ސައުދީ އަރަބިއްޔާ ކައިރިން 0-0 އިން އެއްވަރުވި ހިސާބުން ކޭޕް ވާޑްގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ދަނޑު މައްޗަށް ދުއްވައިގަތީ ފޯނުތަކާއެކުގައެވެ. އެއީ ސްޕެއިނާއި އުރުގުއާއީ ވާދަކުރި މެޗުގެ ނަތީޖާ ބެލުމަށެވެ. އެމެޗުން އުރުގުއާއީއަށް ޕޮއިންޓެއް ނުލިބުން އެއީ ކޭޕް ވާޑުން އެދުނު އެދުނެވެ. އެކަން ފުރިހަމަވީ ކުޑަ ވަގުތުކޮޅެއް ފަހުންނެވެ.
"އެހިސާބުން ދެން ފެނުނީ ހުސް އުފަލުގެ ކަރުނަ. ކުޅުންތެރިންނަށް އުޅެވުނު ނޫޅެވުނު ގޮތެއްވެސް ނޭނގެ،" ދަނޑުގައި ހުރި ބީބީސީގެ ނޫސްވެރިޔާ ރޮބް ލޯ ކޭޕް ވާޑްގެ ތާރީހީ މަންޒަރު ސިފަކޮށްދެމުން ބުންޏެވެ.
މި ވޯލްޑް ކަޕްގެ އެންމެ ބޮޑު މަގުބޫލުކަން ލިބުނު ކޭޕް ވާޑްގެ ކީޕަރު، ވޮޒީނިއާގެ މަންމަވެސް ދިޔައީ އުފާވެރިކަމުގެ ކަރުނައާއެކު ފުންމަމުންނެވެ. ހުރިހާ ކުޅުންތެރިންނަށް ކުރެވުނު އެ ޖަޒުބާތީ އިހުސާސާއެކު ލޮލުން ކަރުނަ އޮހޮރުނެވެ. އެއީ އުފަލުގެ ކަރުނައެވެ.
ކޭޕް ވާޑުން މި ވަނީ ވޯލްޑް ކަޕްގެ ތާރީހު ލިޔެލައިފައެވެ. 530،000 އެއްހާ މީހުން ދިރިއުޅޭ ކޭޕް ވާޑަކީ މިހާތަނަށް ވޯލްޑް ކަޕްގައި ކުޅުނު ތިންވަނައަކަށް އެންމެ ކުޑަ ގައުމަށްވީ އިރު، އެޓީމުން ހޯދި ކާމިޔާބީއާއެކު އެއީ ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރަށް ދަތުރުކުރި އެންމެ ކުޑަ ގައުމެވެ. އަދި ފުރަތަމަ ވޯލްޑް ކަޕްގައި އެކަން ކުރުން އެއީ އިތުރު ޝަރަފެކެވެ. މިއީ 2006 ވަނަ އަހަރު ޔުކްރެއިނަށްފަހު ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ ފަހަރު ޓީމަކުން ނޮކްއައުޓަށް ދިޔަ ފުރަތަމަ ފަހަރުވެސް މެއެވެ.
ގައުމުން ބޭރުގައި ތިބި ކުޅުންތެރިންނަށް ދިން ދައުވަތަކީ ތަފާތެއް
'ބްލޫ ޝާކްސް'ގެ ކާމިޔާބީއާ ގުޅިފައިވާ އެއް ކަމަކީ ކޭޕް ވާޑް ފުޓުބޯޅަ ފެޑަރޭޝަނުން އެހެން ގައުމުތަކުގައި ދިރިއުޅޭ އެގައުމުގެ ރައްޔިތުންނަށް ގައުމީ ޓީމަށް ކުޅުމަށް ދިން ދައުވަތެވެ.
