ހުޅުމާލެ ފޭސް އެކެއްގައި ގައި ހުންނަ ގެއެއްގެ ތެރޭ މަސްތުވެގެން ތިބެ މިއަދު ހެނދުނު އަޑުގަދަކޮށް ހަމަނުޖެހުން ހިންގާ ކަމުގެ ރިޕޯޓެއް ލިބިގެން ފުލުހުން ގޮސް، ހައްޔަރުކުރި މީހުންނަކީ މާރާމާރީގައި އަނިޔާ ލިބުނު މީހުން ކަމަށް އެ މީހުން ކޯޓުގައި ބުނެފިއެވެ.
މިއަދު ހެނދުނު 6:05 ހާއިރު ހުޅުމާލެ ފޭސް އެކެއްގެ އިމާރާތެއްގެ އެޕާޓްމަންޓެއްގައި ހަމަނުޖެހުން ހިނގަމުންދާ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން އެ ސަރަހައްދަށް ގޮސް ހަތަރު ދިވެއްސަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެެ. އެއީ ދިވެހި ދެ އަންހެނުންނާއި ދިވެހި ދެ ފިރިހެނުންނެވެ.
ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދިޔަ މަންޒަރު ފެންނަ ވީޑިއޯތަކާއި ފޮޓޯތައް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައިވެއެވެ. އެ ވީޑިއޯތަކުން އެތަނުގައި ތިބި މީހުންގެ މެދުގައި ހަމަނުޖެހުން ހިނގަމުންދާ މަންޒަރާއި ގައިގޯޅިކޮށް އުޅޭ މަންޒަރު ފެނެއެވެ.
މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް މިއަދު ހާޒިރުކުރުމުން، އެ މީހުން ބުނެފައިވަނީ އެތަނުގައި ހިނގީ މާރާމާރީއެއް ކަމަށާއި އެމީހުންނަކީ އެ މާރާމާރީގެ ސަބަބުން އަނިޔާ ލިބުނު ފަރާތްތައް ކަމަށެވެ.
އެގޮތުން ހައްޔަރުކުރި 26 އަހަރުގެ އަންހެން މީހާ އާއި 29 އަހަރުގެ އަންހެން މީހާ ބުނެފައިވަނީ، އެތަނުގައި ހިނގި މާރާމާރީ ހުއްޓުވަން މަސައްކަތް ކުރީ އެމީހުން ކަމަށެވެ.
އެ މީހުން ކޯޓުގައި ބުނީ އަނިޔާ ދިން ފަރާތްތައް އެތަނުން ފިލައިގެން ދިޔައީ ކަމަށެވެ.
ކޯޓުން ވަނީ މި ދެ މީހުންގެ ބަންދަށް ފަސް ދުވަހުގެ މުއްދަތެއް ދީފައެވެ.
މި މައްސަލައިގައި ހައްޔަރުކުރި 34 އަހަރުގެ ފިރިހެން މީހާގެ ބަންދަށް ތިން ދުވަސް އަދި 24 އަހަރުގެ ފިރިހެން މީހާގެ ބަންދަށް ވަނީ ފަސް ދުވަސް ޖަހައިފައެވެ.
ކޯޓު އަމުރުން އެނގޭ ގޮތުގައި 24 އަހަރުގެ ފިރިހެން މީހާ ބަންދު މަޖިލީހަށް ހާޒިރު ކުރި އިރުވެސް ހުރީ މަސްތުގެ ހާލަތުގައި ކަމަށް ބެލެވޭތީ، އޭނާގެ ބަންދަށް ފަސް ދުވަސް ކޯޓުން ވަނީ ދީފައެވެ.
ފުލުހުން މިހާރު އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އަލީ ޔާމިން
ޕޮލިސް
ޕޮލިސް
ކޮމެންޓް