ ބިމުގައި ހިމެނޭ ހުޅުމާލެ ފޭސް ދޭއް 35،122 އަކަފޫޓުގެ 23175 ބިމުގެ މިލްކުވެރި ފަރާތަކީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިން (ދިވެހި ދައުލަތް) ކަމަށް ކަނޑައަޅާ ކަމަށްވެސް ސިވިލްކޯޓުން ކުރި ހުކުމްގައިވެއެވެ.