ކުރިން ޕޯޗުގީޒުންގެ އަޅުވެތިކަމުގައި އޮތް ކޭޕް ވާޑަކީ އޭރު ކަނޑުފާރަވެރިންގެ މަންޒިލެކެވެ. ކަނޑުގެ އެކިއެކި ޓްރޭޑްތަކުގައި އެގައުމު ބޭނުންކޮށްފައިވާ އިރު، ކޭޕް ވާޑްގެ ގިނަ ބައެއްގެ ނަސްލު ގުޅިފައި ވަނީ ރޮޓަޑޭމްއާއެވެ. ނެދަލޭންޑްސްގެ އެ ގުޅުމުގެ އިތުރުންވެސް ޔޫރަޕްގެ އެތައް ގައުމެއްގައި އެގައުމުގެ އާއިލާތަކަށް އުފަން ކުޅުންތެރިން ދިރިއުޅެފައިވާ އިރު، އެއީ ކޭޕް ވާޑުން ކާމިޔާބީގެ ދަތުރަށް ކުރި ދަތުރުގެ އެއް ބައެވެ.
މިފަހަރު ވޯލްޑް ކަޕްގެ ނޮކްއައުޓް ސްޓޭޖަށް ދަތުރުކުރި ޓީމުގައި ހިމެނޭ 26 ކުޅުންތެރިންގެ ތެރެއިން 14 ކުޅުންތެރިންނަކީ އެހެން ގައުމުތަކަށް އުފަން ކުޅުންތެރިންނެވެ. އޭގެ ތެރެއިން ހަ ކުޅުންތެރިންނަކީ ނެދަލޭންޑްސްއަށް އުފަން ކުޅުންތެރިންނެވެ.
ކޭޕް ވާޑުން އެކިއެކި މަގުތަކުން އެގައުމަށް ކުޅުންތެރިން ހޯދަން މަސައްކަތް ކޮށްފައިވާ އިރު، އޭގެ ތެރެއިން އެއް ކުޅުންތެރިއެއް ކަމަށްވާ ރޮބާޓޯ ލޮޕޭޒްއަކީ ތަފާތު ގޮތަކަށް ގައުމީ ޓީމަށް ގެންދިޔަ ކުޅުންތެރިއެކެވެ. ޑަބްލިންގައި ދިރިއުޅޭ ލޮޕޭޒް 2019 ވަނަ އަހަރު ގައުމީ ޓީމަށް ގެންދިޔައީ ވިޔަފާރި ނެޓްވޯކިން ވެބްސައިޓް ލިންކްޑިން މެދުވެރިކޮށެވެ. ކޭޕް ވާޑްގެ ފުރަތަމަ މެސެޖަކީ ސްޕޭމެއް ކަމަށް ހީކުރި ކަމަށްވެސް އޭނާ ބުނެފައިވެއެވެ.
އޭގެ އިތުރުން އެގައުމުގެ އެކަޑެމީތައް ރަނގަޅުކޮށް، ގްރާސް ރޫޓަށް އިންވެސްޓް ކުރުމަކީ ކޭޕް ވާޑުން ދުރާލައި ފުޓުބޯޅައިގެ މަގުބޫލުކުރުމަށް ރާވައިގެން ކުރި މަސައްކަތެކެވެ. ކޭޕް ވާޑް އެފްއޭ ރައީސް މާރިއޯ ސެމެޑޯ ވިދާޅުވީ، ވޯލްޑް ކަޕް ދަތުރަކީ އެގައުމުގެ ފުޓުބޯޅައަށް ލިބުނު ބޮޑު ދިރުމެއް ކަމަށާއި، އެކަމުގެ ސަބަބުން މުޅި ފުޓުބޯޅަ ބަދަލުވާނެ ކަމަށެވެ.
އެގޮތުން މިހާރު އިތުރު ކުރިއެރުމަށް ޓީމުގެ ބޯނަސް ފައިސާ ހަރަދުކުރަން ނިންމާފައިވާ ކަމަށްވެސް ސެމެޑޯ ފާހަގަކުރެއްވިއެވެ.
