ޗައިނާގެ ވެރިރަށް ބެއިޖިންގެ އެންމެ އުސް އިމާރާތް ކަމަށްވާ "ސިޓިކް ޓަވަރު" (ޗައިނާ ޒުން) އަށް ކުޑަ މަތިންދާބޯޓެއް ވެއްޓި، ބޯޓު ދުއްވަން އިން ޕައިލެޓް މަރުވެއްޖެއެވެ. އިއްޔެ ހަވީރު ހިނގި މި ހާދިސާގައި އިތުރު 13 މީހަކަށް އަނިޔާވެފައިވާ ކަމަށް ޗާއޮޔަންގް ޑިސްޓްރިކްޓުގެ ކަމާބެހޭ ފަރާތްތަކާ ހަވާލާދީ ރޮއިޓާސްއިން ރިޕޯޓުކޮށްފައިވެއެވެ.

އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، 109 ފަންގިފިލާގެ މައްޗަށް އެކުލެވޭ 528 މީޓަރު އުސް މި އިމާރާތުގައި ޖެހިފައިވަނީ ޗައިނާގައި އުފައްދާފައިވާ ދެ ގޮނޑީގެ ލައިޓް ސްޕޯޓްސް އެއަރކްރާފްޓެއް ކަމަށްވާ "ސަންވާޑް އެސްއޭ60އެލް އޮރޯރާ" މަރުކާގެ ބޯޓެކެވެ.

ފްލައިޓްރާޑާ24 އާ ހަވާލާދީ ނޫސްތަކުން ބުނެފައިވާ ގޮތުގައި، މި ބޯޓު ނައްޓައިލީ ބެއިޖިންއާ 50 ކިލޯމީޓަރު ދުރުގައި އޮންނަ އެއާޕޯޓަކުންނެވެ. ބޯޓު އެ އިމާރާތުގައި ޖެހުމާއެކު، މަތީ ފަންގިފިލާއެއްގެ ބިއްލޫރިގަނޑު ތަޅައިގެން ގޮސް، ބޯޓުގެ ބައިތަކާއި ބިއްލޫރިތައް ތިރިއަށް ފައިބައިފައިވެއެވެ. މަންޒަރު ދުށް މީހަކު ރޮއިޓާސްއަށް ކިޔައިދިން ގޮތުގައި، ބޯޓު ޖެހުނު އަޑު ބަޑިބޭހުގެ އަޑަށްވުރެ ވެސް ގަދައެވެ.

ހާދިސާ ހިނގުމާއެކު، ފުލުހުންނާއި އެމްބިއުލާންސް އަދި އަލިފާން ނިއްވާ މީހުން ވަނީ އެ ސަރަހައްދަށް ގޮސް، މަގުތައް ބަންދުކޮށްފައެވެ. އަދި އިމާރާތުގައި ތިބި މީހުން ވަގުތުން ވަނީ ހުސްކޮށްފައެވެ. ނަމަވެސް، ކަމާބެހޭ ފަރާތްތަކުން ވަރަށް އަވަހަށް ސަރަހައްދު ސާފުކޮށް، އާންމު ހާލަތަކަށް ގެނެސްފައިވެއެވެ.

މިއަދު ހެނދުނުވިއިރު، އިމާރާތުގެ ބޭރުން ހަލާކުވެފައިވާ ތަން ވަނީ ފޮރުވައިފައެވެ. އިމާރާތުގެ މެނޭޖްމަންޓާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިމާރާތުގެ މައިގަނޑު އޮނިގަނޑަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ކަށަވަރުވެފައި ނުވާއިރު، ޗައިނާގެ ކަމާބެހޭ ފަރާތްތަކުން އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ބެއިޖިންގެ މެދުތެރެއަކީ އާންމުކޮށް މަތިންދާބޯޓު އުދުހުން މަނާ، އަދި ވައިގެ ސަރަހައްދު ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްފައި އޮންނަ ސަރަހައްދެކެވެ. އެހެންކަމުން، މި ބޯޓު އެ ސަރަހައްދަށް ވަން ގޮތެއް ހޯދުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ މަސައްކަތްކުރަމުންނެވެ.