ކޯޗުގެ ދަތުރު ބޮޑު
ކޭޕް ވާޑުން އެފްރިކާގެ އެންމެ ވަރުގަދަ ގައުމަށް ހެދުމުގެ ފަހަތުގައި ހުރީ އެފްރިކާގެ އެންމެ މޮޅު ކޯޗުގެ މަގާމު 2025 ވަނަ އަހަރު ހޯދި ޕެޑްރޯ ބްރިޓޯ، ބޫބިޝްޓާގެ ދައުރު ބޮޑެވެ. ކުރިން ކޭޕް ވާޑް ގައުމީ ޓީމަށް ސެންޓަ ބެކަކަށް ކުޅުނު ބޫބިޝްޓާއަކީ 2020 ވަނަ އަހަރުން ފެށިގެން ގައުމީ ޓީމުގެ ކޯޗެވެ.
އުމުރުން 56 އަހަރުގެ ބޫބިޝްޓާ ކޭޕް ވާޑްގެ އަމިއްލަ ސްޓައިލެއް ބިނާކޮށްފިއެވެ. ޑިފެންސިވްލީ ކޮމްޕެކްޓް، ޑިސިޕްލިން ޓީމެއް ބިނާކުރިއެވެ. އޭގެ އިތުރު މެދުތެރެއިން ކުޅޭނެ ހުނަރުވެރި މިޑްފީލްޑަރުންނާއި އެފްރިކާގެ ވަރުގަދަ ގައުމުތަކަށް ނުރައްކާ ކުރާނެ ވާދަވެރި ފޯވަޑުންވެސް އޭނާ ބިނާކޮށް އުފައްދައިފިއެވެ. އެފްކޯން 2023 ގެ ކުއާޓާ ފައިނަލަށް ދިޔަ ކޭޕް ވާޑުން ވަނީ އެފަހަރު ގާނާއާއި މިސްރުވެސް މާޔޫސް ކޮށްލައިފައެވެ. ކޭޕް ވާޑުން އެންމެ ފުރަތަމަ އެފްކޯން ކުޅުނީވެސް 2013 ގައެވެ.
ވޯލްޑް ކަޕަށް ނުކުމެ ފުރަތަމަ 2010 ވަނަ އަހަރު ސްޕެއިން ހިފެހެއްޓުމުން ކޭޕް ވާޑަކީ ހަމައެކަނި ބަސް އަތުރާލައިގެން ތިބޭ ޓީމެއް ކަމަށް ފެނުނު ނަމަވެސް، ފަހުން އެ ޓީމުގެ ފެންވަރު ސާބިތުކޮށްދީފިއެވެ. ސައުދީ ކައިރިން ކޭޕް ވާޑް ފެނުނީ މާބޮޑަށްވެސް ވަރުގަދަކޮށެވެ. އެޓޭކްތައް ނިންމައިނުލެވުނީއެވެ. ވަރުގަދަ އުރުގުއާއީ ހިފެހެއްޓީ ގޯލްވެސް ޖަހައިގެންނެވެ.
އޭގެ އިތުރުން އަދި އެއް ކަމެއް އެބައޮތެވެ. ކޭޕް ވާޑުން ގަދަ 32 އާ ހަމައަށް ދިޔަ ތިން މެޗުގެ ދަތުރުގައި އެޓީމުން ކުރީ ކިތައް ފައުލްކަން އެނގޭ ހެއްޔެވެ. އެއީ ސްޕެއިނާ ދެކޮޅަށް ކުޅުނު މެޗުން ކުރި ފައުލެކެވެ.
ކޭޕް ވާޑުން ކުރި އެ މަސައްކަތުގައި ދެން އޮތީ ހުވަފެނީ ކުރިމަތިލުމެކެވެ. މިޔާމީގެ ހޫނުގައި އެޓީމުން ގަދަ 32 ގައި ނުކުންނަން ޖެހޭނީ އެންމެފަހުގެ ޗެމްޕިއަން އާޖެންޓީނާއާ ދެކޮޅަށެވެ. ރަން ބެޖު ޖެހި ލިއޮނަލް މެސީއާ ދެކޮޅަށެވެ. އެއަށްވުރެ ވަކި ޝަރަފުވެރި ކުރިމަތިލުމެއް ނުވެސް ލިބޭނެތާއެވެ.
މުޙައްމަދު ޝަމްޢޫން
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް